241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ އެ އިންކުއަރީ ރިޕޯޓް މިއަދު ރައީސް އަށް އަރުވާފައެވެ.
އެކަމަށްޓަކަައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން ރައީސް ވަނީ "ހެދިފައިވާ ގޯސްތައް" ކަމަށް އެ ރިޕޯޓްގައި ފާހަގަކުރި ކަންކަން ކުރިއަށް އޮތް ތަނުގައި އިސްލާހު ކުރައްވާނެ ކަމަށާއި، އެ ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ގައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ފައެވެ.
މި ރަސްމިއްޔާތުގައި241 ކޮމިޓީގެ ފަރާތުން ވަނީ، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ވިދާޅުވެފައެވެ. އަދި ރިޕޯޓަކީ އިންކުއަރީއެއް ކަމަށާއި ތަހުގީގީ ސިފަތައް ނުހިމެނޭނޭހެން އިންކުއަރީ ކުރިޔަށްގެންދިއުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާފައިވާކަން އެ ކޮމެޓީން ފާހަގަކުރިއެވެ.
މީގެ އިތުރުން އެ ރިޕޯޓު އެކުލަވާލުމުގައި ސަރުކާރުގެ ފަރާތުން ލިބިލެއްވި އެއްބާރުލުމަށްޓަކައި ޝުކުރުދަންނަވާ، ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި ބޭނުންވި ކަންކަން ފަހިކޮށްދިނުމަށްޓަކައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކުންވެސް ދެއްވި އެއްބާރުލުން ކޮމެޓީން ވަނީ ފާހަގަކޮށްފައެވެ.
މަޖިލީހުން އާއްމު ކޮށްފައިވާ އެރިޕޯޓަކީ ގައުމީ ސަލާމަތީ އިދާރާތަކާއި ކަމާއި ބެހޭ އެހެނިހެން އިދާރާތަކުގެ އިސްވެރިން ހާޒިރުކޮށްގެން މައުލޫމާތު ނަގައި އެމައުލޫމާތަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.
މަޖިލީހުގެ 241 ކޮމިޓީން މިމަހުގެ އަށް ވަނަދުވަހު ނެރުނު ގާތްގަނޑަކަށް 270 ސަފްހާގެ ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތު ހިމަނާފައިވާއިރު، ޑިފެންސް މިނިސްޓްރީން އެ މައްސަލާގައި ވެފައިވާ ބޮޑެތި އިހުމާލުތަކެއްގެ ވާހަކަ ވަނީ ފާހަގަކޮށްފައެވެ.
އަދި އެ ހާނދިސާއަކީ އެކަން ހިނގުމުގެ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާއަށް އެކަމުގެ އިންޓެލިޖެންސް މައުލޫމާތުތަކަކަށްވާއިރު ހަމަލާ ދެވުމާއި ހަމަަޔަށްވެެސް އެއްވެސް ފިޔަވަޅެއް ނޭޅުއްވުމުގެ އިިތުރުން، އެ މައުލޫމާތު ކަމާއިބެހޭ އެއްވެސް އިދާރާއަކާއި ހިއްސާކޮށްފައި ނުވާތީ އެއީ ހަމަލާ ހުއްޓުވުމަށްޓަކައި މިނިސްޓަރު ދޭން ވާ އަހުމިއްޔަތުކަން ނުދިނުމުގެ ސަބަބުން ހިނގާފައިވާ ނުރައްކާތެރި ހަމަލާއެއް ކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.