ads
އެމްއެންޑީއެފް އިން މާލޭތެރޭ ފޯރި މަރަނީ
ކޮމެޓީއަށް ވަކިވަކި ސިފައިން ހާޒިރުކޮށް ސުވާލެއް ނުކުރެވޭނެ: އެމްއެންޑީއެފް
ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށާއި، މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީއާއި ސިފައިންގެ ޗެއިން އޮފް ކޮމާންޑް"އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ގާއިމްކުރެވިފައި އޮތް އުސޫލުތަކާއި ހިލާފް ކަމެއް ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ނިމިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ރައީސް ނަޝީދަށް ދެވުނު ވަރުގަދަ ސެެކިޔުރިޓީ ބްރީޗު(ފޫއަޅުވާލި) ގޮތާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީން ހިންގަމުންދާ އިންކުއަރީއަށް ސިފައިންގެ ވަކިވަކި ސިފައިން ހާޒިރުކޮށްވެސް ދަނީ ސުވާލުކުރަމުންނެވެ.

އެހެންނަމަވެސް ސިފައިންގެ މަސްއޫލިއްޔަތާއި، ވާޖިބު އަދާކުރާގޮތާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުކުރެވޭނެ ކަމާއި، ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ޖަވާބުދާރީވާނީ އެ މުއައްސަސާގެ ފަރާތުން ކަމަށް ބުނެ އެމްއެންޑީއެފްގެ ފަރާތުން ސިޓީއެއް ކޮމެޓީއަށް ފޮނުވާފަވާކަމަށް މިއަދު ވަނީ އަޑުތައް ފެތުރިފައެވެ.

އެކަމާއި ގުޅިގެން މިއަދު އެމްއެންޑީއެފްއިން ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނު އަސާސީގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި، ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމިޓީތަކަށް ލިބިދޭ ބާރުތައް ބަޔާންކޮށްފައިވާއިރު، ކޮންމެ މީހަކަށްމެ އަދި ކޮންމެ މުއައްސަސާއަކަށްމެ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ ކޮމިޓީއެއްގެ ސަބް ކޮމިޓީއަކަށް ހާޒިރުވެ ހެކިބަސްދިނުމަށާއި، މަޖިލީހުން ބޭނުންވާ ކޮންމެ ލިޔެކިޔުމެއް ހުށަހެޅުމަށް އެންގިދާނެކަމުގައި ބަޔާންކޮށްފައިވާ ކަމަށާއި، އަދި ކޮންމެ މީހަކާއި ނުވަތަ ކޮންމެ މުއްސަސާއަކާ ރައްޔިތުންގެ މަޖިލީހުން ކުރާ ކޮންމެ ސުވާލަކަށްމެ އެމީހަކަށް ނުވަތަ މުއައްސަސާއަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެ ކަމުގައިވެސް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ސަލާމަތީ ކޮންމެ ހިދުމަތެއްމެ ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުންކަމަށާއި، އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ކޮންމެ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސް އަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާންވާނެ ކަމުގައި ގާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިނދު، ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ބޭނުން ހިފާ ގޮތާމެދު އަދި އެ މީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ "ޗީފް އޮފް ޑިފެންސް ފޯސް"އަށް ކަމަށް ސިފައިންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަަމަށެވެ. އަދި، ސިފައިންގެ މައްޗަށް ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިގެންވާ އެންމެހާ ގާނޫނީ ބާރާއި، އިހްތިޔާރުގެ ބޭނުން ހިފާގޮތާ މެދުގައާއި އޭނާގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށް ކަމަށް އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. 

"ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢުލޫމާތެއް ސިފައިންގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހިއްސާ ކުރުމަކީ ކުށެއް ކަމުގައި ބަޔާންކޮށްފައިވާ ހިނދު ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ، ސިފައިންގެ އަސްކަރީ ހައިރާކީއާއި ސިފައިންގެ ޗެއިން އޮފް ކޮމާންޑް"އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުޞޫލުތަކާއި ހިލާފް ކަމެކެވެ." އެމްއެެންޑީއެފްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެންޑީއެފްއިން ބުނީ އެކަމުގެ ސަބަބުން މުޅި ގައުމީ ދިފާއީ ބާރާއި އެބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް