ads
ވީޑިއޯ ރިޕޯޓް-
ސަރުކާރަށް ފިލާވަޅު ދަހެއް ނުވި؟
ކޮވިޑުގެ ކޭސްތައް މިހާރު ދަށްވެފައިވީ ނަމަވެސް އަންނަ ހަފްތާގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަކީ އެންމެ ރަނގަޅު ނިންމުމެއް ކަމުގައި ވެދާނެބާއެވެ؟

ރާއްޖެއިން އެންމެ ފުރަތަމަ 2020 ވަނަ އަހަރު ކޮވިޑްގެ ކޭސްއެއް ފެނުނީ ކުރެއްދޫ އައިލެންޑު ރިސޯޓުންނެވެ. ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ދިޔަފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަތުރުވެރިޔާ ބަލި ވުމުން އޭނާ އާއި ބެހޭ މައުލޫމާތު ރިސޯޓްގެ ޑޮކްޓަރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ހިއްސާ ކުރިކަން ވަނީ ހާމަވެފައެވެެ. ކޮވިޑް އަށް ޝައްކު ކުރެވޭ ކޭސްއެއް ފާހަގަ ކުރެވުމާއި އެކު ރިސޯޓުން އެޗްޕީއޭއަށް އެ މައުލޫމާތު ހިއްސާ ކުރުމުން ވެސް ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅައި، އެއީ އެހާ ބޮޑުކަމަކަށް ނުހަދާ ގައުމަށް ފޮނުވާލީއެވެ. އެއީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ވީ އެންމެ ފުރަތަމަަ އިހުމާލެވެ. ގިނަ ބަޔަކު އެ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްހެދިއެވެ. 

ރިސޯޓުތަކުން ކޮވިޑްގެ ކޭސްތައް ފެންނަމުންގޮސް އެންމެ ފަހުން 2020 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ވެރިރަށް މާލެއިން ކޮވިޑްގެ ކޭސްއެއް ފެނުނެވެ. އެއާއެކު އެ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި މުޅި މާލެ ސަރަހައްދު ފުރަބަންދުކޮށް އެއްގޮތަކަށްވެސް ބޭރަށް ނުކުމެ އުޅުން މަނާކުރިއެވެ. ރާއްޖޭގެ ބޯޑަރުވެސް ބަންދުކޮށް ކޮވިޑުގެ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅިއެވެ. އެހެންނަމަވެސް ދުވާލެއްގެ މައްޗަށް ކޮވިޑު ޖެހޭ މީހުން މަދުވާން ފެށިތަނާހެން، މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނެވެ.

ފުރަބަންދަށް ދިން ލުއިތަކާއެކު ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް އިތުރުވާންފެށި ނަމަވެސް ސަރުކާރުން މަސައްކަތް ކުރީ ދެވަނަ ފަހަރަށް ފުރަބަންދަކަށް ނުގޮސް ކޮވިޑް ކޮންޓްރޯލް ކުރުމަށެވެ. މާލެ ސަރަހައްދުން 14 ދުވަހުގެ ކަރަންޓީނަކާ ނުލައި ނޫނީ ރާއްޖޭގެ އެއްވެސް ރަށަކަށް ދަތުރު ނުކުރެވޭގޮތައްވެސް އޭރު އޮތީ ހަދާފައެވެ. އޭރު ކޮވިޑްގެ ކޭސްތައް ކޮންމެވެސް ވަރަކަށް މެނޭޖުކުރެވެމުން ދިޔަ ނަމަވެސް ރާއްޖޭގެ ހާލަތު ގޯސްވެގެން ދިޔައީ މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ދިން ލުއިތަކުގެ ސަބަބުންނެވެ.

ރާއްޖޭގައި ކޮވިޑްގެ އަދަދުތައް 50 އިން ދައްވެފައިވަނިކޮށް އެޕްރީލް މަހު އެެއްފަހަރާ ބޮޑެތި ލުއިތަކެއްދިނީ އެޕްރީލް 10ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމަށެވެ. އޭރު ދިން ހުއްދައިގެ ދަށުން ކަރަންޓީން ނުވެ ރަށްރަށަށް ދެވޭގޮތް ހެދުމާއި، ކެމްޕެއިން ކުރުމުގެ ފުރުސަތުގެ ތެރެއިން ހަފްލާތަކާއި އެެއްވެއުޅުން މަނާކޮށްފަ އޮތް އޮތުންވެސް ހުއްދަކުރިއެވެ. އެއާއެކު ރާއްޖެއިން ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިންތިހާއަށް އިތުރުވެ ރާއްޖޭގެ ގިނަ ރަށްތަކަކުން ކޮވިޑުގެ ކޭސްތައް ފެންނަންފެށިއެވެ.

އޭގެފަހުން މާޗު މަހުގެ ތެރޭގައި ކޭސްތައް ކުއްލިއަކަށް 100 އިން މަތިވެ މެއި މަހުގެ ތެރޭގައި 1000 އާއި 2000 ގައި ކޮވިޑް ކޭސްތައް ފެންނަންފެށިއެވެ. އަދި މެއި މަހުގެ ތެރޭގައި ކޮވިޑުގެ ގިނަ މަރުތަކެއްވެސް ވަނީ ހިނގާފައެވެ. މިހާރުވެސް 70 ރަށެއް ކޮވިޑް 19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތައް ގެނެސްފައިވާއިރު، މުޅި ރާއްޖެއަށް ކޮވިޑް ފެތުރި ހާލަތު ގޯސްވީ އެޕްރީލް މަހު ދެވުނު ލުއިތަކުގެ ސަބަބުން ކަމަށް ރައީސް ސޯލިހު ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ. އެއާއެކު އަނެއްކާވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ވަރުގަދަ ފިޔަވަޅުތަކެއް އެޅިއެެވެ.

މިހާރު މާލޭ ސަރަހައްދުގައި ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު އިއުލާނުކޮށްފައިވާއިރު ކާފިއު ނޫން ވަގުތުތަކުގައިވެސް ހާއްސަ ހުއްދައެއް ނެތި ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އަދި މާލެއާ ހުޅުމާލޭއާ ދެމެދުގެ ބަހުގެ ހިދުމަތްވެސް ކަނޑާލައި ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތް އޮންލައިކޮށް ސުކޫލުތަކުގެ ކިޔެވުންވެސް އޮންލައިން ކުރިއެވެ. މި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މިހާރު ދަނީ ފެންނަމުންނެވެ. ދުވާލެއްގެ މައްޗައް ޕޮޒިޓިވްވަމުންއައި ޖުމްލަ އަދަދު މިހާރު 200 އަށް މަދުވެފައިވާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ ބޮޑުތަނުން ދަށްވެފައެވެ.

މިހާރު އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އަންނަ ހަފްތާގެ ތެރޭގައި ލުއިތަކެއް ދެއްވާނެކަމުގެ އިޝާރާތެއް އަނެއްކާވެސް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ކުރައްވާފައެވެ. މިހާރު ރާއްޖޭގައި އިއުލާންކޮށްފައިވާ ހަރުކަށި ކާފިއުއާއި ގުޅިގެން ދަތިތަކެއް ކުރިމަތިވާކަން ގަބޫލުކުރައްވާކަން ފާހަގަކުރައްވައި، ކުރިއަށްއޮތް ހަފްތާތެރޭގައި ލުއިތަކެއް ދިނުމަށް ކަންކުރާނެ ގޮތަކާއި މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އުފެދޭ ސުވާލަކީ ކޮވިޑުގެ ކޭސްތައް ދަށްވެލުމާއެކު މިދޭ ލުއިތަކުގެ ސަބަބުން އަނެއްކާވެސް ކޭސްތައް ބޮޑުތަނުން އިތުރުވެ ހިތާމަވެރި މަރުތައް ކުރިމަތިވެގެންދާކަން ނޭނގެނީތޯއެވެ؟ ކޮވިޑުގެ ކޭސްތައް ކުޑަމިނުން މާލެ ސަރަހައްދުން އެއްކޮށް ކޮންޓްރޯލް ވަންދެން ފިޔަވަޅުތައް ދެމެހެއްޓުމަކީ ރަނގަޅު ކަމަކަށް ނުވެދާނެބާއެވެ؟ ފުރަބަންދުގެ ސަބަބުން ދަތިތަކާ ކުރިމަތިވީ ނަމަވެސް ލުއިތައް ދިނުމުގެ ސަަބަބުން އަނެއްކާވެސް ޕޮޒިޓިވްވާ މީހުން އިތުރުވެ ގިނަ ބަޔަކު ކޮވިޑުގައި ދުނިޔެ ދޫކޮށް ދިއުމަކީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫންކަން ޔަގީނެވެ. ވެދިޔަ ތަނުން ފިލާވަޅު ދަސްކޮށް އިބުރަތް ހާސިލެއް ނުވިތޯއެވެ؟ 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް