ads
އެޗްއާރްސީއެމްގެ މެމްބަރުން--
ނަފްރަތުގެ ބިލް އިސްލާހުކުރުމަށް މަޖިލީހުގައި އެޗްއާރްސީއެމްއިން އެދެފި
އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލު، ހައްގުތަކާއި މިންގަނޑުތައް ނެގެހެއްޓޭނެ ގޮތުގެމަތިން އިސްލާހުކުރުމަށް ހިއުމަން ރައިޓްސް އޮފް މޯލްޑިވްސް(އެޗްއާރްސީއެމް)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެެވެ.
Advertisement

ނަފްރަތުގެ އަމަލުތައް ހުއްޓުވައި، އެފަދަ އަމަލުތައް ޖިނާއީ ކުށަކަށް ހެދުމަށްޓަކައި ގާނޫނު ނަންބަރު 9/2014 ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް އެޗްއާރްސީއެމްގެ ފަރާތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިދިޔަ ބުދަ ދުވަހު ވަނީ އިސްލާހުތަކެއް ހުށަހަޅާފައެވެ.

އެ ކޮމިޝަނުގެ ފަރާތުން ހުށަހެޅި އިސްލާހުތައް ހާމަކޮށް މިއަދު ނެރުނު ބަޔާނެެއްގައި ބުނީ، އެބިލަށް އިސްލާހު ހުށަހެޅުމުގައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ދިވެހިރާއްޖޭގައި އަމަލު ކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން، ދިވެހިރާއްޖެ ސޮއިކޮށް ތަސްދީގުކޮށްފައިވާ މުއާހަދާތަކާއި އަދި އެ މުއާހަދާތަކާ ގުޅިގެން ހަދާފައިވާ އދ މިންގަނޑުތަކާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކުރާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، 28 ވަނަ މާއްދާގައި ބާޔާންކުރާ ނޫސްވެރިކަމުގެ މިނިވަންކަމާއި، 29 ވަނަ މާއްދާގައި ބަޔާންކުރާ މައުލޫމާތު ލިބުމާއި ފެތުރުމުގެ މިނިވަންކަމާއި އަދި އދ. ގެ މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާގެ 19 ވަނަ މާއްދާގެ (1) އަދި (2) ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހަވާލާދީފައިވާނެ ކަމަަށާއި، ހަމަ އެއާއެކު، ގާނޫނަކުން ނަފްރަތުގެ ކުށުގެ ގޮތުގައި
އަމަލުތަކެއް ކަނޑައަޅާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި އދ. ގެ މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާގެ 19 ވަނަ މާއްދާގެ (3) އަދި 20 ވަނަ މާއްދާގައި ބުނާ ހަމަތަކުގެ މަތިން ގާނޫނު އެކުލާވާލުމަށްޓަކައި ރިއާޔަތްކުރަން ޖެހޭނެ އަސާސްތަކާއި ހަމަތަކަށް ބިނާކޮށް ލަފާދީފައި ވާނެކަމަށް ވެސް އެކޮމިޝަނުން ބުނެއެވެ.

އޭގެ އިތުރުން، މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާގެ 20 ވަނަ މާއްދާގައި ވަކި ގައުމެއްގެ ނުވަތަ ވަކި ނަސްލެއްގެ ނުވަތަ ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށް ނަފްރަތާއި ފަސާދަ އުފެއްދުމާއި، ނަފްރަތާއި ފަސާދައަށް ބާރުއެޅުމުގެ ސަބަބުން އެ ބަޔަކަށް ކުރިމަތިވާ އަނިޔާވެރިކަމާއި ތަފާތުކުރުންތައް ގާނޫނުން މަނާ ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާއިރު، އެ މުއާހަދާގެ މައްޗަށް ހެދިފައިވާ ބައިނަލްއަގްވާމީ މިންގަނޑުތަކުގެ ތެރެއިން 'ކެމްޑެން ޕްރިންސިޕަލްސް' ގެ 12 ވަނަ ގަވާއިދާއި އދ. ގެ ސްޓްރެޓެޖީ އެންޑް ޕްލޭން އޮފް އެކްޝަންސް އޮން ހޭޓް ސްޕީޗް ގައި ބުނާ މިންގަނޑުތަކުގައި ނަފްރަތުގެ އަމަލެއް ނަފްރަތުގެ ކުށަކަށް ހެދުމުގައި ފުރިހަމަ ވާންޖެހޭ އުންސުރުތައް ފުރިހަމަވުމުގެ މުހިންމުކަމަށް ރިއާޔަތްކޮށް ލަފާދީފައި ވާނެކަމަށް ބުނެފައިވެއެވެ. 

އެޗްއާރްސީއެމްއިން ބުނީ، ނަފްރަތުގެ އަމަލުތަކުގެ އިންތައް ކަނޑައެޅުމުގައި ނަފްރަތުގެ އަމަލުތައް މަނާކުރުމާ ގުޅޭގޮތުން އދ އިން އެކުލަވާލާފައިވާ 'ރަބާތް ޕްލޭން އޮފް އެކްޝަން' ގައި ހިމެނޭ '6 ޕާޓް ތްރެޝްހޯލްޑް ޓެސްޓް' އާ އެއްގޮތްވާ ގޮތުގެމަތިން ވަކި އަމަލަކީ ނަފްރަތުގެ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި އެ މިންގަނޑުތައް ބޭނުންކުރުމަށް ހުށަހަޅާފައިވާނެ ކަމަށެވެ. 

މީގެއިތުރުން ބައިނަލްއަގްވާމީ 'ގުޑް ޕްރެކްޓިސް' ގައި ބަޔާންކޮށްފައިވާ އިރުޝާދުތަކާއި އެއްގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 27، 28 އަދި 29 ވަނަ މާއްދާގައި ކަށަވަރުކޮށްދޭ ހައްގުތަކާއި މިންގަނޑުތައް ނެގެހެއްޓޭނެ ގޮތުގެމަތިން އެބިލުގެ މާއްދާތައް އިސްލާހުކުރުމަށްވެސް ކޮމިޝަނުން ވާނީ ހުށަހަޅާފަ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލު، ގާނޫނަކަށް ވެގެން އަންނައިރު ބިލުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ލިބޭނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ވަނީ ދެއްވާފައެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް