އެގޮތުން ދާދި ފަހުން އިންޑިއާގައި ހިނގި ހާދިސާއެއްގައި ބުޅަލެއް އޭގެ ވެރިމީހާ ސަލާމަތް ކުރަން އޭތީގެ ފުރާނަ ގުރުބާން ކުރަން ތައްޔާރަށް ހުރި މަންޒަރު ފެންނަ ވީޑިއޯއެއް މީހަކު ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.
އާއްމުކުރި ވީޑިއޯ ކުޑައިރުކޮޅެއްގެ ތެރޭގައި ވައިރަލްވެފައިވާއިރު އެ ވީޑިއޯއިން ފެންނަ ބުޅަލުގެ ހިތްވަރު ފެނިފައި ގިނަ ބަޔަކު ތިބީ އަޖައިބުވެފައެވެ.
އެ ވީޑިއޯއިން ފެންނަނީ ހުދު ކުލައިގެ ބުޅަލެއް ހަރުފައިގެ ވެސް އެންމެ ނުރައްކާތެރި އެއް ބާވަތް ކަމަށް ކޯބްރާއަކާއި ކުރިމަތިލައި ވެރިމީހާގެ ގެއަށް ވަނަނުދީ ހިފަހައްޓާ މަންޒަރެވެ.
އިންޑިއާގެ ސިޓީއެއް ކަމަށްވާ ބުބަނޭޝްވަރްގައި ހުންނަ އެ ގޭގެ ބޭރުގައި ބޫޅާ ވަނީ 30 މިނުޓަށްވުރެ ގިނަ އިރުވަންދެން ހަރުފަ ހުއްޓުވާފައެވެ. ވިހަ ގަދަ ހަރުފަ ރުޅިވެރިގޮތަކަށް އޭގެ ބޯ އުފުލައިގެން ހަމަލާދޭން ތައްޔާރުވެގެން ހުންނަ މަންޒަރު ފެންނައިރު ބުޅާ އެއްވެސް ބިރުވެރިކަމެއް ނެތި ހަރުފަ ކުރިމަތީގައި ހުއްޓިލައިގެން ހުރެއެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން އެހީ ފޯރުކޮށްދޭ ފަރާތްތަކުން ވަނީ އެ ހަރުފަ ހިފާފައެވެ.
މި ހާދިސާގައި ބުޅަލައް އަދި އެއްވެސް މީހަކަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އިންޑިއާ އަކީ ހަރުފަ ހަމަލާތަކުގައި އެންމެ ގިނައިން މީހުން މަރުވާ ގައުމެވެ.