ކައުންސިލުތަކަށް އަލަށް އިންތިހާބުވެ ވަޑައިގެންނެވި ކައުންސިލަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސް ސޯލިހް ފެއްޓެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ، މުލަކަތޮޅު ދިއްގަރު ކައުންސިލާއެވެ.
މިއަދު ހެނދުނު އޮންލައިންކޮށް، ރައީސް ކުރިޔަށް ގެންދެވި އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިއްގަރު ކައުންސިލުގެ ރައީސް އަހްމަދު ނިޝާމް ވިދާޅުވީ، ސަރުކާރުން އެ ރަށުގައި ކުރިއަށްގެންދާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ.
އެރަށުގައި ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ހުރުމުގެ މުހިންމުކަން ވެސް ނިޝާމް ފާހަގަކުރެއްވިއެވެ. އަދި ބޭސް ލިބުމުގައި މިހާރު ރޭވިފައި ހުރި އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް، ސިއްހީ މަރުކަޒު އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާކަން ފާހަގަކުރިއެވެ.
މީގެ އިތުރުން ސްކޫލް ހޯލް އިމާރާތާ އަދި އުމްރާނީގޮތުން ސްކޫލަށް ބޭނުންވާ ކަންކަންމުގެ އިތުރުން މަތީ ތައުލީމު ފުޅާކުރުމަށް އިތުރު ފުރުސަތުތަކާއި ލުއިފަސޭހަތައް ބޭނުންވާކަމާއި، ރަށުގެ ނަރުދަމާ ނިޒާމުގެ އައުޓްފްލޯއާ ގުޅިގެން ކުރިމަތިވާ ދަތިތަކާއި ކަނދުފަތިތައް ކައިރި ސަރަހައްދެއްގައި ނެތުމާއި އަދި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި އެރަށުގެ ރިޒޯޓްދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުރި ދަތިތަކާއި، އެ ދާއިރާއިން އިތުރު ފުރުސަތުތައް އެ ސަރަހައްދުގައި ފަހިވެފައި އޮތުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރިއެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ދިއްގަރު ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުންނާއި އެ ދާއިރާގައި ސަރުކާރުން ކުރިޔަށްގެންދާ އެކިއެކި މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާއި ޙިއްޞާކުރައްވާފައެވެ.
އެގޮތުން މަސްވެރިންގެ ފަސޭހައަށްޓަކައި މުލަކުގައި ގާއިމުކުރަމުންދާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ހުރިވަރަށްވުރެ އޮއިވާލި ކަނދުފަތިތައް އިތުރުކުރުމަށް ފިޝަރީޒް މިނިސްޓްރީން ރާވަމުން ގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ކައުންސިލަރުން ފާހަގަ ކުރެއްވި މިނިމަން ވޭޖް ކަނޑައެޅުންފަދަ ކަންކަމާގުޅޭގޮތުންވެސް އެންމެފަހުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންނާ ހިއްސާކުރެއްވިއެވެ. އަދި ކައުންސިލަރުން ހުށަހެޅުއްވި ކަންކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރަތަކާ ގުޅިގެން މަސައްކަތްކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާނުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.