ads
ޕެސްޓު
ހައްގު ހޯދުމަށް ޕެސްޓު ޖަލުގައި ހައިހޫނުކަމުގެ ހަޅުތާލުކޮށްފި
ދިވެހި މިއުޒިކް އިންޑަސްޓްރީގައި "ރެޕް ކިންގު" ގެ ގޮތުގައި މަޝްހޫރު ވެފައިވާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓު) ބަންދުގައި ހުރެ، ހައްގު ހޯދުމަށް ހައިހޫނުކަމުގެ ހަޅުތާލުކޮށްފިއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި މިއަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު، ޕެސްޓު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ޕެސްޓު ނިސްބަތްވާ ސިމްބޮލިކް ރެކޯޑްސް އިން މިއަދު ވަނީ ޕެސްޓު ބަންދުގައި ހުރެ ފޭނުންނަށް ފޮނުވި ހާއްސަ މެސެޖެއް ހިއްސާކޮށްފައެވެ. އެގޮތުން ސިމްބޮލިކުން ކުރި ފޭސްބުކު ޕޯސްޓެއްގައި ބުނީ ހުރިހާ އެންމެންނަށް ވަރަށް ބޯކޮށް ސަލާމް ބުނާ ކަމަށެވެ. ޕެސްޓު ބުނީ އޭނާ ދޫނިދޫ ގޮޅީގައި އޮވެގެން ވެސް އެހެން މީހުންގެ ހައްގުތައް ހިމާޔަތްކުރަން މަސައްކަތް ކުރާ ކަމަށާއި އެކަމަށް ފައިޓް ކުރާ ކަމަށެވެ. އަދި ޕެސްޓުގެ ހާލު ރަނގަޅުކަން ވެސް މި ޕޯސްޓުގައި ވަނީ ފާހަގަކޮށްފައެވެ.

"އަހަރެން ވަރަށް ފިޓު. އެންމެނަށް ބޯކޮށް ސަލާން. މަ މިއުޅެނީ ރެޕެއް ލިޔެލަން ކަރުދާސްކޮޅަކާ ގަލަމެއް ނުލިބިގެން" ރެޕްލަވަކިޔުންތެރިޔާ ޕެސްޓު ބުނެފައިވެއެވެ.

ޕެސްޓުއާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދާލަން ސީއެންއެމްއިން ސިމްބޮލިކް ރެކޯޑްސްގެ މެނޭޖަރަށް ގުޅާލުމުން އޭނާ ބުނީ ވަކީލުން މެދުވެރިކޮށް ފޮނުވި މެސެޖުގައި ޕެސްޓު ފާހަގަކޮށްފައިވަނީ ޕެސްޓު އަމިއްލަ ހައްގުތަކާއި އެހެން މީހުންގެ ހައްގުތައް ހޯދުމަށް ވެސް ޖަލުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ކަސްޓޯޑިއަލްގައި ހުރެ ޑޮކްޓަރަށް ދައްކަން ގެންގޮސްނުދިނުމުން، ޕެސްޓު ހަތަރު ދުވަސް ވަންދެން ހައިހޫނުކަމުގެ ހަޅުތާލުކުރި ކަމަށް މެނޭޖަރު ފާހަގަކުރިއެވެ. އޭނާ ބުނީ ޕެސްޓު ފަހުން ޑޮކްޓަރަށް ދައްކައިދީފައިވާ ކަމަށެވެ.

އަދި ކޯޓުން ވަނީ ޕެސްޓު ރިމާންޑު ޖަލަކަށް ބަދަލުކުރުމަށް ފުލުހުންނަށް އަމުރުކޮށްފައި ކަމަށާއި ނަމަވެސް ރިމާންޑު ޖަލަކަށް ބަދަލުކޮށްދީފައިނުވުމުގެ ސަބަބުން އަނެއްކާ ވެސް މިފަހުން ޕެސްޓު ހައިހޫނުކަމުގެ ހަޅުތާލުކުރިކަމަށެވެ. އަދި 8 ދުވަހަށް ފަހު، ސިއްހީ ހާލަތު ހުރި ގޮތުން އާއިލާއިން ދިން ނަސޭހަތްތަކާއެކު މިހާރު ޕެސްޓު ހުރީ ކައިގެން ކަން ވެސް އޭނާ ފާހަގަކުރިއެވެ.

ޕެސްޓުގެ މައްޗަށް މައިގަނޑު ފަސް ދައުވާއެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.  

"ރީތި ކުދިން ފެނި" ލަވައިން މަޝްހޫރުކަން ހޯދި ޕެސްޓަކީ ރާއްޖޭގައި މިހާތަނަށް ހުރި އެންމެ މޮޅު އެއް ރެޕް އާޓިސްޓު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ލަވަކިޔުންތެރިއެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ ރާއްޖޭގެ "ރެޕް ކިންގް" ނުވަތަ ރެޕްގެ ރަސްގެފާނުގެ ގޮތުގަ އެވެ. 

37%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
42%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް