
ޑަބްލިއު.އެޗް.އޯ ގެ ސީނިއަރ އެޑްވައިޒަރު ޑރ.ބްރޫސް އައިލްވާޑް އާއި ޙަވާލާދީ ބީ.ބީ.ސީ އިން ރިޕޯޓް ކޮށްފައިވާ ގޮތުން، މި ސްކީމްގެ ދަށުން މިހާތަނަށް 90 މިލިއަން ވެކްސިން ޑޯޒް 131 ޤައުމަކަށް ފޯރުކޮށްދީފައިވެއެވެ. އެހެން ނަމަވެސް މިޢަދަދަކީ، ފަޤީރު ޤައުމުތަކުގެ އާބާދީ އާއި އަޅާބަލާއިރު، ބޭނުންވާ މިންވަރާއި ގާތްކުރާ ޢަދަދެއް ވެސް ނޫންކަމަށް ބީ.ބީ.ސީ އިން ރިޕޯޓް ކޮށްފައިވެއެވެ.
ކޮވެކްސް ސްކީމް މެދުވެރިކޮށްގެން ދެމުން ގެންދާ ވެކްސިންގެ ޢަދަދުތައް މަދުވެ، އެކަމާއި ކަންބޮޑުވުން ފާޅުކުރާ މި ދަނޑިވަޅަކީ، އެފްރިކާގެ ޤައުމުތަކަށް ކޮވިޑް-19 ގެ ތިންވަނަ ރާޅެއް އަރައި، ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ.
މިދިޔަ ހޯމަ ދުވަހު، ސައުތް އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ ވަނީ، މުއްސަނދި ޤައުމުތަކުން ވެކްސިން ކޮންޓްރޯލްކޮށްގެން އުޅޭއުޅުން ހުއްޓާލުމަށް ގޮވާލައި، ވެކްސިންގެ ބޭނުން އިންތިހާއަށް ބޭނުންވެފައިވާ ފަޤީރު ޤައުމުތަކަށް މިހާރަށްވުރެ ފަސޭހައިން ވެކްސިން ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ގޮވާލާކަން ހާމަކޮށްފައެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ރަމަފޯސާ ވިދާޅުވެފައިވަނީ، މިހާތަނަށް މުޅި އެފްރިކާގައި ދެވިފައިވަނީ ގާތްގަނޑަކަށް 40 މިލިއަން ޑޯޒްގެ ވެކްސިން ކަމަށެވެ. އަދި މިއީ މުޅި އެފްރިކާގެ އާބާދީގެ އެއްމެ 02 ޕަސެންޓް ކަމަށްވެސް ރައީސް ރަމަފޯސާ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ކޮވެކްސް ސްކީމް މެދުވެރިކޮށް ސައުތު އެފްރިކާއަށް ޚާއްސަކޮށް ވެކްސިން އުފައްދާ މިންވަރު އިތުރު ކުރުމަށް ރީޖަނަލް ހަބެއް އުފެއްދުމަށްވެސް ރައީސް ރަމަފޯސާ ވަނީ ގޮވާލައްވާފައެވެ.
ކޮވެކްސް އަކީ ޑަބްލިއު.އެޗް.އޯ އިސްވެ، ކޮވިޑް-19 އަށް ޚާއްސަކޮށް ތައްޔާރުކުރާ ވެކްސިން ދުނިޔޭގެ ހުރިހާ ޤައުމަކަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ތައްޔާރުކުރެވުނު ސްކީމެކެވެ. ކޮވެކްސްގެ ފުރަތަމަ އަމާޒަކަށް ހަދާފައިވަނީ 2021 ވަނަ އަހަރު ނިމުމުގެ ކުރިން ދެ ބިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދިނުމަށެވެ. އެހެންނަމަވެސް، ވެކްސިން އުފެއްދުމުގައި ދިމާވި ދަތި ތަކާއި، ވެކްސިން ފޯރުކޮށް ދިނުމުގައި ދިމާވި ގޮންޖެހުންތަކާއި އެކު، މި އަމާޒަށް ވާސިލް ވެވޭގޮތް ވަނީ ނުވެފައެވެ.
ޔޫގަންޑާ، ޒިމްބާބްވޭ، ބަންގަލަދޭޝް އަދި ޓްރިނިޑާޑް އަދި ޓޮބޭގޯ އަކީ އެޤައުމުތަކުގައި ހުރި ވެކްސިން ހުސްވެދާނެކަމުގެ ބިރު ހީވެފައިވާ ކަމަށް މިހާތަނަށް ރިޕޯރޓް ކޮށްފައިވާ ބައެއް ޤައުމުތަކެވެ.