
މިކަމާއި ބެހޭގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ބޮޑު ކަންނެލީގެ ޔޫނިއަން ގެ ރައީސް ހުސެން ނަޝީދު ވިދާޅުވީ މިކަމަކީ ސަރުކާރުން ވަރަށް ރަނގަޅަށް ބަލާ މޮނީޓާކުރަން ޖެހޭ ކަމެއްކަމަށާއި ދުނިޔޭގެ އެކި މާކެޓުތަކުގައި މި ގޮތަށް އެހެން ގައުމުތަކުން ބާނާ މަސް ދިވެހިންގެ ނަން ބޭނުންކޮށްގެން ވިއްކާ ކަމުގައި ވަނީ ނަމަ ދިވެހިމަސްވެރިންނަށް ލިބެންޖެހޭ ހައްގު އަގެއް ނުލިބޭނެ ކަމަށެވެ.
މިކަމަށް ހައްލަކީ ދިވެހިރާއްޖޭގެ އަމިއްލަ ބްރޭންޑެއްގެ ގޮތުގައި މަސްބޭރުކުރުން ކަމަށާއި މި ވީހާތަނަށް މިކަން ކުރެވިފައިނުވާކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓުކުރަން ސްލޯގަން އެއް ބޭނުންކުރަން ޖެހޭކަމަށްވެސް ނަޝީދު ފާހަގަ ކުރެއްވިއެވެ. ނަޝީދު އިތުރަށް ވިދާޅުވީ މަސްދަޅު ބޭރު ކުރާއިރު ދިވެހިރާއްޖޭގެ ލޯގޯއެއް ޖަހަން ޖެހޭ ކަމަށާއި އެ ބްރޭންޑު ޕްރޮމޯޓުކޮށް އެޔަށް ވެލިއުއެއްވެސް ހޯދަން ކަމަށެވެ.
ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި އެ ބޭފުޅުން އެ ވަކާލާތުކުރާ މަސްވެރިންނައް ލިބެންޖެހޭ ހައްގު އަގު ލިބިގަތުމަށް ސަރުކާރުގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ވަރަށް ބޮޑުކަމުގައެވެ.
ދިވެހި ރާއްޖޭގައި ކުރަމުންދާ މަސްވެރިކަމަކީ ވަރަށް ތިމާވެއްޓާއި ރައްޓެހި މަސްވެރިކަމެއް ނަމަވެސް އެހެން ގައުމުތަކުން ކުރާ މަސްވެރިކަމަކީ ތިމާވެއްޓަށް ވަރަށް ގެއްލުން ލިބިގެންދާނެގޮތަކަށް ކުރެވިގެންދާ ކަމެއްކަމަށް އޭނާ ފާހަގަ ކުރެވިއެވެ. އެ ގޮތުން ރާއްޖެއިން ދޮށީގެ މަސްވެރިކަން ކުރާއިރު ބައެއް ގައުމުތަކުން ދާ އަޅައިގެން މަސްބޭނުުމުގެ ސަބަބުން ތިމާވެއްޓަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަމަށާއި މި ގޮތުން މަސް ބާނާއިގެން ދިވެހިންގެ ނަމުގައި ވިއްކުމުން ދިވެހި މަސްވެރިންނައް ލިބެން ޖެހޭ ހައްގު އަގު ނުލިބޭކަމަށް ނަޝީދު ވިދާޅުވިއެވެ.
ދިވެހި މަސްވެރިކަން އިތުރަށް ތަރައްގީ ކުރަންޖެހޭކަމަށާއި ކޮވިޑްގައި ބޯޑަރު ބަންދުކުރުމުން ގައުމުގެ އިކޮނޮމީވެސް ހިނގާފައިވަނީ މަސްވެރިކަމުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ފާހަގަ ކުރައްވާފައިވާކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.