ހަރުކަށި ފިކުރުތަކާ ދެކޮޅަށް އެންމެ ވަރުގަދައަށް ފާޅުގައި ބަސްފުޅު ވިދާޅުވަނީ ރައީސް ނަޝީދެވެ. އިނގިރޭސިވިލާތުގައި ހުންނަވައިގެން އިންޑިއާގެ ޑީއެންއޭއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރާއްޖޭގެ ގިނަ ބަޔަކު ސީރިއާއަށް ދާ ކަން ފާހަގަކޮށް، ރާއްޖޭގެ ހަރުކަށި ފިކުރު ނުވަތަ ރެޑިކަލައިޒޭޝަން ހުއްޓުވުމަށް ރައީސް ނަޝީދުގެ ޕްލޭނަކީ ކޮބައިތޯ ސުވާލުކުރުމުން ނަޝީދު ވިދާޅުވީ މަދު ބަޔަކު ސީރިއާއަށް ޖިހާދަށް ދާ ކަމަށް ބުނެ ދިޔަ ނަމަވެސް ރާއްޖޭގެ ގިނަ މީހުންނަކީ ޒަމާނާއެކު ބަދަލުވަމުން އަންނަ ބައެއް ކަމަށާއި އެއީ މެދުމިނުގެ ފިކުރުގެ މީހުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މިކަން ހާމަވާ އެއް ސަބަބަކީ މީގެ ކުރިން ބޭއްވި ތިން ރިޔާސީ އިންތިހާބުގައާއި، ހަތަރު މަޖިލިސް އިންތިހާބުގެ އިތުރުން ތިން ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ފާޅުގައި ހަރުކަށި ފިކުރަށް ތާއީދުކުރާ ޕާޓީއަށް ދެކޮޅު ހަދާފައިވުން ކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް ހަރުކަށި ފިކުރަށް ތާއީދުކުރާ ޕާޓީތަކަށް އެއްވެސް ގޮނޑިއެއް ކާމިޔާބުވެފައިނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުންނަށް އިންތިހާބުތަކުގައި ދެކޮޅު ހެދިނަމަވެސް، މެޖޯރިޓީ މީހުން ވެސް ބައިބައިވެފައިވާތީ، ކޮންމެ ފަހަރަކު ވެސް ވެރިކަމަށް އަންނަ ޕާޓީއަކުން ނުވަތަ ސަރުކާރަކުން ވެރިކަމަށް އަންނަނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ޕާޓީގެ ތާއީދާއި އެހީއާއެކު ކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ޔާމީން ވެރިކަމަށް އައީ ވެސް އެ ޕާޓީތަކުގެ އެހީއާއެކު ކަމަށާއި ހުދު އެމަނިކުފާނު ވެސް 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ އެގޮތަށް ކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ މިހާރުގެ ސަރުކާރުގެ ހާލަކީ ވެސް އެއީ ކަމަށެވެ. ރައީސް ނަޝީދު އެއިޝާރާތް ކުރައްވަނީ އަދާލަތު ޕާޓީއަށް ކަމަށް ބެލެވެ އެވެ.
ނަޝީދު ވިދާޅުވީ މިކަން ކަން ހުއްޓުވުމަށްޓަކައި ލިބެރަލް ފިކުރުގެ ހުރިހާ ސިޔާސީ ލީޑަރުން އެއްގަލަކަށް އަރައި، އެކުގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ލާދީނީ ފިކުރުތަކާ ދެކޮޅަށް އެންމެ ގިނައިން ވާހަކަ ދައްކަވާ އެއްބޭފުޅަކީ ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފްއެވެ.
ސީއެންއެމްގެ އިތުރުކާފު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޑރ. އިޔާޒް ވިދާޅުވީ، ރާއްޖޭގައި ލާދީނީ ފިކުރު ފަތުރައި އެކަން އެއީ ރަނގަޅު އެއްޗަކަށް ހަދަން ބަޔަކު މަސައްކަތް ކުރާނަމަ، ދީނީ އިލްމު ރަނގަޅު އުނގެނިފައިނުވާ ފާރާތްތައް އެކަމާއި ކެކިގަންނާނެ ކަމަށާއި، އޭގެ ސަބަބުން އޮޓޮމެޓިކުން ހަރުކަށި ފިކުރު އުފެދޭނެ ކަމަށެވެ.
ޑރ. އިޔާޒް ވިދާޅުވީ، މިހާރުވެސް ރާއްޖޭގައި އެކަހަލަ ކަންކަން ހިންގަމުން އަންނަ ކަމަށާއި، ނަމަވެސް އެގޮތައް ހަރުކަށި ފިކުރަށް ހުށަހެޅޭ ކުދިންނަށް ދީނީ އިލްމުވެރިން ނަސޭހަތް ދީގެން، އެކަހަލަ ކަންކަން ވިޔަ ނުދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަން ލާދީނީ ފަރާތްތަކަށް ނުފެންނަ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
ރާއްޖެއަށް އަންނަމުންދާ ބަދަލުތަކާއެކު އައި މިދެކަމަކީވެސް ރާއްޖޭގައި އަށަގަންނަމުން އަންނަ ކަންކަމެވެ. އިސްލާމްދީނާ ދެކޮޅަށް، ލާދީނީ ފިކުރާއައި ހަރުކަށި ފިކުރެވެ. ޑރ އިޔާޒުގެ ވާހަކަފުޅުންވެސް އެނގެނީ އިސްލާމް ދީނަކީ މެދުމިނުގެ ދީނެއްކަމެވެ. ރައީސް ނަޝީދުވެސް ވަކާލާތު ކުރައްވަނީ މެދުމިނުގެ ދީނެއް ރާއްޖޭގައި އޮތުމެވެ. އެހެންކަމަށްވާނަމަ ޒަމާންވީ މަސަލަސްކަން ގެއްލޭ ހާލަތަކަށް ރާއްޖޭގެ ކަންކަން ދާންވީ ކީއްވެގެން ހެއްޔެވެ؟
އެއްބަޔަކު ފާހަގަ ކުރާގޮތުގައި ފުލުހުންގެ ފަރާތުން މިކަމުގައި ފެންނަނީ އެއްފަޅިން މަސައްކަތް ކުރާ ތަނެވެ. ހަރުކަށި މީހުންގެ އަމަލު ތަކަށް ސަމާލުކަން ދެވޭ ތަކެވެ. އިސްލާމް ދީނުގެ މާތްކަމާއި ރަސޫލާއަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތަކަށް ސަމާލުކަން ނުދެވޭ ވާހަކައެވެ. ރާއްޖޭގައިވެސް ފާޅުގައި މިހާރުވެސް ދީނަށް ފުރައްސާރަ ކުރަމުންދާ އިރު އެފަދަ މީހުންނާ މެދު ފިޔަވަޅު އެޅޭތަން ނުފެންނަކަމަށް ބުނެ ދައްކާ ވާހަކައިގެ އަޑު ވެސް އަންނަނީ ގަދަވަމުންނެވެ. އަދި ރާއްޖޭން ބޭރުގައި ބައެއް ދިވެހިން އެކިއެކި ޕްލެޓްފޯމް ތަކުގައި ދީނަށް ހަޖޫޖެހުމާއި ފުރައްސަރަ ކުރުން ދަނީ އާންމު ވަމުންނެވެ. އެމީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭ ތަނެއް ނުފެނެއެވެ. އެއީ ފުލުހުންނާއި ކަމާގުޅޭ މުއައްސަސަާތަކުގެ ޒިންމާއެއް ނޫންހެއްޔެވެ؟
ގައުމުގައި ސުލަހަމަސަލަސްކަން ގާއިމް ކުރުމަށްޓަކައި ހަރުކަށި ފިކުރާ ދެކޮޅަށް ގާނޫނު ތަންފީޒުކުރާ މިންވަރަށް އިސްލާމްދީނަށް ފުަރައްސާރަކޮށް ހަޖޫ ޖަހަމުންދާ ލާދީނީ ފިކުރުގެ މީހުންނާ މެދު ގާނޫނު ހިންގަން ޖެހެ އެވެ. ގާނޫނުގެ ކުރިމަތީގައި އެ ދެ އަމަލަކީ ވެސް ކުށަކަށްވާން ޖެހޭނެ އެވެ. ރާއްޖޭއަކީ ސައްތައިންސައްތަ އިސްލާމީ ގައުމެއްކަމަށް ބުނެ ހަދާ ނަމަ އެ ދެ މައްސަލައާ މެދު އިންސާފު ކުރެވެން ޖެހޭނީ އެއް ތަރާދަކުން ހަމަހަމަ ކަމާ އެކުގަ އެވެ. އެއް ޒާތުގެ މައްސަލަތަކުގައި އެއް ހަމައަކުން އިންސާފު ގާއިމު ނުކުރެވޭނަމަ އެކަމުގެ ހިތި ރަހަ ނުލާނެ ބާއްވަ އެވެ.