އެ ސިޓީގައި ރިޔާޒް ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީއެއް އުފައްދައިގެން ދިވެހި ގައުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ރިޔާޒް ނިންމާފައިވާތީވެ މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީގެ މެންބަރުކަމުން ވަކިވި ވާހަކަ ދަންނަވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ އެންމެހައި މެންބަރުންގެ ފަރާތުންނާއި ގާސިމްގެ ފަރާތުން ވެވަޑައިގެންނެވި އެންމެހައި އެހީތެރިކަމާއި އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން އިހްލާސްތެރި ކަމާއެކު ޝުކުރު ދަންނަވާކަމަށް އެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.
ރިޔާޒް ޖޭޕީ އިން ވަކިވިއިރު، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކެބިނެޓްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި އަބްދުﷲ ކަމާލުއްދީން ވެެސް ވަނީ އިތުރު ޕާޓީއެއް އުފައްދަވާކަން ހާމަކުރައްވާފައެވެ.
"ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" (ނެޝަނަލް ސޮލިޑަރިޓީ ޕާޓީ)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހެދުމަށް ކަމާލުއްދީން ހުށަހެޅުއްވިއިރު، ނާޒިމް ސީއެންްްއެމްއަށް ވިދާޅުވެފައިވަނީ، އާ ޕާޓީއެއް ހައްދަވަން ގަސްތުކުރެއްވި ނަމަވެސް އެކަމުގެ ތަފްސީލްތައް އަދި ހާމަކުރުމަށް އުޒުރުވެރިވާ ކަމަށެވެ.
މައުލޫމާތު ލިބޭގޮތުން ޖޭޕީން ރިޔާޒް ވަކިވެވަޑައިގަތުމަށްފަހު ގުޅިވަޑައިގަންނަވާނީ ނާޒިމް އިސްވެ ހުންނަވާ އުފައްދާ ޕާޓީއާއެވެ. އެހެންނަމަވެސް މިކަން އަދި ރިޔާޒް ކަށަވަރު ކޮށްދެއްވާފައެއް ނުވެއެވެ.