
ކޯސްޓަ ޑެލް ސޮލްގެ ޕިކްޗަރެސްކު ޕަންޓިލާ ބީޗަށް ދިޔަ ބަޔަކަށް ފެނުނީ ލައްގާފައި އޮތް ބޮޑު ގެއެކެވެ. ފެނުުނު ގޭގެ ފުރާޅެއްވެސް ދޮރެއްވެސް ނެތެވެ. ނަމަވެސް ކުޑަކޮށް އަރިއަކަށް ކޮޅަށް ހުރި އެ ގޭގެ ފާރުތަކަށް މާބޮޑެތި ގެއްލުންތަކެއް ފެންނާކަށް ނެތެވެ.
އެ ގެ މީހުންގެ ސަމާލުކަމަށް އައިސްފައިވަނީ ޓިކްޓޮކް ޔޫސާއެއް ކަމަށްވާ ކޮލޮޕެންޒާ ވްލޮގްސް ކިޔާ މީހެއް ޓިކްޓޮކްއަށް އަޕްލޯޑްކުރި ވީޑިއޯއަކުންނެވެ. އޭނާ ޔޫޓިއުބަށް ދޫކޮށްލި ވީޑިއޯ މިހާތަނަށް ހަތަރު ލައްކަ މީހުން ބަލާފައިވެއެވެ.
އެ ގޮތް ނޭނގޭ ގެ ބީޗަށް އައި ގޮތް ވިސްނާފައި ގިނަ ބަޔަކު ހައިރާންވިއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ އެ ގެއަކީ 1998 ވަނަ އަހަރު އައި ބާރުގަދަ ތޫފާން، ހަރިކޭން މިޗުގައި ގަދަ ވާރެޔާ އެކު ބިންގަޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ކަނޑަށް ދަމައިގަތް ގެއެއް ކަަމަށެވެ. އެ ތޫފާނުގައި 9،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ބީޗަށް ލައްގައިފައިވާ ގެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ ޒިޔާރަތް ކުރަމުންނެވެ. އެ ގެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އެގޭގެ އެއް ވަނަ ފަންގިފިލާއަށް އަރައި ބީޗުގެ ހިތްގައިމު މަންޒަރު ބަލަން ތިބޭއެވެ.
އެތަނަށް ދިޔަ ބައެއް މީހުން އެ ގޭގެ ފާރުގައި ގްރެފެޓީ ކުރަހާފައިވާއިރު ގިނަ އަދަދެއްގެ މީހުން ހަނދާނެއްގެ ގޮތުގައި އެ އާދަޔާ ހިލާފު މަންޒަރުގެ ފޮޓޯ ނަގަންވެސް ދެެއެވެ.
"އެތަނަށް އެ ގެ އައީ ކިހިނެތް؟" ވަނީ މިހާރު ބޮޑު ސުވާލަކަށް ވެފައެވެ. ބައެއް މީހުން ގަދަ އޮޔާއެކު ވިއްސާރައިގައި ދަމައިގަތް ގެެއެއް ލެއްގި ކަމަށް ބުނާ އިރު، އަނެއް ބަޔަކު ބުނަނީ އެ ގެއަކީ އެތާ ކުރިންވެސް ހުރި ގެއެއް ކަމަށާއި އެއީ އެ އަވަށު މީހުން ސިއްރުކޮށްގެން ބެހެއްޓި ތަނެއް ކަމަށް ބުނަމުންނެވެ.