ads
އިލެކްޝަންސް ކޮމިޝަން އޮފް މޯލްޑިވްސް- ފޮޓޯ: ސީއެންއެމް
އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކު ޢިސްތިއުފާ ހުށަހަޅުއްވާފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން އިން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަން އިން ނެރުން ނޫސް ބަޔާނުގައި ބުނެފައިވަނީ މެމްބަރުކަމަށް ކުރިމަތިލާ ފަރާތަކުގެ ހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ވެފައިވުމާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމުގެ އިތުރުން  ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނޭކަމަށެވެ. މީގެ އިތުރުން އެ މީހާއަކީ ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުންވެސް ޝަރުތުތަކުގެތެރޭގައި ހިމެނެއެވެ.

މި ޝަރުތުތައް ހަމަވާ ފަރާތަކުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޖުލައި 6 އަދި 7 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށްވެސް އިލެކްޝަން ކޮމިޝަން އިން އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ގާނޫނުގައިވާ ގޮތުން އިލެކްޝަން ކޮމިޝަން ގެ މެމްބަރެއް ގެ މަގާމު ހުސްވާތާ 60 ދުވަސް ތެރޭގައި އެހެން މެމްބަރެއް އައްޔަނު ކުރަން ޖެހޭނެކަމަށެވެ.

އިލެކްޝަން ކޮމިޝަން އަކީ 2008 ވަނަ އަހަރު އިންތިހާބުތައް ބެލެހެއްޓުމަށް ގާއިމް ކޮށްފައިވާ މިނިވަން މުއައްސަސާއެކެވެ. މި ކޮމިޝަން ގައި 5 މެމްބަރުން ހިމެނެއެވެ. ނަމަވެސް މި ވަގުތު އިންނެވީ 4 މެމްބަރުންނެވެ. އެއީ ކޮމިޝަން ގެ ނައިބް ރައީސް އިސްމާއިލް ހަބީބް އައީ ފުއާދު ތައުފީގް އާއި އަލީ ނަޝާތުގެ އިތުރުން ޑރ. މުހައްމަދު ޒާހިރުއެވެ. 

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް