ads
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް - ފޮޓޯ: މުހައްމަދު ޝަރުހާން
މިނިސްޓަރު މަހުލޫފު އާއި މުބީންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ތަހުގީގުކޮށް ނިންމައި އެ މައްސަލައިގައި މަހްލޫފްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅައިފި އެވެ.

އެކަން ހާމަކޮށް އޭސީސީން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަވިސް އާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، އެމައްސަލައިގެ ތަހްގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލައި އޭސީސީން ބުނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު މަހުލޫފް އަށް ލިބިފައިވާކަން ތަހްގީގުން އެނގޭ ކަމަށެވެ.

އެގޮތުން، އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި މަހްލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށްކަމާއި، ރައްޔިތުންގެ މަޖިލީހުގައި މަހްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސްއޯއެފްގެ ޗެކަކުން މަހްލޫފްގެ އެކައުންޓަށް 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހްގީގުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު އަހްމަދު އަދީބު ޢަބްދުލްޣަފޫރު އާއި މަހްލޫފް އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފް ގެ ޗެކް އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާއި ގުޅުވުމުން، މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަދީބު، މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހްގީގުން އެނގޭކަމަށްވެސް އޭސީސީން ބުނެފައިވެއެވެ. 

މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރަކީ، ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ބުނެ އެސްއޯއެފް ނަމުގައި ތައްޔާރުކޮށްފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމެއް އޭސީސީއަށް މަހްލޫފްގެ ފަރާތުން ހުށަހަޅާފައި އޮތްނަމަވެސް، ތަހްގީގުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތް ކަމަށާއި އެއީ އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި މަހްލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަހްގީގަށް ލިބިފައިވާ ހެކި ގަރީނާއިން އެނގެން އޮތުމުން އެ މައްސަލައިގައި ކަރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވީ ކަމަށެވެ.

ހަމައެހެންމެ، 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަކީ، ޑޮލަރު ގަނެވިއްކުމުގެ އަދި ސައްހަ މުއާމަލާތެއްކަން ދެއްކުމަށްޓަކައި އޭސީސީ އަށް ހުށަހަޅާފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސްއޯއެފް އާ ހަވާލުކޮށްފައިވާނެކަމަށް، މަހްލޫފް އޭސީސީ އަށް ފޮނުވާފައިވާ ސިޓީއާއި، ދީފައިވާ ބަޔާނަކީ، ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށްޓަކައި ދީފައިވާ ބަޔާނެއްކަން ތަހްގީގަށް ފާހަގަކުރެވޭ ކަމަށް އޭސީސީން ބުނެފައިވެއެވެ. އެގޮތުން، މަހްލޫފް ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ތަހްގީގަށް އެނގެން އޮތުމުން ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 521 ވަނަ މާއްދާ ގެ (ހ) އަދި (ށ) ގެ ދަށުން، މަހްލޫފް ގެ މައްޗަށް ދައުވާ ކޮށްދިނުން އެދި އެމައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ. 

މީގެއިތުރުން، އެމުއާމަލާތަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސްއޯއެފް އާ ހަވާލުކޮށްފައިވާނެކަމަށާއި، އެއީ ސައްހަ މުއާމަލާތެއްކަމަށް ދެއްކުމަށް އޭސީސީ އަށް ހުށަހަޅާފައިވާ ލިޔުމަކީ ދިވެހި ފައިސާ ބަލައިގަތުމަށް ފަހު އެސްއޯއެފް އިން ދޫކޮށްފައިވާ ލިޔުމެއް ކަމަށް ދޭހަވާ ގޮތަށް އޭސީސީގެ ތަހްގީގަށް ގ.ހާފްސީ / މާލެ، އަލީ މުބީން ބަޔާން ދީފައިވަނީ އޭސީސީ އަށް ދޮގު މައުލޫމާތު ދިނުމުގެ ގޮތުންކަން ތަހްގީގަށް އެނގެން އޮތުމުން ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 521 ވަނަ މާއްދާ ގެ (ހ) އަދި (ށ) ގެ ދަށުން، މުބީން އަށް ދައުވާ ކޮށްދިނުން އެދިވެސް އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް