
ހައްޔަރު ކުރުމުގެ ތެރޭ އަނިޔާވެރި ގޮތަކަށް މަރާލި އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑު މަރާލި މައްސަލައިގައި، ކުރީގެ ފުލުސް އޮފިސަރެއް ކަމަށްވާ ޑެރެކް ޗަވިން އަށް 30 އަހަރުގެ ޖަލު ހުކުމެއް ކުރަން އެދިފައިވާއިރު ނިމިދިޔަ އެޕްރިލް މަހު ތެރޭ އޭނާގެ މައްޗަށް ފްލޮއިޑް މަރާލި ކަމުގެ ކުށް ވަނީ ސާބިތުވެފައެވެ.
މިމަހުގެ 25 ވަނަ ދުވަހު އޭނާއަށް ހުކުމް ކުރަން ހަމެޖެހިފައިވާއިރު ޕްރޮސެކިޓަރުން ވަނީ "މުޅިގައުމު ސިއްސުވާލި" އެ މަރުގެ މައްސަލައިގައި،އޭނާ ވީހާވެސް ދިގު މުއްދަތަކަށް ޖަލަށް ލާން އެދިފައެވެ.
އެ މަރަކީ ޑެރެކް "ރަނގަޅު މަގްސަދެއްގައި އުޅެނިކޮށް ހެދުނު ގޯހެއް" ކަމަށާއި އެއީ އޭނާ ޓްރެއިން ކުރެވިފައި ހުރިގޮތުން ހެދުނު ގޯހެއް ކަމަށް އޭނާގެ ދިފާއީ ވަކީލުން ބުނެއެވެ.
ޖޯޖު ފްލޮއިޑްގެ މަރާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތެކެއްގައި ކަޅު ނަސްލުގެ މީހުންނާއި މެދު ގެންގުޅޭ ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް ވަނީ މުޒަހާރާތައް ކޮށްފައެވެ.
އަދި އެމެރިކާގައި ސިލްސިލާކޮށް ހިންގި މުޒާހަރާތަކާ ގުޅިގެން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުންވަނީ ފްލޮއިޑަށް އިންސާފު ހޯދައި ދިނުމަށް އޭނާގެ ނަމުގައި ގާނޫނެއްވެސް ހަދާފައެވެ.