ads
ފޮޓޯ:އިންސްޓަގްރާމް
ބަނޑުބޮޑުވީ 18 އަހަރުގައި، ފިރިމީހާ މަރުވިފަހުން ދަރިފުޅު ގެންގުޅެލަން ނުލިބޭ:ޝިފާ
ޅ. ނައިފަރަށް އުފަން މަރިޔަމް ޝިފާގެ ނަން ދިވެހިންގެ ތެރޭގައި މަގްބޫލުވީ ޓިކްޓޮކުންނެވެ. އޭނާ ނުދަންނަ މީހަކު މިއަދަކު ނެތެވެ.

ޓިކްޓޮކްގެ ތެރެއިން އެންމެ ކުޑައިރު އެންމެ ކުރާހިތްވި "އެކްޓިން"ގެ ތެރެއަށްވެސް ވަދެވި، ރާއްޖޭގެ ފިލްމީ ބޮޑެތި ޑައިރެކްޓަރުންގެ ކަޅިތައްވެސް އަމާޒުވި ޝިފާ ވަނީ މިފަހުން "އަވަސް"އަށް ދިން އިންޓަވިއުއެއްގައި ދިރިއުޅުމުގެ ވަރަށް ގިނަ ވާހަކަތައް ހިއްސާކޮށްފައެވެ.

ހާއްސަކޮށް މީގެ ކުރިން އިންޓަވިއުތަކުގައި މާބޮޑަށް ނުދައްކާ ދަރިފުޅާއި، ފިރިމީހާގެ ވާހަކަތައްވެސް އޭނާ ވަނީ އެ އިންޓަވިއުގައި ހިއްސާކޮށްފައެވެ. 

ޝިފާ ބުނީ އޭނާ ބަނޑުބޮޑުވީ އުމުރުން 18 އަހަރުގައި ކަމަށެވެ. އޭރު އެންމެންވެސް ޝިފާ ބޭބީ އެއް ހޯދަން އަދި ނުވެއޭ،، މާކުޑައޭ ބުނާކަމަށް ޝިފާ ބުނެފައިވެއެވެ. 

"ފުރަތަމަ ބަނޑުބޮޑުވީ 18ގައި، ދެން އެންމެންވެސް ފުރަތަމަ ބުނަނީ ހަމަ ހޯދަނީ ހޭ ބޭބީއެއް. އެހާ ކުޑައިރު އުޅެވޭނެހޭ، ގެންގުޅެވޭނެހޭ، ބެލޭނެހޭ، ދެން ޝިފާއަށް އިނގޭ ބެލޭނެކަން، ގެންގުޅެވޭނެކަން. ފިރިމީހާވެސް ބޭނުންވެފަ ހުރީ ދެން ފެމެލީ މީހުންވެސް ޝިފާ ބޭބީއެއް ބޭނުންވާތީ ބުނީ ހޯދާށޭ" ޝިފާ

 އުމުރުން 21 އަހަރުގެ ޝިފާ ބުނީ ކުލިދައްކާ ފެންބިލާއި، އެއްޗެހި އެކަނި ދައްކަންޖެހުމުން، މިހާރު ބޮޑުވެފައިހުރިކަން އިހުސާސްވާ ކަމަށާއި، ކުޑައިރުގައި އެކަހަލަ އެއްވެސް ވިސްނުމެއް ނުހުންނަ ކަމަށެވެ. އެހެންނަމަވެސް މިހާރު ވަރަށް ބައިވަރު ކަންތައްތަކާއި ވިސްނާ ވަރަށް ބައިވަރުކަންކަން އަމިއްލައަށް ކުރަންޖެހޭ ކަމަށެވެ. 

ޝިފާ ބުނީ ކައިވެނިކޮށްގެން ފިރިމީހާ ނިޔާވި ހިސާބަކީ އެންމެ އުޅެން އުނދަގޫވި ހިސާބުކަމަށެެވެ. ފިރިމީހާ މަރުވުމުން އެކަނި މާލޭގައި އުޅުމަށްފަހު، ރަށަށް ގޮސްފަ އަނެއްކާ މާލެ އައިސް ދަރިފުޅާއި ދުރުގައި އުޅެންޖެހުމުން މިހާރު ވަރަށް އުނދަގޫވާ ކަމަށެވެ. 

ޝިފާ ބުނީ ފިރިމީހާ މަރުވިފަހުން ދަރިފުޅު ގެންގުޅެލަން އެއްވެސް ފަހަރަކު ނުލިބޭ ކަމަށެވެ. ޝިފާ ބުނީ ދަރިފުޅު ހުންނަނީ ފިރިމީހާގެ ފެމެލީ މީހުން ކައިރީ ކަމަށެވެ. ދަރިއަކު ލިބިފައި ދަރިފުޅު ދުރުގައި ހުންނާތީ، ވަރަށް ނެގަޓިވް ކޮމެންޓްސް އަންނަ ކަން ފާހަގަކުރަމުން ޝިފާ ބުނީ ދަރިފުޅު ކައިރިއަށް ގެންނަން ވަރަށް މަސައްކަތް ކުރި ކަމަށާއި ކޯޓަށް މައްސަލަވެސް އޭރު ލީ ކަމަށެވެ. އެހެންނަމަވެސް އެ ކޭސް ވިން ވެ ދަރިފުޅު ލިބުނީ ބައްޕަގެ އާއިލާ މީހުންނަށް ކަމަށެވެ. 

"އަސްލު ޝިފާގެ ބޭބީ ޝިފާ ނުހޯދަނީކީ ނޫން. ނޫނީ ހޯދަން ޝިފާ މަސައްކަތް ނުކުރަނީކީ ނޫން. ކޯޓަށް މައްސަލަވެސް ލިން. މައްސަލަ ވިންވީ އެކޮޅަށް. ދެން އަދިވެސް ބޭބީ ދުލެއް ނުކޮށްލަން . ބޭބީ ޝިފާ ކައިރިއަށް ގެންނަން ޝިފާ ކިތަންމެހާވެސް ބޭނުންދޯ. އެހެންވީމަ އަދި ޓްރައި ކުރާނަން" ޝިފާ

ޝިފާ ބުނީ ދަރިފުޅު އެއާއިލާއިން ނުދިނުން އެއީ އެމީހުން ގޯސްވީމަ ކުރާކަމެއް ކަމަށް ބުނަން ބޭނުން ނުވާ ކަމަށާއި، އެއީ ޝިފާ އާއި ފިރިމީހާގެ ހަމައެކަނި ހުރި ދަރިފުޅު ވުމުން އެ އާއިލާއިންވެސް ދޭން ބޭނުން ނުވަނީ ކަމަށް ޝިފާ ބުންޏެވެ. އެހެންނަމަވެސް މަންމައަކަށްވުމުން ދުރުގައި ބަހައްޓައިގެން ނުފެނި ނުހުރެވޭކަމަށް ޝިފާ ބުންޏެެވެ. 

"ބޭބީ ނުބަލަނީއޭ ނުބަލާ އެއްލާލީ އޭ. ވަރަށް ބައިވަރު މީހުން ކިޔާ އެއްޗެއް މީ ޝިފާ އާއި ދިމާލަށް އެކަމަކު އަސްލު ހަގީގަތެއް އެއްވެސް މީހަކަށް ނޭގޭނެ. ޝިފާ މިގޮތަށް އިންޓަވިއުތަކަށް އަރާ ނުކިޔަން އަސްލު. ބޭބީގެ ވާހަކަ ނޫނީ ހަސްބެންޑްގެ ވާހަކަ ޝިފާ ވަރަށް ނުދައްކަން." ޝިފާ

ޝިފާ ބުނީ ދަރިފުޅު ހޯދުމަށް މަސައްކަތް ކުރުމަށްފަހުވެސް ދަރިފުޅު ނުލިބިފައި، މީހުންގެ ފަރާތުން އަންނަ ނެގަޓިވް ކޮމެންޓްސްތަކާއި ކުރިމަތިލާން ވަރަށް އުނދަގޫވާ ކަމަށެވެ. ޝިފާ ބުނީ، ފިރިމީހާގެ މަންމަ ވެސް ވަރަށް ރަނގަޅު ކަމަށާއި، ދަރިފުޅު ދައްކާ ފެނިލުމުގެ ފުރުސަތުދޭކަމަށެވެ. އަދި ދަރިފުޅު ބަލަނީވެސް ވަރަށް ރަނގަޅަށް ކަމަށް ޝިފާ ބުންޏެވެ. އަދި މައިދަތަ ރަނގަޅު ވުމުން ވަރަށް ގިނަ ކަންތައްތައް ރަނގަޅުވާނެ ކަމަށް ޝިފާ ބުނެއެެވެ. 

21%
ކަމުގޮސްފި
53%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް