ads
ޑރ. މުހައްމަދު ޖަމީލް އަހުމަދު- ފޮޓޯ: ސަން
ބިލު އޮތް ގޮތުން ދީނަށް ފުރައްސާރަކޮށްފައި ދިވެހި ރައްޔިތަކަށް ވެވޭ: ޑރ.ޖަމީމް
ސަރުކާރުން މިހާރު ހުށަހަޅާފައިވާ ނަފުރަތުގެ ބިލުގެ ސަބަބުން ދިވެހި ރައްޔިތުކަން ދޫކޮށްލައި، ދީނާ ދެކޮޅަށް ވާހަކަ ދެއްކުމަށްފަހު އަނެއްކާވެސް ރައްޔިތަކަށް ވުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
Advertisement

ޑރ. ޖަމީލް ސީއެންއެމް އަށް ވިދާޅުވީ ނަފުރަތުގެ ބިލުގައި ވަރަށް ގިނަ ގުނަ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އިސްލާމްދީނުގެ ދިފާއުގައި ބިލާ ދެކޮޅަށް ނުކުންނަންޖެހޭ ކަމަށެވެ. އެގޮތުން އެ ބިލުގެ ސަބަބުން ދިމާވާ މައިގަނޑު ދެ ކަންބޮޑުވުމެއް ޑރ.ޖަމީލް ވަނީ ހިއްސާކުރައްވާފައެވެ. 

އެގޮތުން މިހާރު އޮންނަ ގަވާއިދުގައި ބުނާ ގޮތުން ދިވެހި ރައްޔިތުކަން ދޫކޮށްލުމަށްފަހު، އަލުން ރާއްޖޭގެ ރައްޔިތަކަށް ވުމަށް ގާތްގަނޑަކަށް ހަ މަސްދުވަސް ލިބޭކަން ފާހަގަކުރައްވައި ޑރ. ޖަމީލް ވިދާޅުވީ އެހެންކަމުން ނަފްރަތުގެ ބިލުގެ ސަބަބުން އެ ދުވަސްވަރު ދީނާ ދެކޮޅު ވާހަކަ ދެއްކުމަށް އެމީހުންނަށް "ލައިސެންސެއް" ލިބިގެންދާ ކަމަށެވެ. އިސްލާމްދީނާއި ދިވެހި ރައްޔިތުކަން ދޫކޮށްލުމަށްފަހު އެ ލިބޭ ހަ މަސްދުވަހުގެ ތެރޭގައި ދީނާ ދެކޮޅު ވާހަކަ ދެއްކުމަށްފަހު އަނެއްކާވެސް އަލުން ދިވެހި ރައްޔިތަކަށް ވުމުގެ ފުރުސަތު ގާނޫނުން ލިބިދީފައި ވުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތު ކަމުގައި މި އޮންނަނީ މުސްލިމަކަށް ވުން ޝަރުތުކޮށްފަ. އެހެންވީމަ މިސާލަކަށް އިސްލާމްދީން ދޫކޮށްލާފަ އެއާއެކީ އޭނާ ރައްޔިތުކަން ދޫކޮށްލީއޭ ބުނެފަ މިތާ ރާއްޖޭގެ އޭނާ ހަ މަސް ވަންދެން އެމީހަކު ބޭނުން ޖަރީމާއެއް ހިންގާ، ބޭނުން ކަންތައްތަކެއް މުސްލިމު ނޫން މީހެއްގެ ގޮތުގައި ހިންގުމަށް ފަހުގަ އަނެއްކާ އަނބުރާ ރައްޔިތުކަމަށް އާދެވޭނެ ގޮތައް ގާނޫނުގަ އެ އޮތީ. އެހެންވީމަ ހަގީގަތަކީ ގަވާއިދެއްގެ ދަށުންވެސް އެބަ ދޮރެއް ހުޅުވާދޭ ދިވެހިންގެ ތެރޭގައި ދީން ގަބޫލު ނުކުރާ މީހުން ބޭނުން އެފަދަ އަމަލުތައް ހިންގުމަށް." ޑރ.ޖަމީލް

ހާއްސަކޮށް މިހާރު ފަރުމާކޮށްފައިވާ ނަފްރަތުގެ ގާނޫނުގެ ދަށުން ރައްޔިތުކަން ދޫކޮށްލާފައިވާ ފަރާތަކު ދީނާ ހިލާފު ކަމެއް ކުރިޔަސް އެމީހުންގެ އަމަލުތައް މަނާކުރުން ވެެގެންދާނީ ނަފުރަތުގެ އަމަލަކަށް ކަން ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ މިހާރު ވަކި ވަރެއްގެ ފައިސާ ދީގެން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރި ވެވޭގޮތައް ގަވާއިދު ހަދަން ނިންމާފައި ވާއިރު، އެފަދަ ބަޔަކު އިސްލާމްދީނާ ހިލާފު ކަމެއް ކުރިޔަސް ނަފުރަތުގެ ބިލުން އެމީހުން ހިމާޔަތްވާނެ ކަމަށެވެ.

"އެމީހުންނަކަށް ލާޒިމެއް ނުކުރޭ އެއީ ވަކި މުސްލިމުންނަށް ވާކަށެއްވެސް ހަގީގަތުގަ. އެހެންވީމަ އެ މީސްމީހުން ރާއްޖެ އައިސް ތިބެގެން ހިންގާ ކަންތައްތަކުގައި، މި ގާނޫނު މި އޮތް ގޮތުން އެމީހުންނަށްވެސް ހިމާޔަތް އެބަ ދޭ." ޑރ.ޖަމީލް

އެހެންކަމުން މާ ކުރިންބައިން އެ ދެ ގާނޫނު ހަދައި، އެ ފަރާތްތަކަށް ހިމާޔަތް ލިބޭގޮތައް ނަފްރަތުގެ ގަނޫނު ހެދުމަށް މިހާރު ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށް ޑރ.ޖަމީލް ވަނީ ސިފަކުރައްވާފައެވެ.

"މި ދެ ފަރާތް ކުރިންވެސް މިއޮތީ އުފައްދާފަ. ދެން މި ބިލުގެ ދަށުން އެ ދެފަރާތް ކުރާ އެއްވެސް ކަމަކަށް ހަގީގަތުގައި ފާޑެއް ކިޔައިފިކަމުގައި ވާނަމަ އެ ކުށަކަށް ވެގެން މިދަނީ. އެހެންވީމަ އަޅުގަނޑު މީތި ސިފަކުރަނީ މިއީ ރޭވުމެއްގެ ދަށުން ހިނގާ ކަމެއްގެ ގޮތުގަ. އެންމެ ފުރަތަމަ އެ ދެ ކެޓެގަރީ އުފައްދާފަ ދެން އޭގެ ފަހުން މި ގަނޫނު ގެނެއްސަ އެއިން އެއްވެސް ބަޔަކު ކުރާ މި ބާވަތުގެ އެއްވެސް ކަމަކީ އެއީ ނަފުރަތެއްގެ ގޮތުގައި ކަނޑައެޅުނީމަ ހަގީގަތުގަ އެ ފަރާތަކަށް އޭގެ ލައިސެންސް ލިބިގެން ދަނީ. ހަމަ ރޭވުމުގެ ދަށުން ކުރެވޭ ކަމެއް. ފާރަވެރިވާންޖެހޭ ކަމެއް ކޮންމެ ގޮތެއް ވިޔަސް މީ" ޑރ. ޖަމީލް

ސަރުކާރުގެ ފަރާތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވަ ނަފްރަތުގެ ބިލުގައި ވާގޮތުން އިސްލާމީ އަގީދާއާ ގުޅުވައި މުޖްތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ކުށެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް