ނައިޖީރިޔާގެ ޕޮލިހުން ބުނާ ގޮތުގައި ހަތިޔާރުއެޅިބަޔަކު ރޭގަނޑު ސްކޫލުގެ ގާޑަށް ހަމަލާދީ އޭނާ މަރާލުމަށް ފަހު ސްކޫލަށް ވަދެ ގިނަ އަދަދެއްގެ ކުދިންތަކެއް ވަގަށް ނަގާފައިވެއެވެ. ވަގަށް ނެގި ކުދިން ގެ ތެރެއިން 26 ކުއްޖަކާއި ޓީޗަރެއް އެމީހުންގެ އަތްދަށުން ސަލާމަތްކުރެވިފައިވާކަމަށް ނައިޖީރިޔާގެ ޕޮލިހުން ބުނެއެވެ. ނައިޖީރިޔާގެ ޕޮލިހުން އިތުރަށް ބުނީ ވަގަށްނަގާފައިވާ ކުދިން ގެންގޮސްފައިވަނީ ކައިރީގައި ހުރި ޖަންގަޔަކަށް ކަމަށެވެ.
ސަލާމަތްވި ކުއްޖެއްގެ ބެލިނިވެރިޔަކު ބުނާ ގޮތުގައި އެސްކޫލުގައި ގާތްގަނޑަކަށް 180 ވަރަކަށް ދަރިވަރުން ކިޔަވަމުން އަންނަ ކަމަށާއި އެކުދިން ތައްޔާރުވަމުން ދިޔައީ އިމްތިހާނެއްގައި ބައިވެރިވުމަށްކަމަށެވެ.
ކަޑޫނާ ސްޓޭޓްގެކަމާއިބެހޭ އިދާރާތަކުންވަނީ ވަކިގޮތެއް އަންގަންދެން އެ ސްޓޭޓްގެ ހުރިހާ ސްކޫލެއް ބަންދުކުރުމަށް އަންގާފައިއެވެ.
މި ހަތިޔާރު އެޅި ގްރޫޕުން (އާންމު ނަމުންނަމަ ބެންޓިޑް) މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މިއަދާއި ހަމަޔަށް އެއްހާހަށް ވުރެން ގިނަ ސްކޫލު ކުދިން ވަގަށް ނަގާފައިވެއެވެ. އޭގެ ތެރެއިން އަދިވެސް ނުފެންނަ 150 ކުދިން އެބަތިބި ކަމަށް އާންމުން ބުނެފައިވެއެވެ.
މި ގްރޫޕުން ވަނީ މަގުމަތިން، ހޮސްޕިޓަލް އަދި އާންމުގެ ގެތަކުން އެތަށް ބަޔަކު ވަގަށް ނަގާފައެވެ. އެ ގޮތުން އާދިއްތަ ދުވަހުވަނީ 6 މީހުން ވަގަށް ނަގާފައިއެވެ. އޭގެތެރޭގައި 1 އަހަރުގެ ކުޑަކުއްޖެއްވެސް ހިމެނެއެވެ.