އެފްޑީއައި ޕޮލިސީގައި ކުރީގައި އޮންނަ ގޮތުން ނަމަ 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓެއް ނުކުރެވޭނެއެވެ. ކުރީގައި ގަވާއިދުގައި ވާގޮތުން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ ބޭރުގެ 75 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ފަސް އަހަރުގެ މުއްދަތަށެވެ.
އެފްޑީއައި ޕޮލިސީއަށް ބަދަލުގެނެސް އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިސްލާހުގައި ވާގޮތުން އެއްވެސް ދިވެހި ހިއްސާއެއް ނޯންނަ 100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެއެވެ. އެކަން ކުރެވޭނީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގެ ސަރުކާރުގެ ހުއްދަ ލިބިގެންނެވެ.
އަދި ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
މި އިސްލާހަށް މިއަދުން ފެށިގެން އަމަލު ކުރެވޭނެއެވެ.
ސަތޭކަ އިންސައްތަ ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓް ކުރެވޭގޮތް ހަދާފައި މިވަނީ ހަނިމާދޫގައި ތަރައްގީކުރާ އެއާޕޯޓު ހިންގުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.