ads
އެމްއެމްއޭ އިމާރާތް-- ފޮޓޯ: ސަން
ކުރީގެ ނޫޓުތަކަށް ބަދަލު ލިބޭނެ އެންމެ ފަހު ތާރީހް އިއުލާންކޮށްފި
ކުރީގެ ނޫޓުތަކަށް ބަދަލު ލިބޭނެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 27 ވާ އަންގާރަ ދުވަސް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރަޓީ(އެމްއެމްއޭ)އިން ބުނެފި އެވެ.

އެމްއެމްއޭއިން އެގޮތަށް ނިންމާފައިވަނީ، އަޟުހާ އީދާއި، މިނިވަން ދުވަހާ ގުޅިގެން އަންނަ ބަންދު ދުވަސްތަކުގައި އެމްއެމްއޭ ހުޅުވާފައި ހުންނާނީ މިމަހުގެ 21 ވާ ބުދަ ދުވަހާއި 27 ވާ އަންގާރަ ދުވަހާއި ހަމަޔަށް ކަމަށް ވުމުންނެވެ. 

"އެހެންކަމުން ކުރީގެ ކަރުދާސް ނޫޓަށް ބަދަލުދިނުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީހަކީ 27 ޖުލައި 2021 ކަމުގައި ދެންނެވީމެވެ." އެމްއެމްއޭއިން ބުނެފައިވެއެވެ. 

އެމްއެމްއޭއިން ބުނީ މި ދުވަސްތަކުގައި އެއޮފީހުން އެޕޮއިންޓްމެންޓް ހެއްދެވުމަކާ ނުލައި ކުރީގެ ފައިސާ ބަދަލުކުރެއްވޭނެ ކަމަށެވެ. 

ކުރީގެ ނޫޓުތައް ބަދަލުކުރެވޭނެ އެންމެ ފަހުގެ ތާރީހެއް ކަމަށް ކުރިން ކަނޑައަޅާފައިވަނީ މިމަހުގެ 31 ވަަނަ ދުވަހެވެ. ނަމަވެސް މިފަހުން ސަރުކާރުންވަނީ މުވައްޒަފުންނަށް ލުއި ކޮށްދިނުމަށް ޗުއްޓީ ލިބޭ ދުވަސްތައް އިތުރުކޮށް، މިމަހުގެ 28 ވާ ބުދަ ދުވަހާއި 29 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދެ ދުވަސްކަމުގައި ކަނޑައަޅާފައެވެ. 

މި ޖުލައި މަހުގެ 28 ވާ ބުދަ ދުވަހާއި 29 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސްކަމުގައި ހަމަޖެއްސެވުމުން، މިމަހުގެ 16 ވާ ހުކުރު ދުވަހުން ފެށިގެން ބަންދު ދުވަސްތަކަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ، އަންނަ އޮގަސްޓު މަހުގެ 1 ވާ އާދީއްތަ ދުވަހު އެވެ.

މީގެ ކުރިން ސަރުކާރުން ވަނީ މިމަހުގެ 18 ވީ އާދިއްތަ ދުވަސް އަދި 25 ވީ އާދިއްތަ ދުވަހަކީވެސް ބަންދުދުވަސްތައް ކަމަށް ކަނޑައަޅާފައެވެ. އަދި 19 ވާ ހޯމަ ދުވަހަކީ ހައްޖު ދުވަހެވެ. މިއަހަރުގެ ބޮޑު އީދު ދުވަހަކީ މިމަހުގެ 20 ވާ އަންގާރަ ދުވަހެވެ. އެހެންކަމުން އީދު ތިން ދުވަހާއިއެކީ، މިމަހުގެ 16 ވީ ހުކުރު ދުވަހުން ފެށިގެން 31 ގެ ނިޔަލަށް ބޮޑު ޗުއްޓީއެއް މިފަހަރު ސަރުކާރު މުވައްޒަފުންނަށް ލިބިގެންދާނެއެވެ.

ރައީސް އޮފީހުން ބުނީ، އެކަން އެގޮތަށް ހަމަޖައްސަވައިދެއްވާފައި ވަނީ އަޟްޙާ ޢީދާއި، މިނިވަން ދުވަހާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުން ކަމަށެވެ. 

އަދި ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް ރައީސް އޮފީހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް