މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން އެތައް މިލިއަން ރުފިޔާއެއް ހިފައިގެން ފިލައިގެން އުޅެނިކޮށް ލަންކާއިން ހައްޔަރުކޮށްގެން އައްމަޓީ މާލެ ގެނައީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ސާޅިސް ދެ ދައުވާ އުފުލާފައިވާ އައްމަޓީ ހައްޔަރުކޮށްގެން ގެނައީ ރެޑް ނޯޓިސްވެސް ނެރެގެންނެވެ.
ކުރިން ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުރި ހަސަން ސައީދު ކުރިމިނަލް ކޯޓަށް ބަދަލު ކުރުމުގެ ކުރިން ޖޭއެސްސީން އެންމެ ފުރަތަމަ ނިންމީ، އޭނާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރާށެވެ. ސުލޫކީ މައްސަލަތަކެއް ސާބިތުވެ، މިހާރު މިއޮތް ޖޭއެސްސީން ހަސަން ސައީދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން 2019 އަހަރުގެ ތެރޭގައި ނިންމިއެވެ. ހަސަން ސައީދު މަގާމުން ވަކިކުރަން ނިންމުމަށް ފަހު ކުއްލި އަކަށް ދެން ފެނުނީ އޭނާ ކުރިމިނަލް ކޯޓަށް ބަދަލު ކުރި މަންޒަރެވެ.
ހަސަން ސައީދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ނިންމި މައްސަލަތަކުގެ ތެރޭގައި ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން އުޅުނުކަން ޖޭއެސްސީގެ ތަހުގީގަށް ސާބިތުވުން ހިމެނެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހަތް ދައުވާއެއް އުފުލާފައިވަނިކޮށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލުމާ ގުޅިގެންވެސް ހަސަން ސައީދުގެ މައްސަލައެއް ޖޭއެސްސީން ބަލަން ފެށިއެވެ. އެއީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭގެ ފަހުން އޭޕްރީލް މަހުވެސް ހަސަން ސައީދުގެ އިތުރު މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅި ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެހެންނަމަވެސް މިއިން އެއްވެސް މައްސަލައެއްގައި ޖޭއެސްސީއަށް ހަސަން ސައީދާ މެދު ފިޔަވަޅެއް އެޅޭތަނެއް ނުފެނެއެވެ.
އެމްއެމްޕީއާރުސީގެ އެތައް މިލިއަން ރުފިޔާއަކަށް ހިޔާނަތްތެރިވި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު އެންމެ ދެމިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ޖަލަން ލާން ހުކުމްކުރީވެސް ގާޒީ ހަސަން ސައީދުއެވެ.
ހަސަން ސައީދުގެ އެތައް މައްސަލައެއް ޖޭއެސްސީގައި މިހާރުވެސް އެބައޮތެވެ. ހަސަން ސައީދު ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ކުރިން ނިންމަންވެސް ނިންމިއެވެ. އެހެންނަމަވެސް ހަސަން ސައީދު ފާހަގަވެފައި މިވަނީ ޖޭއެސްސީއަށް "އަތް ނުލެވޭ" ފަނޑިޔާރެއްގެ ގޮތުގައެވެ.