
ފްލައި ދުބާއީ އިން މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ހަފްތާއަކު ބާރަ ދަތުރެވެ. ފްލައި ދުބާއީ މެދުވެރިކޮށް ރާއްޖެ އަންނަ މީހުން ގިނަވަމުން އަންނާތީ އެ އެއާލައިނުން ވަނީ މި އަދަދު ހަފްތާއަކު 21 ދަތުރަށް ބަދަލުކުރަން ނިންމައިފައެވެ.
ފްލައި ދުބާއީ އިން، ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމާ ގުޅިގެން ދަތުރުތައް މެދުކަނޑާލުމަށް ފަހު އަލުން ދަތުރުތައް ފަށާފައި ވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރު ހަތަރު ދަތުރު ފަށާފައި ވީނަމަވެސް ޑިމާންޑާ އެކު އެ އެއާލައިނުން އަންނަނީ ދަތުރުތައް ގިނަކުރަމުންނެވެ.
އެ އެއާލައިނުން މިހާރު ދަނީ އިކޮނޮމިކް ކާލްސް އާއި ބިޒްނަސް ކްލާސްގެ ޓިކެޓްތައް ވިއްކަމުންނެވެ.
ދުބާއީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުގެ ދަތުރަކަށް ހޭދަވާނީ ހަތަރު ގަޑިއިރެވެ.
ފްލައި ދުބާއީން ރާއްޖެއަށް ފުރަތަމަ ދަތުރު ފެށީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ފަހުން ރާއްޖެއަށް ދަތުރުކުރުން ހުއްޓާލާފައި އޮތުމަށްފަހު، 2018 ވަނަ އަހަރު ދަތުރުތައް އަލުން ފެށިއެވެ.