ads
މާލޭގަ ކުރިއަށް ގެންދިޔަ ކެމްޕޭނުގެ ތެރެއިން-- ފޮޓޯ: މޯލްޑިވްސް ވިމެންސް އެސޯސިއޭޝަން
"އަހަރެން ވެސް ދެކޮޅު" ކެމްޕޭނު ވިލިމާލެއަށް
އާންމުން އެއްވެ އުޅޭ ތަންތަނުގައި ސިނގިރޭޓް ބުއިމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއި ކުރުމަށް ބާއްވާ ހަރަކާތް ހޮނިހިރު ދުވަހު ވިލިމާލޭގަ ބާއްވަން ނިންމައިފިއެވެ.
އާންމުން އެއްވެ އުޅޭ ތަންތަނުގައި ސިނގިރޭޓް ބުއިމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއި ކުރުމަށް ބާއްވާ ހަރަކާތް ހޮނިހިރު ދުވަހު ވިލިމާލޭގަ ބާއްވަން ނިންމައިފިއެވެ.

މޯލްޑިވްސް ފެމެލީ ފައުންޑޭޝަނުން އިސްނަގައިގެން "އަހަރެން ދެކޮޅު" ގެ ނަމުގައި އެ ހަރަކާތް ކުރިއަށް ގެންނަން ނިންމާފައިވާއިރު އެ ހަރަކާތުގައި 50 އަށް ވުރެ ގިނަ ޖަމިއްޔާ ބައިވެރިވެ އެވެ. އަހަރެން ދެކޮޅުގެ ނަމުގައި ޝިއާރެއް ކަނޑައަޅާފައި ވަނީ މުޖުތަމައުގައި ހުރި ނޭދެވޭ ކަންކަން ހުއްޓުވުމަށެވެ.

މިިދިޔަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު ކެމްޕެނުގެ ދަށުން ފުރަތަމަ ހަރަކާތް ބާއްވާފައިވާއިރު އެ ދުވަހު ވަނީ އާންމު ތަންތަނުގައި ސިނގިރޭޓް ބުއިމާ ދެކޮޅަށް ޕެޓިޝަނެއް ވެސް ލޯންޗުކޮށްފައެވެ.



އެކަމާ ގުޅިގެން ކެމްޕެއިނުގެ އޮފިޝަލަކު ސީއެންއެމްއަށް ވިދާޅުވީ މާދަމާ ހެނދުނު 8:00 އިން 5:30 އަށް ޕެޓިޝަނުގައި ސޮއި ކުރުން ވިލިމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި ވެސް ހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ.

އަންނަ މަހުގެ 30 ގެ ނިޔަލަށް އެ ޕެޓިޝަނުގައި ސޮއި ކުރުމަށް ހުޅުވާލެވިފައިވާނެކަން ފާހަގަކޮށް އޮފިޝަލް ވިދާޅުވީ އޮންލައިންކޮށް ވެސް ޕެޓިޝަނުގައި ސޮއި ކުރެވެނޭވެ ކަމަށެވެ. އެގޮތުން މޯލްޑިވްސް ފެމެލީ ފައުންޑޭޝަނުގެ ޓްވީޓާ އެކައުންޓު މެދުވެރިކޮށް ޕެޓިޝަނުގައި އޮންލައިންކޮށް ސޮއިކުރުން ހުޅުވާލާފައިވާއިރު އެ ހަރަކާތް ނިމޭއިރު 50000 އެއްހާ ސޮއި ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ދުންފަތާ ދެކޮޅަށް އާންމުން ސޮއި ކުރާ އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ.

އޮފިޝަލް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އާންމު ތަންތަނުގައި އެގޮތަށް ދުން އެރުވުމުގެ ސަބަބުން ސިނގިރޭޓް ނުބޯ މީހުންނަށް ވެސް ގެއްލުންވާ ކަމަށެވެ.

"ކުޑަ ކުއްޖަކު ސްކޫލުން ގޮވައިގެން އަންނައިރު މަގުމަތިން އެކުއްޖެއްގެ މޫނަށް ވެސް ދުން ބުރުވާލަފާނެ. މާބަނޑު އަންހެނަކަށް ވެސް ބެލުމެއް ނެތި މޫނު މައްޗަށް ދުންބުރިވާލަފާނެ. ބައެއް ފަހަރު ޑޮކްޓަރުން އެބަ ބުނޭ ފުންޕާމޭ ހަލާކުވީމަ ސިނގިރޭޓް ބުއިން ހުއްޓާލާށޭ އެކަމަކު އެއީ ދުންފަތް ބޭނުން ނުކުރާ މީހެއް. ބުނަން ބޭނުންވަނީ އެ ސިނގިރޭޓް ބޯ މީހުން ދޫކޮށްލާ ވިހަ ދުމުން އެހެން މީހުންނަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރެއޭ،"

އޮފިޝަލް އިތުރަށް ވިދާޅުވީ ކެފޭ، ރެސްޓޯރަންޓު ހުންނަ ސަރަހައްދުތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭނެ ކަމަށް ބޯޑު ޖަހާފައި ހުންނާތީ މީހުން އެކަން ރިޕޯޓް ކުރާ ކަމަށެވެ. އެކަމަކު ފުލުހުން އެތަނަށް އައުމުން ބިރުން އެމީހަކު ރިޕޯޓް ކުރި ކަމަށް އެއްބަސް ނުވާ ކަމަށެވެ. އެކަމަކު ގާނޫނުން އެފަރާތްތަކަށް ރައްކާތެރިކަން ލިބިގެންވާ ކަން ވެސް އޮފިޝަލް ފާހަގަ ކުރެއްވި އެވެ.

"އަބަދުވެސް އަޅުގަނޑުމެން މިދައްކަނީ ސިނގިރޭޓް ނުބޯށޭ އެއީ ހަށިގަނޑަށް ގެއްލުންވާ ކަމެކޭ. އަޅުގަނޑުމެން ނުދައްކަން އާންމުކޮށް އޭގެ ސަބަބުން ސިނގިރޭޓް ނުބޯ މީހުންނަށް ލިބޭ ގެއްލުންތަކުގެ ވާހަކައެއް. އެހެންވެ މިވާހަކަ މިއަދު މި ދައްކަނީ،"

އޮފިޝަލް އިތުރަށް ވިދާޅުވީ ދުންފަތާ ބެހޭ ގާނޫނުގެ ދެ ވަނަ މާއްދާގައި ވެސް ސިނގިރޭޓް ނުބޯ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އޮންނަ ކަމަށާއި އެގޮތަށް ގާނޫނު އަސާސީގައި ވެސް އޮންނަ ކަމަށެވެ. އެހެންކަމުން، އާންމު ތަންތަނުގައި މީހުންގެ މޫނަށް ވިހަ ދުން ބުރުވާނަމަ އެކަމުގެ ވާހަކަ ދައްކަން ޖެހޭކަން ވެސް އޮފިޝަލް ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް