ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ ބިލަށް ބަހުސް ކުރައްވަމުން ހަލީމް ވިދާޅުވީ އެ އިސްލާހަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމްއާއެކު މަޝްވަރާ ކުރުމަށްފަހު ހުށަހެޅުއްވި ބިލެއް ކަމަށާއި އެކަމުގައި ޕާޓީތަކުގެ ލީޑަރުންގެ ރައުޔު ވެސް ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ބިލު މަޖިލީހަށް ރަނގަޅަށް ނުވެއްދިގެން އުޅެނިކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބިލާ ދެކޮޅު ހައްދަވައި "ފިތުނަ އުފެއްދުމުގެ" ބަޔާނެއް ނެރެފައިވާ ކަމަށް ވިދާޅުވެ ހަމީލް ވަނީ ވަރަށް ބޮޑަށް އެ ޕާޓީއަށް ފާޑުވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ޖޭޕީގެ ސެކެރެޓަރީ ޖެނެރަލް އަލީ އާރިފް ސީއެންއެމްއަށް ވިދާޅުވީ މި ބިލަކީ އެ ޕާޓީއާ އެއްވެސް ގޮތަކަށް މަޝްވަރާ ކުރުމެއްނެތި ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ބިލާ ގުޅޭ ގޮތުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެކޭ ގޮތް ވެސް ހާމަކޮށްފައިވާނެ ކަމަށާއި އަދި ޕާޓީން ދެކޭ ގޮތް ވެސް ހާމަކޮށް ބަޔާން ނެރެފައިވާނެ ކަމަށެވެ.
އަލީ އާރިފް ވިދާޅުވީ ޖޭޕީން ނެރެފައިވާ ބަޔާނުގައި އެވަނީ ޕާޓީގެ ލީޑަރުގެ އިތުރުން ޕާޓީގެ ހުރިހާ މެންބަރުން ވެސް މި ބިލާ ދޭތެރޭ ދެކޭ ގޮތް ހާމަކޮށްފަކަމަށެވެ.
ބިލާ ދެކޮޅަށް ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނުގައި ވަނީ ބިލު ފާސްކުރަން އުޅެނީ ވަކި ބަޔަކަށް ހިމާޔަތް ހޯދައިދިނުމަށް ކަމަށް ތުހުމަތުކޮށްފައެވެ. އެ ޕާޓީން ދެކޭ ގޮތުގައި ހިސާން ހުށައެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް ގޮތަށް އެމަފްހޫމުގައި ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި ނަމަ، ރައްޔިތުންގެ މަޖިލީހާއި އަދި އެނޫންވެސް ތަންތަނުގައި ﷲ ތައާލާގެ މަޝްރަތަށާއި އެކަލާންގެ ރަސޫލާ އަށް ފުރައްސާރަކޮށް، އިސްލާމްދީން ދެކޮޅަށް ފާޅުގައި ވާހަކަދައްކާ ހަދާ މީހުންނަށް އެ ހުޅުވާދެވުނީ އެކަން ކުރުމުގެ ގާނޫނީ ދޮރެއް ކަމަށެވެ.
ﷲ ތަޢާލާގެ ހަޒްރަތަށާއި އެކަލާންގެ ރަސޫލާ އަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ ހަދާ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް މިހާރު ހެދިފައި ހުރި ގާނޫނު ތަކުގައި ބުނެދީފައި އޮތް ނަމަވެސް އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނާޅާކަން ޖޭޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.