ads
ރައީސް ޞާލިހް
ރާއްޖޭގެ ތަފާސްހިސާބުގެ ބިލު ތަސްދީގުކުރައްވައިފި
ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި މި ބިލަކީ މިމަހުގެ 8 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި ގާނޫނަކީ ރާއްޖޭގައި ތަފާސްހިސާބާބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމުގެ އިތުރުން އެ އާންމުކޮށް، ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.

މިގޮތުން، މި ގާނޫނުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީކުރުމާއި، ގައުމުގެ އިގްތިސާދިދީ، އިޖްތިމާއީ އަދި ތިމާވެށީގެ ހާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ގައުމީ ފެންވަރުގައި އެއްކޮށް، ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިނުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އަދި މި ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ރާއްޖޭގެ ތަފާސްހިސާބާގުޅޭ ހުރިހާ ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައެޅުމާއި ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ ހުރިހާ ކަންކަން ކުރުމަށްޓަކައި، "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް" ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެދޭނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މީގެއިތުރުން މި ގާނޫނާއިއެކު ކުރިން ހިނގަމުން އައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުރިހާ ކަމެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ބަދަލުވާނެކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ވަނީ  ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރު ކަމަށާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގާނީ، މިނިސްޓަރުގެ ލަފާގެމަތިން ޗީފް ސްޓެޓިސްޓީޝަން ކަމަށް ބުނެފައެވެ. އަދި މި ކަން ކުރައްވާ ޗީފް ސްޓެޓިސްޓީޝަން އައްޔަންކުރައްވާނީ ރައީސް ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުންވެސް ބިއުރޯގެ މަސައްކަތްތައް ކުރުމަށާއި ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމުގެ އިތުރުން ތަފާސްހިސާބުގެ ގައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދޭ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަންވާނެކަމަށް ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.

ރައީސް އޮފީހުން ބުނީ އެ ސްޓެޓިސްޓިކަލް ކައުންސިލް އެކުލެވިގެންވާނީ 10 މެންބަރުންގެ މައްޗަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް