
ޔޫރޯ 2020 ގައި މިރޭ ފިންލޭންޑާއި ޑެންމާކް ވާދަކުރި މެޗުގައި ޑެންމާކްގެ ޑިފެންސިވް ފޯވާޑް ކްރިސްޓެން އެރިކްސެން ކުއްލި ގޮތަކަށް ވެއްޓި ހަބަރު ހުސްވުމުން އޭނާއަށް ސީޕީއާރުދޭ މަންޒަރު ލައިވް ކުރުމުން ބްރޯޑްކާސްޓަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ނުރުހުންފާޅުކުރާ ފަރާތްތަކުން ބުނަމުންދަނީ އިންސާނަކު މަރުގެ ތުންފަތް މަތީ އޮންނަ މަންޒަރު ކުޅިވަރަކަށް ހަދައި ލައިވްކުރުމަކީ އިންސާނިއްޔަތާ ހިލާފު ކަމެއް ކަމަށެވެ. އަދި އެވަގުތު ވިސްނަންވީ ހަމައެކަނި ދަނޑުމަތީ ކުޅޭ ކުޅިވަރާމެދު އެކަނި ނޫންކަމަށާއި ދަނޑުމަތީ ކުޅިވަރުކުޅޭ އިންސާނުންނާ މެދުވެސް ވިސްނަންވާނެ ކަމަަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އަދި އެވަގުތު އެޓީމުގެ ކުޅުންތެރިން ދެއްކި ނަމޫނާއަށް ގިނަ ބަޔަކު އަންނަނީ ތައުރީފުވެސް ކުރަމުންނެވެ.
ކުޅުންތެރިން ވަނީ އެރިކްސެން އަށް ފަރުވާ ދެމުންދާ މަންޒަރު ފޮރުވުމަށް އޭނާ ވަށާލައި ފޮތި ދަމާފައެވެ.
ޔޫއެފްއާއިން ބުނީ ހޮސްޕިޓަލަށް ގެންދެވުމަށް ފަހު އެރިކްސެންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެފަހުން ޑެންމާކްގެ ފުޓްބޯލް އެސޯސިއޭޝަނުން ކުރި ޓުވީޓެއްގައި ބުނީ އެރިކްސެން މިހާރު ހޭޖެހިފައިވާ ކަމަށެވެ.
އެރިކްސެން ވެއްޓިފައިވަނީ މެޗުގެ 42 ވަނަ މިނެޓުގައި ދަނޑުގެ ވައަތް ފަރާތު އަރިމަތީ ލައިނު ކައިރިން ދުވެފަ ދަނިކޮށް ކުއްލިއަކަށެވެ.
އޭނާ ވެއްޓުނު ވަގުތު 16،000 މީހުން މެޗު ބަލަން ސްޓޭޑިއަމަށް ވަދެ ތިއްބެވެ.
އެރިކްސަންއަށް ސީޕީއާރުދޭން ފެއްޓުމުން ޔޫއެފާއިން ވަނީ މެޗު ހުއްޓުވާފައެވެ. މެޗު ހުއްޓުވި އިރު ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.