ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
ދެކޮޅުވެރި ވިސްނުން ދޫކޮށް ހިތްހެޔޮކަން އިސްކުރުމަށް ރައީސް ގޮވާލައްވައިފި
ދެކޮޅުވެރިކަން ދޫކޮށް ހިތްހެޔޮކަން އިސްކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

 1442 ވަނަ އަހަރުގެ އަޟްހާ އީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ އަޟްހާ އީދަކީ، ހައްޖުގެ އަޅުކަމާ ވިދިގެން އަންނަ އުފާވެރި މުނާސަބަތަކަށް ވާއިރު، ހައްޖުގެ އަޅުކަމާއި އަޟްހާ އީދުގެ އުފާ ފާޅުކުރުމާ ދެމެދުގައި އޮތް ގުޅުމާ މެދު ވިސްނުން ހިންގައި، އެ ގުޅުން ދެމެހެއްޓުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭކަމަށާއި، ޢީދުގެ އުފާ ފާޅުކުރުމުގައިވެސް، އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ، ގައުމީ އެއްބައިވަންތަކަށް އާލާކޮށް، މުޖްތަމައުގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ކަމަށެވެ.

ރައީސް ވަނީ އީދު ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ އުންމަތުގެ އެންމެހައި އަހުންނާއި އުހުތުންނަށް ވެސް އަޟހާއީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައި، މިއަހަރުގެ ހާއްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ އެންމެހައި މުސްލިމުންނަށް، މަބްރޫރު ހައްޖެއް މިންވަރުކުރެއްވުން އެދި އެކަލާނގެ ހަޒުރަތުގައި ދުއާ ދަންނަވާފައެވެ.

އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވިގޮތުގައި ކޮވިޑްގެ ހިތި ތަޖުރިބާތައް ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާ މި ދަނޑިވަޅުގައި، އެންމެ މުހިންމު އިސްކަމެއް ދޭންޖެހިފައިވަނީ، ޢާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ރަޙްމަތްތެރިކަމާއި އެކުވެރިކަމުގެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށްކަމުގައެވެ. އަދި އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ދެ ޢީދަކީވެސް، މުސްލިމުންގެ މެދުގައިވާ އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ހިތްހެޔޮކަމާއެކު އެކަކު އަނެކަކާ ބައްދަލުކޮށް، ހާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް ހާއްސަ ދެ މުނާސަބަތުކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހަކުވެސް މިއަދު އަވަސްވެގަންނަންވީ، ގާތްތިމާގެ މީހުންނަށާއި އެކުވެރި ރަހުމަތްތެރިންނަށާއި އެންމެހައި މުސްލިމުންނަށް، އީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަށްކަމުގައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިއަދު ކުރިމަތިލާންޖެހިފައި މިވާ ކޮވިޑްގެ ދަތި އުނދަގޫތަކުން އަރައިގަތުމުގައި ވެސް، އެންމެ ވަރުގަދަ ބާރަކީ، އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށާ، އީދުގެ އުފާ ފާޅުކުރާއިރު، ގައުމީ ފެންވަރުގައި ވިސްނުން ހިންގަން ޖެހިފައވަނީ، ބައިބައިވުންތަކާއި ދެކޮޅުވެރިކަމުގެ އެންމެހައި ވިސްނުންތައް އަޅުގަނޑުމެންގެ ސިކުނޑިތަކުން އެއްފަރާތްކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށްކަމުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް