ads
ރައީސް ނަޝީދާއި ރައީސް ސޯލިހު
ހަރުކަށި ފިކުރަށް ހިތްވަރުދޭ ސަރުކާރަކަށް ތާއީދެއް ނެތް: ރައީސް ނަޝީދު
ހަރުކަށި ފިކުރަށް ތާއީދުކޮށް ހިތްވަރުދޭ ސަރުކާރަކަށް ތާއީދެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ އޮފީހުގެ ފަރާތުން މިއަދު ނެރުނު ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ދީގެން ބޮޑު މެޖޯރިޓީއަކުން ހޮވީ އެމްޑީޕީގެ އަސާސްތައް ބަލައިގަނެ އެ އަސާސްތައް ހިންގުމަށާއި ހަރުކަށި ފިކުރަށް ޖާގަ ދިނުމަށް ނޫން ކަމަށެވެ.

ސަރުކާރުން ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ނުފޫޒުން އެމްޑީޕީގެ އެންމެ އަަސާސީ ސިފަތައް ސަރުކާރުން ނައްތާލަމުންދާ ކަމަށާއި. އެގޮތުން ނަފްރަތުގެ ބިލް ސަރުކާރުން ހުށަހެޅުމާއެކު އަދާލަތު ޕާޓީން އެ ބިލާ ދެކޮޅު ހެދުމާއެކު ސަރުކާރުން ވެސް އެކަމަށް ފަސް ޖެހިފައިވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަފްރަތުގެ ބިލަށް ތާއީދު ކުރާ މީހުން ކާފަރުކުރުމާއި އެ ފަދަ މީހުން ނަފްރަތުގެ އަމަލުތަކުގެ ޝިކާރައަކަށް ވެދާނެ ކަމުގެ ބިރު ސަރުކާރަށްވެސް ހީވެފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ގިނަ މަރުތަކެއް ހިނގާފައިވަނީ އެމީހުންނަކީ ލާދީނީ މީހުންގެ ގޮތުގައި ސިފަކޮށް، އެމީހުން ކާފަރުކުރުމުގެ ސަބަބުން ކަަމަށާއި އެ މީހަކު އެއީ ކާފިރެއްކަމުގައި ކަނޑައެޅުމަށް ފަހު ދެން އޮންނަނީ ފަތުވާއަކަށް ފަހު ހަރުކަށި ޖިހާދީ ފިކުރުގެ މީހުން އެ ފަތުވާ ތަންފީޒުކުރުން ކަމަށެވެ. އަދި ނަފްރަތުގެ އަމަލު ހުއްޓުވާ ބިލް ވުޖޫދަށް ގެނައުމުގެ ބޭނުމަކީ މި ފަދަ ގޮތަކަށް ކާފަރު ކުރުމުގެ އަމަލު ހުއްޓުވުން ކަން ފާހަގަކުރެއްވިއެވެ.

"ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން ގާނޫނުލް އުގޫބަތަށް ގެންނަ އިސްލާހު ފާސްކުރުމުގެ ހިތްވަރު އެމްޑީޕީގެ ސަރުކާރުގެ ކިބައިގައި ނުވާނަމަ ސަރުކާރަށް ތާއީދުކުރަން ވަރަށް ދަތި" ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ރައީސް ހިސާން ހުސައިން ހުށަހެޅުއްވި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާލާފައެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބިލް އަނބުރާ ފޮނުވާލުމަށް ފާސްކުރުމުން، ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެދުވަހުގެ މަޖިލީހުގެ ތަޅުމުގައި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސްގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް