އެމްއެމްޕީއާރުސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޕޮލިޝް މާކެޓްގެ ޓުއާ އޮޕަރޭޓަރު އިޓާކާއާއި ދިވެހިރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސަން އޯޝަންއާއި ގުޅިގެން ފަށާފައިވާ ޗާޓަރު ފްލައިޓްގެ A330 ގެ އެއާކްރާފްޓް ހަފްތާއަކު އެއްފަހަރު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއަހަރުގެ ފެބުރުއަރީމަހުގެ 19 ވަނަ ދުވަހު ލޮޓް ޕޮލިޝް އެއާލައިންއިން 290 ޕަސިންޖަރުންނާއި އެކު ޗާޓަރު ފްލައިޓުތައް ފަށާފައިވާކަމަށާއި މި ޗާޓަރު މިއަހަރުގެ މޭ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިއައް ގެންދިޔަކަން އެމްއެމްޕީއާރުސީން ފާހަގަކުރިއެވެ. އަދި މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ފަށި ލޫކް އެއާގެ ޗާޓަރު ފްލައިޓްތައް 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
ލޫކް އެއާގެ ފުރަތަމަ ޗާޓަރު ފްލައިޓުގައި 297 ފަތުރުވެރިން ޕޮލެންޑުން ދިވެހިރާއްޖެއަށް ޒިޔާރާތްކުރި ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ. ޕޮލެންޑުން ރާއްޖެއަށް އެންމެ ފުރަތަމަ ޑައިރެކްޓް ޗާޓަރު ފްލައިޓްއެއް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.
އެމްއެމްޕީއާރުސީން ބުނީ ސަން އޯޝަން އަދި އިޓާކާގެ ވަރަށް ބާރުދިނުމުގެ ގޮތުން ވިޒިޓް މޯލްޑިވްސް އިން ދިވެހިރާއްޖޭގެ ރީތި ނަން ދަމަހައްޓާ ފަތުރުވެރިން ދަތުރުކުރަން އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ޕްލޭންޑް މާކެޓަށް އަމާޒުކޮށް އިޓާކާ އާއި އެކު ޖޮއިންޓް ކެމްޕެއިނެއް މި މަހު ފަށާފައިވާ ކަމަށެވެ. އެ ކެމްޕެއިންގައި އިޝްތިހާރު ތަކާއި ޑިޖިޓަލް ހަރަކާތްތަކެއް ކުރިއަށްގެންދިއުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ރާއްޖޭގައި ތަޖުރިބާކުރެވޭނެ ތަފާތު ކަންތައްތަކަށް އެ ކެމްޕެއިނުގައި އަލިއަޅުވާލެވުނު ކަަމަށް އެމްއެމްޕީއާރުސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ރާއްޖެ އަކީ ގުދުރަތީގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ޖަޒީރާ މަންޒިލަކަށްވުމުން ދިވެހި ރާއްޖެއަކީ ދަތުރުފަތުރުކުރަން އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައިވެސް މި ކެމްޕެއިންގައި އިޝްތިހާރުވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީން މައުލޫމަތުދެއެވެ.
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.