ads
ފ.ދަރަނބޫދޫ ބަނދަރު
ފ ދަރަނބޫދޫ ބަނދަރުގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ
ފ. ދަރަނބޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނީ މިމަޝްރޫއުގެ ދަށުން، 46،600 ކިއުބިކް މީޓަރަށް އެރަށު ފަޅުފުންކުރުމާއި، 410 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން، 64 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 196 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލުމުގެ މަސައްކަތް ހިމެނޭކަމަށެވެ. އަދި ނެރުބައްތި ހަރުކުރުމާއި ބަނދަރު ސަރަހައްދުގައި ޕޭވްމަންޓުލައި ބައްތި ހަރުކުރުން ހިމެނޭކަމަށްވެސް އެމްޓީސީސީން މައުލުމާތުދެއެވެ.

އެމްޓީސީސީން ބުނީ މިމަސައްކަތުގައި އެރަށުގައި ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައިކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލުކޮށްފައިިވާ މި މަޝްރޫއުއަކީ 38.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. 

ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްގެންދާ އެމްޓީސީސީއަކީ ރާއްޖޭގައި ޓްރާންސްޕޯޓް އަދި ކޮންސްޓްރަކްޝަންގެ މަސައްކަތްކުރަން އުފެދުނު ފުރަތަމަ ޕަބްލިކް ކުންފުންޏެވެ.

އަދި އެމްޓީސީސީން ދަނީ ހދ. ކުޅުދުއްފުށި ހޮސްޕިޓަލް ހެދުމުގެ މަސައްކަތާއި، މ.މުލީގައި އެއަރޕޯޓު ހެދުމުގެ މަސައްކަތާއި، ހއ. ދިއްދޫގެ ބަނދަރުގެ މަސައްކަތާއި، ބ.ފުޅަދޫ އަދި ތ. ގުރައިދޫގެ ބަނދަރު ހެދުމުގެ މަސައްކަތުގެ އިތުރުން ރ. އުނގޫފާރު މަގުހެދުމުގެ މަސައްކަތްތާއި، ގދ. ފަރެސްމާތޮޑާގައި އެއާޕޯޓު ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް