މީދޫއިން އެކަން ތަޖުރިބާކުރި ގޭގެ މީހާ “ސީއެންއެމް”އާއި ވަނީ އެކަން ހިނގާފައިވާގޮތް ހިއްސާކޮށްފައެވެ.
އޭނާ ކިޔާދިން ގޮތުން މިމަހުގެ 14ވަނަ ދުވަހުގެ ރޭ (ހާދިސާ ހިނގި ރޭ)ދަންވަރު 04:15 ހާއިރު ކޮޓަރީގައި ނިދަން އޮއްވާ ބޭރުން ފިހިގަނޑު ވެެއްޓޭ އަޑު އިވުނު އެވެ. ގެއަކީ ސީސީޓީވީ ހަރުކޮށްފައިވާ ގެއެއް ކަމުން ކޮޓަރީތެރެއިންވެސް ސީސީޓީވީ ޗެކްކޮށްލެވޭ ކަމަށް އޭނާ ކިޔާދިނެވެ. އެހެންކަމުން އެވަގުތުވެސް ބޭރުގައި ހަރުކޮށްފައިވާ ސީސީޓީވީން ބޭރު ބެލިން ކަމަށާއި އޭރު ފެނުނީ ފިހިގަނޑު ވެއްޓިފައި އޮއްވާ ކަމަށް އޭނާ ބުނެއެވެ.
އޭނާ ބުނީ އަޖައިބުކުރަނިވި ބިރުވެރި އެ ވީޑިއޯ ފެނުނީ ރޭ އެ ސީސީޓީވީ ޗެކްކޮށްލުމުން ކަމަށެވެ. އޭނާ ބުނީ އެ ވީޑިއޯ ފެނުމާއިއެކު “ގައިން ހީބިހި ނަަގައިގެން ދިޔަ”ކަމަށާއި، އެފަދަ ކަމެއް ކުރިން ސީސީޓީވީ އަކުން ނުދެކެން ކަމަށެވެ. އެ ވީޑިއޯ އޭނާ ވަނީ ސޯޝަލް މީޑިއާގައިވެސް ހިއްސާކޮށްފައެވެ. ވީޑިއޯއިން ފެންނަ ގޮތުން ދަންވަރު ގެ ވަގުތުގައި އެ ގޭގެ ސިޓިން ރޫމް މައި ދޮރު ކައިރީ ބަހައްޓާފައިހުރި ފިހިގަނޑެއް ރީތިކޮށް ހިނގާލާފައި އައިސް ދޮރުކުރިމައްޗަށް ވެއްޓެއެވެ.
ހާދިސާ ތަޖުރިބާ ކުރި ފަރާތުން ސީއެންއެމްއަށް ކިޔާދީފަައިވާގޮތުން އެ ފިހިގަނޑަކީ އަބަދުވެސް އެތަނުގައި ބަހައްޓާފައި ހުންނަ ފިހިގަނޑެކެވެ.
ހަތަރު ކޮޓަރި ހުންނަ އެގޭގައި ދިރިއުޅެނީ އޭނާ އާއި އޭނާގެ އަންހެނުންގެ އިތުރުން މަންމަ އާއި އެއްބަނޑު އެއްބަފާ ހަތަރު ކޮއްކޮ އެވެެ.
އެގެއަކީ ބޭރުގައި ވަކިން ދެކޮޓަރި އަދި އެތެރެއަށް ވާގޮތަށް އިތުރު ދެކޮޓަރި ހުންނަ ގެއެކެވެ. އެ ހާދިސާ ހިނގާފަައިވަނީ އޭނާ ދިރިއުޅޭ ބޭރަށް ހުންނަ ކޮޓަރީގެ ސިޓިންރޫމްގައެވެ. އޭނާ ބުނީ އެގެއަކީ މީގެ ކުރިން ޖިންނި މޮޔަވުމުގެ ކަމެއް ހިނގި ގެއެެއް ނަމަވެސް ރުގަޔާކޮށްގެން މުޅިން ރަނގަޅުވެފައި ހުންނަތާ އެތައް އަހަރުތަކެެއް ވެފައިވާ ގެއެެއް ކަމަށެވެ. އަދި އެގެއިން އެފަދަ ކަމެއް މީގެ ކުރިން ފެނިފައިނުވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ދަންވަރު ފާޑުފާޑު އަޑުއަޑުއިވުމާއި، މީހުން ބޭރުގައި އުޅޭހެން ހީވާ ފަދަ އަޑުތަކެއް މިފަހުން އިވެނީ އޭނާގެ ގެއިން އެކަންޏެއް ނޫނެވެ.
އޭނާ ކިޔާދިން ގޮތުން ދަންވަރު ފާޑުފާޑު އަޑުއަޑު އިވޭކަމަށް އެ ރަށުގެ ބައެއް އަވަށްޓެރި ގޭގޭ މީހުންވެސް ބުނާކަމަށް ވެއެވެ. އެ ސީސީޓީވީ ފޮޓޭޖް ފެނުމުން އެހެން އަވައްޓެރި ގޭ މީހުންވެސް އެގޭގެއިން ވެސް މިފަހަކުން އަޑުއަޑު އިވޭކަމަށް ބުނިކަމަށާއި، އެހެންނަމަވެސް އެފަދަ ކަމެއް އެހެން ގެއަކުން ފެނިފައިނުވާކަމަށް ބުނާ ކަމަށް އޭނާ ބުންޏެއެވެ.
އޭނާ ބުނީ އެވާހަކަތައް މަންމަ އާއި ހިއްސާކުރުމުން އެއީ ކާފިއު ވަގުތުގައި މުޅި ރަށް ފަޅަށް އޮންނާތީ ވާކަމެއްކަމަށް ވެދާނެކަމަށް މަންމަ ބުނިކަމަށެވެ.
އޭނާ ބުނީ ސޯޝަލް މީޑިއާގައި އެ ވީޑިއޯ އާއްމުކުރުމުންވެސް ވަރަށް ގިނަ ބަޔަކު އެއީ އަސްލުތޯ ސުވާލުކުރާކަމަށެވެ. އެހެންނަމަވެސް އެންމެން ކައިރީގައިވެސް އެއީ އަސްލުކަމަށް ބުނުން ފިޔަވައި އެކަން ޔަގީން ކޮށްދެވޭނެ ގޮތަކީ ސީސީޓީވީ ފޮޓޭޖް ކަމުން ރަށުގެ ބައެއް މީހުންނަށް އެ ފޮޓޭޖްވެސް ދައްކާފައިވާނެ ކަމަށެވެ.
އޭނާ ބުނީ އެރޭ ވާރޭ ވެހުނު ކަމަށެވެ. އެހެންނަމަވެސް އެކަން ހިނގި ވަގުތަކީ އެއްވެސް ވަރަކަށް ވައިޖެހުނު އަދި ވާރޭ ވެހުނު ވަގުތެއްވެސް ނޫންކަމަށާއި، މޫސުން ގޯސް ވަގުތެއްވެސް ނޫންކަމަށެވެ. އަދި ވަޔާ ވެއްޓުނު ކަަމަށް ވިޔަސް ފިހިގަނޑެއް ވެއްޓެންވާނީ އެހެން ނޫންކަން އެންމެންނަށް ގަބޫލްކުރެވެން ވާނެ ކަމަށް އޭނާ ބުނެއެވެ.
ފިހި ގަނޑު ސީދާ ހިނގާފައި އަންނަތަން އެންމެ ސާފުކޮށް އެ ފުޓޭޖުން ފެންނަ ކަމަށް އޭނާ ކިޔާދިނެވެ. އޭނާ ބުނީ އޭގެފަހުން އިތުރު ކަމެއް އެރޭވެސް އަދި ރޭގަައިވެސް މިހާތަނަށް ހިނގާފަނުވާ ކަމަށެވެ.