މިދިޔަ އާދީއްތަ ދުވަހު ޕެރިސްގެ ފޮބިޑެން ސްޓޯރީސް އާއި އެމްނެސްޓީ އިންޓަނޭޝަނަލްގެ އިތުރުން 16 މީޑިއާއެއް ބައިވެރިވެގެންް ދަ ޕެގޭސަސް ޕްރޮޖެކްޓްގެ ތަހުގީގަށް ފަހު ލީކް ކޮށްލި މައުލޫމާތުން ވަނީ އިޒްރާއީލްގެ އެންއެސްއޭ ގްރޫޕުން އުފައްދާފައިވާ ޕެގޭސަސް ސްޕައިވެއާ ބޭނުންކޮށްގެން ސަރުކާރުތަކުން އެތައް ޖަރީމާތަކެއް ހިންގާފައިވާކަން ފަޅާ އަރުވާލާފައެވެ.
އެގޮތުން ދުބާއީގެ ޕްރިންސަސް އިން ކަމަށްވާ ލަތިފާ އާއި ހަޔާ ވެސް ވަނީ ޕެގޭސަސް ސްޕައިވެއާ ބޭނުންކޮށްގެން އަމާޒަކަށް ހަދާފައިކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް، ވޮޝިންޓަން ޕޯސްޓުގެ އިތުރުން ވެސް ގިނަ މީޑިއާތަކުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ.
ތަހުގީގު ކުރި ފަރާތްތަކުން ބުނަނީ ދުބާއީގެ ވެރިޔާގެ ދަރިކަނބަލެއް ކަމަށްވާ ޕްރިންސެސް ލަތީފާ އަދި އޭނާގެ ކުރީގެ އަނބިމީހާ އަކީ ޕެގޭސަސް ގެ އަމާޒަކަށްވި 50،000 މީހުންގެ ތެރޭގައި ހިމެނިފައެވެ.
އެމްނެސްޓީ ޓެކްގެ ޑިރެކްޓަރު ރަޝާ އަބްދުލް ރަހީމް ބުދަ ދުވަހު ރިޕޯޓަރުންނާއި ވާހަކަދައްކަވަމުން ވިދާޅުވީ ޕެގޭސަސް ބޭނުންކޮށްގެން ޕްރިންސަސް ލަތީފާ އަދި ޕްރިންސަސް ހަޔާގެ އިންސާނީ ހައްގުތަކަށް އަރައިގެންފައިވާކަމަށެވެ. ދުބާއީގެ ސަރުކާރުން އެ ދެ ޕްރިންސަސްގެ މިނިވަންކަން ނަގާލީ ޕެގޭސަސް ބޭނުންކޮށްގެން ކަމަށާއި ލަތީފާ އަދި ހަޔާއަށް އެހީވި މީހުން ހޯދައި އެމީހުންނަށް އަދަބު ދިނީވެސް ޕެގޭސަސް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރިންސަސް ހައްޔަރު ކުރުން
ޕްރިންސަސް ލަތީފާއަކީ ދުބާއީއަށް ނިސްބަތްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބޮޑުވަޒީރުގެ ދަރިކަނބަލުންނެވެ. އެހެންކަމުން މިކަމުގެ ކަންބޮޑުވުން ޔޫއޭއީއާ ހިއްސާކުރާނެ ކަމަށް އދ. އިން ބުނެފައި ވެއެވެ.
ޕްރިންސަސް ލަތީފާ ވަނީ 2018 ވަނަ ގައުމުން ފިލަން މަސައްކަތް ކުރައްވާފަ އެވެ. އެކަމާ ގުޅިގެން ބައްޕާފުޅު ވަނީ އެކަމަނާ "ރަހީނުކޮށްފައި" ކަމަށް ތުހުމަތު ކޮށް، ވީޑިއޯއެއް ފެބްރުއަރީ މަހު 17 ވަނަ ދުވަހު ބީބީސީން ވަނީ އާއްމުކޮށްފަ އެވެ.
އެ ވީޑިއޯގައި އަމީރާ ލަތީފާ ވިދާޅުވީ އެކަމަނާގެ ފުރާނައަށް ގެއްލުމެއް ވެދާނެ ކަމުގެ ބިރު އެބަ އޮތްކަމަށެވެ. އެހެންކަމުން އދ. އިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރުގެ އޮފީހުން ބުނެފައި ވަނީ މި މައްސަލާގައި ޔޫއޭއީއާ ސުވާލުކުރާނެ ކަމަށެވެ. އަދި އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރެރީ ޑިޓެންޝަން އިން ތަހުގީގެއް ފަށާނެ ކަމަށް ވެއެވެ.
ދުބާއީއަކީ އިގްތިސާދީ ގޮތުން ކާމިޔާބު ސިޓީއެއް ނަމަވެސް އެތަނުގައި އިންސާނީ ހައްގުތައް، ވަކިން ހާއްސަކޮށް އަންހެނުންގެ ހައްގުތައް، ވަނީ ހިފެހެއްޓިފައި ކަމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނެ އެވެ.
އެކުވެރިންގެ އެހީތެރިކަމާއެކު ޕްރިންސަސް ލަތީފާ ދުބާއީއިން ފިލަން މަސައްކަތް ކުރީ 2018 ގައެވެ. އެކަމަނާ ބޭނުންވެވަޑައިގެންނެވީ މިނިވަންކަމާއެކު އުޅެވޭނެ ގޮތެއް ހޯދުމަށެވެ.
އެކަމަނާ ފިއްލެވިތާ ދުވަސްތަކެއް ފަހުން ޔޫއޭއީގެ އަސްކަރީ ސިފައިން އެކަމަނާ ހޯދާ ހައްޔަރު ކުރީ އިންޑިއާ ކަނޑުގައި ބޯޓެއްގައި ދަތުރު ކުރަމުން ދަނިކޮށެވެ.
އޭގެ ފަހުން ދުބާއީއަށް ގެންގޮސް އަދިވެސް ހުންނެވީ އެތަނުގަ އެވެ. ބައްޕާފުޅު ވިދާޅުވެފައި ވަނީ އަމަލު ކުރަމުން ދަނީ އަމީރާ ލަތީފާއަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ.
އަމީރާ ލަތީފާގެ އިތުރުން އެކަމަނާގެ ދޮން މަންމަ އަމީރާ ހާޔާ ބިންތު އަލް ހުސެން ވެސް ވަނީ ދުބާއީ ފިއްލަވާ އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ. އެތަނުގައި އެކަމަނާ ހުންނަވަނީ ދެ ދަރިންނާ އެކު އެވެ.