ads
ދެހާސް އަށާރަ ވަނަ އަހަރު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުން
ދިވެހި "އޮލިގާކީ" ނެގެހެއްޓުން: ސަރުކާރުގެ މަގްސަދު!
ރައީސް އޮފީހުގައި، މި ހިނގާ ޖޫން މަހުގެ 8 ވަނަ ދުވަހު އޮތް ނޫސް ކޮންފަރެންސްގައި، ސަންގު ޓީވީގެ މާހަތު ޙުސައިން ރަޝީދު ކުރި ސުވާލަކީ، ރައީސް ނަޝީދަށް ދިން ޙަމަލާއާ ގުޅިގެން، ދެކެވުނު ވާހަކަތަކުގެ ތެރޭގައި، ރައީސް ނަޝީދުގެ ފޮޓޯ ބޭނުންކޮށްގެން، މަޖިލީހަށް ހޮވިފައިވާ ތިބި މީހުން، ރައީސް ނަޝީދާ ދެކޮޅަށް މަޖިލީހުގައި މަސައްކަތް ކުރަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެދިވަޑައިގަތުމަށް ތޯ ކުރި ސުވާލެވެ.

ޖަވާބުގައި ރައީސް ޞާލިޙު ވިދާޅުވީ "އެމް.ޑީ.ޕީ. އަށް 2019 ގައި ލިބިފައި އޮތް ކާމިޔާބީއަކީ، ވަރަށްގިނަ ބައެއްގެ މަސައްކަތް. އޭގެތެރޭގައި ހަމަ ރައީސް ނަޝީދުވެސް ހިމެނިވަޑައިގަންނަވާނެ. އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅަކީ އެއީ ކަމަށް އަޅުގަނޑުވެސް ދެކެނީ. އަދިވެސް އޭގެއިތުރަށް، ވަރަށްގިނަ ބައެއްގެ މަސައްކަތުން އަޅުގަނޑުމެންނަށް އާދެވިފައި އޮތް ހިސާބެއް މިއީ" މިހެނެވެ. 

މިއީ ލައްކަ ވާހަކަ އޮތް ބަސްފުޅެކެވެ. މާނައަކީ، ރައްޔިތުންގެ ކުރިމައްޗަށް ނެރުނު ބްރޭންޑަކީ މުޙައްމަދު ނަޝީދެވެ. އެކަމަކު ޚަރަދު ކުރީ އެހެން ބަޔެކެވެ. ޚަރަދުކުރީ "ދިވެހި އޮލިގާކީން" ނެވެ. އިނގިރޭސި ބަހުން "އޮލިގާކީ" އަކީ ވެރިކަމެއް ބިނާކުރާ ގޮތްތަކުގެ ތެރެއިން އެއް ގޮތެވެ. ނުހަނު މަދު މީސްކޮޅެއްގެ މުށުތެރޭގައި ވެރިކަން ބޭއްވުމެވެ. ދެން ތިބި މީސްތަކުނާ، މިއުރެން ތަފާތުވަނީ ވަކި އިމްތިޔާޒުތަކެއް ލިބިގެން ވާތީއެވެ. ހަސަބާއި ނަސަބެވެ. މަޝްހޫރުކަމާއި މުއްސަނދިކަމެވެ. ތަޢުލީމާއި ސާދާގަރުކަމެވެ. ދީނީ ގޮތުން، ނުވަތަ ސިޔާސީ ގޮތުން ނުވަތަ އަސްކަރީ ގޮތުން އިމްތިޔާޒުތަކެއް ލިބިގެން ވުމެވެ. ވީމާ، އޮލިގާކީ އަކީ، ރައީސް ޞާލިޙު އެ ވިދާޅުވި "ވަރަށްގިނަ ބައެއް" ގެ ތެރޭގައި ހިމެނޭ އެންމެ މަދު ބައިގެ މީހުނެވެ. ފައިސާ ހުރި، މަދު ބައިގަނޑެވެ. އެބަހީ މުޙައްމަދު ނަޝީދު ރައްޔިތުންގެ މައްޗަށް ދިއްލަވާރު ކުރިއަސް، ފައިސާ ނެތިއްޔާ އެއްވެސް ކަމެއް ވޭހެއްޔެވެ؟ 2019 ގެ އިންތިޚާބުގައި، ފައިސާ ދިނީ ކާކު ހެއްޔެވެ؟ އެކަން ވިސްނާލާށެވެ.

ސިންގާގެ ނަސީބު

އެމްޑީޕީގެ ބަނޑުއަކިރީގެ ވިސްނުމަކީ، ފައިސާ ދިނީ ކޮންމެ ފަދަ ބަޔަކަސް ޕާޓީގެ އަސާސީ އަޚްލާޤީ އަގު ނަގަލައިގެން ނުވާނެ ކަމުގައި ނަގަހައްޓާ ވިސްނުމެވެ. 2018 ގައި ވެރިކަން ބަދަލުވެގެން ސިންގާގެ ނަސީބު ލިބުނީ އެމްޑީޕީ ފިޔަވައި ކޯލިޝަންގައި ދެން ތިބި މީހުނަށެވެ. އެއަށް ފަހު ނަސީބު ލިބުނީ، އޮލިގާކީގެ ފައިސާގައި އެމްޑީޕީގެ ޓިކެޓުގައި، މަޖިލީހުގެ ގޮނޑި

ލިބުނު މެންބަރުންނެވެ. މީގެ ތެރޭގައި ލ.ގަމު ދާއިރާގެ މެންބަރު ހިމެނިވަޑައިގަނެއެވެ. ދެން ތިބީ އެމީހެއްގެ އަމިއްލަ ފައިސާއިން ޚަރުދުކޮށްގެން އެމްޑީޕީ ގޮނޑި ހޯއްދެވި ބޭފުޅުންނެވެ. މީގެ ތެރޭގައި އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހިމެނިވަޑައިގަނެއެވެ. ދެން ތިބީ އެމްޑީޕީގެ ސަޕޯޓުން ގޮނޑި ހޯއްދެވި މެންބަރުންނެވެ.

ކޮންމެއަކަސް، އެގޮތް މި ގޮތުން، ގޮނޑިހޯދި ފަރާތްތައް އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ތިބިކަމުގައި ވިއަސް، އެންމެ މުހިންމުކަމެއް ދޭން ވާނީ، ޕާޓީގެ ފަރާތުން އަބަދުވެސް އެދެމުން ދިޔަ، އަދި ކެމްޕޭނުގައި އެންމެ ގިނައިން ދެއްކި ވާހަކަތަކަށެވެ. ފުރަތަމަ ކަމަކަށް މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމެވެ. އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލަ ބެލުމެވެ. ނިމިދިޔަ ސަރުކާރުގައި ސިޔާސީ ސަބަބަކަށްޓައި ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާބެހޭ ކަންކަން ޙައްލުކުރުމެވެ. ފަނޑިޔާރުންގެ މައްސަލަ ޙައްލުކުރުމެވެ. ފްލެޓުތަކުގެ މައްސަލަ ޙައްލުކުރުމެވެ.

ސައިޖޯޑުތެރޭ ހުރި ގޮށްރާޅުތައް ބަންޑުންވުން

ހިތާމައަކީ ވެރިކަމަށް ދެ އަހަރުވެގެން ދިޔައިރު ވެސް އޭގެ ތެރެއިން ގިނަ ކަންކަމަށް ޙައްލެއް ނައުމެވެ. ޙައްލެއް ނައިތަނުގައި ޙައްލެއް ގެނައުމަށް މަސައްކަތް ކުރިކަން ދައްކާފައި ނެތުމެވެ. މައްކާގެ މުޝްރިކުންނަށް ވީ ވަރު ވެސް ނުވުމެވެ. އެއުރެން ބުނީ "ނުވަތަ ތިޔަ ކަމަކީ ކަލޭގެފާނާ އަޅައިގަތް ޖިންނިއެއްގެ ފަރާތުން އަންނަ ކަމެއްކަމުގައި ވާނަމަ، ބޭސްފަރުވާ ކުރާން އަޅުގަނޑުމެންގެ މުދާތައް ހޭދަކޮށް، ވޭތޯ ބަލާފައި، ނުވިއްޔާ ނުވިކަން އެނގިގެން ތިބެދާނޫއެވެ". މިހެނެވެ. އެ ބަހީ އޮތީ މަސައްކަތް ކުރުމެވެ. ކާމިޔާބު ވުމާއި ނުވުމަކީ އެހެން ކަމެކެވެ.

މި ކަންކަން ނުވިކަމަށް ކޯލިޝަނުގެ ޕާޓްނަރުން ވެސް އިޢުތިރާފު ވެއެވެ. ސަރުކާރުގެ ކޯލިޝަން ޕާޓްނަރުކަމުގައިވާ، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވަނީ، އެމްޑީޕީ އިން އެންމެ ބޮޑަށް ވަކާލާތުކުރީ ކޮޕަރްޝަން ނައްތާލުމަށް ނަމަވެސް ހަމަ އެކަނި ކުރެވުނު ކަމަކީ އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅުވައިގެން ލިސްޓުތަކެއް ނެރުން ކަމަށާއި އިންސާފު ހޯދައިދިނުމުގެ ނަމުގައި މަރުގެ ކޮމިޝަނެއް އުފެއްދި ނަމަވެސް ކުރެވުނު ކަމެއް ނެތް ކަމަށާއި، ގެއްލިފައިވާ މީހުންނާއި ގޮތް ނޭގޭ މަރުތަކުގެ ތަހުގީގުގައި އަދިވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ. 

އަނެއްކަމަކީ، ސިޔާސީ ސަބަބަކަށްޓައި ވަޒީފާއިން ވަކިކުރި ފުލުހުންނާއި ސިފައިންނަށް ވަޒީފާދޭން ސަރުކާރުން ޖެހިލުން ވުމެވެ. ޚާއްޞަކޮށް ޑިފެންސް މިނިސްޓަރެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އަރިހުގައި  "މުޖޭ ޗޫރަހީ ހޭ" ލަވަ ވިދާޅުވާން ވަކި ރޮނގާލި ފައްޗެއް އަތުރާލާފައި، ދެން ތިބި ސިފައިންނަށް ވަޒީފާ ނުލިބުނީއެވެ. ކެމްޕޭނު ތެރޭގައި ރައީސް ޞާލިހުގެ އަރިހުގައި ތިބި ބޮޑީގާޑުންނަށް ވެސް، ސިފައިންގޭން ވަކިކުރި ވަޒީފާ އަނބުރާ ލިބުނީ ހައި ކޯޓާއި ސުޕްރީމް ކޯޓާ ހަމައިންނެވެ. ހަމަ ނުދިނީއެވެ. އަދިވެސް ހިފަހައްޓަނީ ނުދޭށެވެ. ޙައްލަކާ ހަމަޔަށް ގާތް ކުރީ އެންމެ ކަމެކެވެ. އެއީ ފަނޑިޔާރުގެ ވަތްކަހާލާ ދޮވެލުމެވެ. އިންސާފުވެރި ފަނޑިޔާރުންތަކެއް ސުޕްރީމް ކޯޓުގައި ހިމެނުމަށް އެއްބަސްވެ، އެކަން އެގޮތަށް ކޮށް ނިންމުމެވެ.

ދެން އެއަށް ފަހު، ރައީސް ޞާލިޙު، ނަޝީދު އަރިހުގައި ވިދާޅުވާ ކަހަލައެވެ. އޮތީ ތިން ބާރެވެ. ފަނޑިޔާރުގެ މުސްތަޤިއްލު ވެއްޖެއެވެ. މަޖިލީސް ތި އޮތީ ކަލޭ އަތުގައެވެ. ދެ ބާރުގެ މެދުގައި މައްސަލަ ޖެހުމުން ދާނީ މުސްތަޤިއްލު ފަނޑިޔާރު ގެއަށެވެ. ވީމާ ތިމަންނައަށް ތަންފީޒީ ބާރު ދޫކޮށްލާށެވެ. އެކަމަކު މުޙައްމަދު ނަޝީދެއް އެ ގޮތަކަށް އެއްބަހެއް ނުވިއެވެ. ތަންފީޒީ ބާރުގެ ތެރެއަށް އުނދުޅި ބާނަން ފަށައިފިއެވެ. އެ ބާރުގެ ތެރޭގައި ހުރި ކޮރަޕްޝަންތަކާ ބެހެން ފަށައިފިއެވެ. މިހެން ވުމުން، ތަންފީޒީ ބާރުން، މަޖިލީހަށް އުނދުޅި ބޭނުން ވަކިން ގިނަވެއްޖެއެވެ.

ދެ އަހަރު ވަންދެން މި ކަންތައްތައް ވަމުން ދިޔައީ ސައިޖޯޑެއްގެ ތެރޭގައި އޮތް ތޫފާނެއްގެ ގޮތުގައެވެ. ނަމަވެސް ހައެއް ފަހެއްގެ ބޮމާއެކު ޖޯޑު ތެރޭގައި ހުރި ގޮށްރާޅުތައް އުތުރިއަރާ ބަންޑުން ވެއްޖެއެވެ. ކަމުގެ އަސްލަކީ މިއީ އެވެ. ދެން ދީނޭ، ލާދީނޭ ކިޔައިގެން އެ ދައްކަނީ އަސްލަކީ ކޮބައިކަން ނޭނގޭ މީހުނެވެ. ނުވަތަ އެހެން ގޮތަކަށް ހީކުރުވާން އުޅޭ މީހުނެވެ. އަދި އެމްޑީޕީއަކީ ގައުމަށް އޮތް ނުރައްކަލެއް ކަމަށް ހީކުރުވާން އުޅޭ މީހުން ވެސް އެ އުޅެނީ މީގެ އަސްލު ފޮރުވާށެވެ. 

 ގައުމަށް އޮތް ނުރައްކާ

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވަނީ އެމްޑީޕީން ކުރި މަސައްކަތުން ކޮންމެވެސް ވަރެއްގެ ކަންތައްތަކެއް ހާސިލް ކުރެވުނު ކަމަށާއި، ނަމަވެސް މިއަދު އޮތް އެންމެ ބޮޑު ހިތާމައަކީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްޓަކައި އަމިއްލަ އެދުން އިސް ކުރައްވައިގެން ކުރައްވާ ކަންކަމުގެ ސަބަބުން ހާސިލް ކުރެވިފައިވާ ކަންކަން ވެސް ގެއްލިގެންދިއުން ކަމަށެވެ. އަންނި ވެރިކަމަށް އައުމަށް އެ ޖަހާ ސަކަރާތްގަނޑު ހުއްޓައިގެން ނޫނީ، އެމްޑީޕީގެ މަގުސަދުތައް ދެން ހާސިލެއް ނުކުރެވޭނެ ކަމަށާއި އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުނު އެންމެން އެ ތިބީ އަންނިއާ ހެދި ދުރުގައި ކަމަށާއި، އިހަށް ވެސް ވަގުންގެ ގޮތުގައި ތިބި ބަޔަކު މިއަދު އެތިބީ [ޕާޓީ ހިންގަން] ކަމަށެވެ.

އިބްރާ އެ ހައްދަވަނީ އިތުރުފުޅެކެވެ. އެމްޑީޕީގެ ނުރައްކާ އޮތީ މި ވެރިކަމަށެވެ. އޮލިގާކީއަށެވެ. ގައުމަކަށް ނޫނެވެ. ދިވެހިންގެ ތެރޭގައި ތިބި މަދު ބަޔަކު ރާއްޖެ ކޮންޓްރޯލް ކުރަން އުޅޭ އުޅުމަށް، އެމްޑީޕީއަކީ ހަމަ ގައިމުވެސް ނުރައްކަލެކެވެ. އެކަން މަތަ ކުރެވޭނީ މުޙައްމަދު ނަޝީދު ހުރެގެން ކަން އެމްޑީޕީ މެންބަރުން ދަނެއެވެ. މުދިން ރޮނޑެއް އެމްޑީޕީގެ ރައީސްއަކަށް ލައިގެން އެކަން ނުވާނެކަން ވެސް އެއުރެން ދަނެވެ. ދެން އަދި ދަންނަވަމެވެ. ޚުދް އަޅުގަނޑަކީ ވެސް މި ބުނާ އޮލިގާކީގައި ހިމެނޭ މީހެކެވެ. މުޙައްމަދު ނަޝީދު ވެސް މެއެވެ. އިބްރާ ވެސް މެއެވެ. ނަމަވެސް ދޮގު ހަދާކަށް ނެތީމެވެ.

ހަނދާން ވަނީ، ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް ރައީސް މައުމޫނަށް ލަފާ ދިނުމަށް، 2004 ގައި އާންމުންނަށް ހުޅުވާލުމުން، މީހަކު ރައީސް އޮފީހަށް ފޮނުވި ސިޓީއެއްގައި އޮތް ބައިތެކެވެ.

 

"ސަޖަންރޭ ޖޫޓު މަތް ބޯލޯ

ޚުދާކޭ ޕާސް ޖާނާ ހޭ 

ނަ ހާތީ ހޭ، ނަ ގޯޅާ ހޭ، 

ވަހާ ޕައިދަލްހޭ ޖާނާ ހޭ"

މާނައީ، މިތުރުންނޭ، ދޮގު ނަހަދާށެވެ. ކަލާނގެ ޙަޒްރަތަށް ދާން ޖެހޭ ދުވަސް އަންނާނެއެވެ. އެ ގޮތުން ދާނީ އެތަކަށް ނުވަތަ އަހަކަށް ސަވާރުވެގެނެއް ނޫނެވެ. ހަމަ ފައިމަގުގައެވެ".

 

އެޑިޓަރުގެ ނޯޓް:

އަަލްއުސްތާޛް އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު، ގ.ކެނެރީގެ އަކީ ކުރީގެ މިނިވަން ނޫހުގެ އެޑިޓަރެވެ. އަދި ގާނޫނީ ވަކީލެކެވެ.

68%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް