ads
ޑރ. މުހައްމަދު އިޔާޒް
ޑރ. އިޔާޒްގެ މައްސަލަ ދަނީ އެމްއެންޔޫއިން ވެސް ބަލަމުން
ޑރ. އިޔާޒްގެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ(އެމްއެންޔޫ)އިން ވެސް ބަލަމުންދާކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބުނެފި އެވެ.

އަންހެނުން ހިތާނުކުރުން "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް)އަށް ޑރ. އިޔާޒް ހިތްވަރު ދީފައިވާ ކަމަށް ބުނެ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އަދި އެކަމާއި ގުޅިގެން ޑރ. އިޔާޒަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވެފައެވެ. 

އެމައްސަލައާއި ގުޅިގެން މިއަދު އެ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ވަނީ އަންހެނުން ހިތާނުކުރުމާއި ބެހޭގޮތުން ބަހުސްތައް ބޮޑުވެފައިވާއިރު އެކަމަކީ އެކިގޮތްގޮތަށް ވާހަކަދެއްކުމުގެ ފުރުސަތު ދެވިގެން ވާނެ ކަމެއްގެ ގޮތުގައި ނުދެކޭ ކަން ފާހަގަކުރައްވާފައެވެ. 

އަންހެނުން ހިތާނުކުރުމަށް ޑރ. އިޔާޒް ހިތްވަރު ދީފައިވާ ކަމަށް ބުނެ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލާގައި، އިސްލާމިކް މިނިސްޓްރީގެ ރައުޔުއެއްވެސް ހޯދަން ޖެހޭނެކަމަށާއި، ޑރ. އިޔާޒްއަކީ ޔުނިވަސިޓީއަކަށް ނިސްބަތްވާ ލެކްޗަރަައަކަށްވުމުން އެ ދެ މުވައްސަސާއިން އެމައްސަލަ ބައްލަވަމުން ގެންދަވާތޯ އަދި ގެންދަވާނަމަ އެމައްސަލަ ބައްލަވަމުން ގެންދަވާގޮތް ސާފުކުރަން ޖެހޭނެކަމަށް މިއަދުގެ ކޮމެޓީއަށް ވަނީ ހުށަހަޅާފައެެވެ. 

އެހެންކަމުން އެ މައްސަލަ އިސްލާމިކް މިނިސްޓްރީއާއި އެމްއެންޔޫ ބަލަމުންދާގޮތް ސާފުކުރުމަށް ކޮމެޓީއަށް ހާޒިރުކުރަން، ކޮމެޓީގެ ފްލޯއަށް އެ ހުށަހެޅުން ލަމުން ކޮމެޓީގެ މުގައްރިރު އައިޝަތު ޖީހާން މަހްމޫދު ވިދާޅުވީ އެ މައްސަަލަ އެމްއެންޔޫ އަދި އިސްލާމިކް މިނިސްޓްރީންވެސް ބަލަމުންދާ ކަމަށެވެ. 

އެ ހުށަހެޅުމަށް ތާއީދު ލިބިފައިވާތީ ކޮމެޓީން ނިންމާފައިވަނީ އަންހެނުން ހިތާނުކުރުމުގައި ހުރި ކަންބޮޑުވުންތަކާއި ބެހޭގޮތުން މަޝްވަރާކޮށް، ކޮމެޓީއަށް ހުށަހެޅިފައިވާ ޑރ. އިޔާޒްގެ މައްސަަލާގައި ގޮތެއް ނިންމުމަަަށް އިސްލާމިކް މިނިސްޓްރީއާއި، ހެލްތު މިނިސްޓްރީ އަދި އެޗްއާރްސީއެމްގެ އިތުރުން އެޓަނީ ޖެނަރަލްއާއިއެކު ބައްދަލުވުންތައް ބޭއްވުމުގެ ކުރިން އިސްލާމިކް މިނިސްޓްރީ އަދި އެމްއެންޔޫއިން އެ މައްސަލަ ބަލަމުންދާ ގޮތާއި ބެހޭގޮތުން މައުލޫމާތު ނެގުމަށް ކޮމެޓީއަށް ހާޒިރުކުރުމަށެވެ.

ޑރ. އިޔާޒް ކުރި ޓްވީޓަކާ ގުޅުވައިގެން މަދު ބަޔަކު އެމަނިކުފާނާއިމެދު ނަފްރަތު އުފައްދަމުންދާތީ ކަމަށް ވިދާޅުވެ އިއްޔެ ނެރުނު ބަޔާނެއްގައި ޑރ. އިޔާޒް ވިދާޅުވީ، ރާއްޖޭގައި ދީނަށް ފުރައްސާރަ ކުރުމާއި، ދީނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރުވެފައިވާއިރު، އަކަމާ ދެކޮޅަށް އިސްވެ ތެދުވެހުރި މީހެއްގެ ގޮތުގައި އެމަނިކުފާނު ހުރި މިދަނޑިވަޅުގައި، އިލްމީ ހަގީގަތެއް ބަޔާންކޮށްދިނުމުގެ ސަބަބުން، އެމަނުކުފާނާއިދު ނަފްރަތު އުފައްދައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އެމައްސަލަވައްދައި، އިލްމީ މުއައްސަސާއަކުން އެމަނިކުފާނަށް ވަޒީފާގެ ބިރުވެސް ދައްކަމުންދާ ކަމަށެވެ. 

އަދި އެމަނުކުފާނާއި ދެކޮޅަށް ދޮގު ބުހުތާނު ހަދައި، ކާޓޫނުކުރަހާ، ގަނާކޮށް، އަބުރަށް އަރައިގަންނަމުންދާކަމަށާއި އެހެންނަމަވެސް އެހުރިހާ ކަމަކަށްފަހުވެސް ރާއްޖޭގެ ދީނީ އިލްމުވެރިން ތިއްބެވީ ހަނުކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. އަންހެންކުދިން ހިތާނުކުރުމަށް ހިތްވަރުދޭކަމަށް ބުނެ ގަނާކޮށް އަބުރަށް އަރައިގަނެ ހަދާއިރު ރާއްޖޭގެ ދީނީ ޢިލްމުވެރިން ހަނުތިއްބަވާތީ އެކަމާ ހިތާމަކޮށް އެކަން ކުއްވެރިކުރާކަމަށް ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ. 

ޑރ. އިޔާޒް ވިދާޅުވީ، އަންހެނުން ހިތާނުކުރުމުގެ މައްސަލައަކީ އެކަމަށް ވަކާލާތުކުރާ އަދި ހިތްވަރުދޭ ކަމެއް ވެސް ނޫން ކަމަށެވެ. އަދި ރާއްޖެއިން ނެތިގޮސްފައިވާ އާދައެއްކަމުގައި ބެލެވޭއިރު، އެ އާދަ އަނބުރާ އިއާދަކުރުމަށް އެއްވެސް މިންވަރަކަށް ވަކާލާތު ނުކުރާކަން ފާހަގަކުރައްވަމުން ޑރ. އިޔާޒް ވަނީ، އަންހެނުން ހިތާނުކުރުމުގެ މައްސަލައިގައި އެމަނިކުފާނު ޓްވީޓު ކުރެއްވި ސަބަބު އޮޅުން ފިލުވާދީފައެވެ.

އެ މައްސަލާގައި ޓްވީޓްކުރި ސަބަބައެއް ކަމަށް ޑރ. އިޔާޒް ވިދާޅުވީ، އެކަމަކީ އިސްލާމީ ޝަރީއަތުގައި އެއްވެސް މިންވަރަކަށް ނެތް މައްސަލައެއްގެ ގޮތުގައި އާންމުންނަށް ވިސްނޭގޮތަށް ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ، އިސްލާމީ އިލްމަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން، އިލްމީ އަމާނާތަށް ރަށްކާތެރިވުމުގެ ގޮތުން އިސްލާމްދީނުގައި އެކަމުގެ އަސްލެއް އޮތް ކަމަކީ ދެކޮޅު ނުހެދޭނެ މިންވަރަށް ހުއްޖަތް ހުރި މައްސަލައަކަށް ވާތީ އެކަން ބަޔާންކޮށްދިނުމަށް ކަމަށެވެ.


އެގޮތުން އަންހެނުން ހިތާނުކުރުމުގެ މައްސަލައަކީ އިސްލާމީ އިލްމުވެރިންގެ މެދުގައި ހިލާފުއޮތް ފަރުޢީ މައްސަލައް ކަމަށާއި، ފަހުގެ ބައެއް އިލްމުވެރިން އެއީ ހަރާމް ކަމެއްކަމުގައި ވެސް ވިދާޅުވާ ކަަމަށެވެ. ނަމަވެސް ހިލާފުއޮތް މައްސަލައެއްގައި އޮތީ އެންމެ ރަޢުޔެއްކަމުގައި ބަލައި، ދެންހުރި ހުރިހައި ރަޢުޔަކީ ނެތް ރަޢުޔުތަކެއްކަމުގައި ހެދުމީ ޢިލްމީ އަމާނާތްތެރިގޮތެއް ނޫން ކަމަށް އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް ވިދާޅުވީ، އަންހެނުން ހިތާނުކުރުމުގެ މައްސަލަ އަކީ އިސްލާމް ދީނުގައި އޮތް ކަމެއްކަން ހަތަރު މަޒްހަބުގެ އިމާމުން އިއްތިފާގުވެ ވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ޑރ. އިޔާޒް ދެއްކިވާހަކައެއްގެ ސަބަބުން، އިސްލާމްދީނަކީ އަންހެނުންގެ ހައްގުތަކަށް އަރައިގަންނަ، ނުވަތަ އަނިޔާވެރިވުމަށް ގޮވާލާ ދީނެއްކަމުގެ ރަނގަޅުނޫން ތަސައްވުރެއް ބަޔަކަށް ލިބިފައިވާނަމަ އެކަމަށް ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން މާފަށް އެދޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އިސްލާމީ ޝަރީޢަތުގައި ވަކިކަމެއްގައި، ދީނީ ބޮޑެތި އިލްމުވެރިންނާއި، މަޒްހަބުތަކުގެ އިމާމުންނާ ހަވާލާދީ، ދެކޮޅުއޮތްކަން ބަޔާންކޮށްގެން އެމަނިކުފާނަށް ނުވަތަ އެހެންފަރާތަކަށްވެސް އަދަބެއް ދެވިގެން ނުވާނެކަމަށާއި އެފަދަ ކޮންމެ އަދަބެއް އެއީ ބޭއިންސާފުން ދެވޭ އަދަބެއް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް