ads
މާލެ މަގުމަތި
އެޗްސީއެފްސީ ގޭސްތައް ބޭނުން ކުރުން ހުއްޓާލައި ރާއްޖެއިން ނަމޫނާ ދައްކައިފި
އޯޒޯން ފަށަލަ ހަލާކުކުރާ ވިހަ ގޭސްތަކެއް ކަމަށްވާ ހައިޑްރޮ ކްލޮރޮ ފްލޮރޮ ކާބަން(އެޗްސީއެފްސީ) ބޭނުންކުރުން ރާއްޖެއިން ހުއްޓާލައިފިއެވެ. ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން އެޗްސީއެފްސީ ބޭނުން ކުރުން ހުއްޓާލި ފުރަތަމަ ގައުމެވެ.

ރާއްޖެއިން އެޗްސީއެފްސީ ފޭސް-އައުޓްކޮށްފައި މިވަނީ މިގޭސް ރާއްޖެ އިން ނައްތާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ފެށުނު އެޗްސީއެފްސީ ފޭސް-އައުޓް މެނޭޖްމަންޓް ޕްލޭން، (އެޗްޕީއެމްޕީ)ގެ ދަށުންނެވެ. 

މިކަމަށްޓަކައި މިއަދު އެންވައިރަމެންޓް މިނިސްޓްރީން ވަނީ "އަ ކޫލް މޫވް: މޯލްޑިވްސް ކުއިޓްސް އެޗްސީއެފްސީ"ގެ ނަމުގައި އޮންލައިން ހަފުލާއެއް ބާއްވައިފައެވެ. މި ހަފްލާގައި މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން އދ ގެ ބައެއް މަންދޫބުން ވެސް ބައިވެރިވެވަޑައިގަތެވެ.

މި ހަފްލާގައި އެންވައިރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ މިއާއެކު އުންމީދަކީ ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްގީގެ އިތުރު ފުރުސަތުތައް ލިބެ، ފެހިކަން ގަދަ މުސްތަގްބަލެއް ލިބިގެން ދިއުން ކަމަށެވެ. ރާއްޖޭގެ ސަބަބުން މޫސުމަށް ބަދަލު ނަޔަސް، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެހެންނަމަވެސް ރާއްޖޭގެ ދައުރު އަދާކުރުމުގައި ދެމި އޮންނާނެ ކަމަށެވެ.

އަދި ކުރީގެ "ކާބަން ނިއުޓްރަލް" ސިޔާސަތު މިހާރު "ނެޓް ޒީރޯ" ސިޔާސަތަށް ބަދަލުވެއްޖެކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ. އަދި ރާއްޖެއިން މި ލަނޑުދަނޑި ހާސިލުކުރުމަކީ 2030 ވަނަ އަހަރުގެ ކުރިން އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލަން، ތަރައްގީވަމުން އަންނަ ގައުމުތަކަށް ނަމޫނާއަކަށް ވާނެ ކަމަށް ވިދާޅުވިއެވެ. 

ރާއްޖެއިން އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމުގެ ޕްލޭން ތަންފީޒުކުރަން ފެށި އަހަރު 67 މެޓްރިކް ޓަނުގެ އެޗްސީއެފްސީ ގޭސްއެތެރެކުރިނަމަވެސް މިދިޔަ އަހަރު އެއްވެސް ވަރަކަށް އެތެރެކޮށްފައެއްނުވެއެވެ.

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާއެއް ކަމުގައިވާ އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލަން ދުނިޔޭގެ ގައުމުތަކުން އެއްބަސްވީ 1989 ވަނަ އަހަރުގެ މޮންޓްރިއާލް ޕްރޮޓޯކޯލްގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި 197 ގައުމަކުން ސޮއިކޮށްފައިވާއިރު، ތަރައްގީވަމުން އަންނަ ގައުމުތަކަށް އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލަން ކަނޑައެޅީ 2030 ވަނަ އަހަރުގެ ކުރިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް