ސުޝާންތު ފެނިފައިވަނީ އޭނާ ދިރިއުޅޭ ފުލެޓްގައި ޖޫން މަހުގެ 14 ވަނަ ދުވަހު ހެނދުނު ދަންޖެހި މަރުވެފައި ހުއްޓައެވެ. މި މަރަކީ އޭނާގެ ފޭނުންނަށް ގަބޫލުކުރަން ދަތިވި މަރެކެވެ. އަދި އޭނާގެ ފޭނުން އަދިވެސް ތިބީ ސުޝާންުތު އަށް އިންސާފު ލިބޭނެ ދުވަހެއްގައިންތިޒާރުގައެވެ.
ސުޝާންތު އެންމެ ފަހުން ކުޅެފައިވާ ފިލްމް "ދިލް ބޭޗާރާ" ރިލީސްކޮށްފައިވަނީ އޭނާ މަރުވިފަހުން އެ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. އެހެން ކަމުން މި ފިލްމް ރިލީސް ކުރިތާ މިހާރު މިވަނީ އަހަރެއް ވެފައެވެ.
މި ފިލްމުގައި ސުޝަންތު އާއި އެކު ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ސަންޖަނާ ސާންގީއެވެ. ފިލްމް ރިލީސްކޮށްފައި ވަނީ އޮންލައިން ޕްލެޓްފޯމްތައް ކަަމަށްވާ ޑިސްނީ ޕްލަސް އަދި ހޮޓްސްޓާ މެދުވެރިކޮށެވެ.
ސުޝާންތުގެ މަރަށްފަހު އޭނާގެ ފޭނުން ދަނީ މެދުކެނޑުމެއް ނެތި ސުޝާންތު އަށް އިންސާފު ހޯދައިދިނުމަށް އެދި ސޯޝަލް މީޑިއާގައި އަޑު އުފުލާ، ސުޝާންތުގެ ހަނދާންތައް އާކުރަމުންނެވެ.
"ދިލް ބެޗާރާ" ގައި ސުޝާންތު ފެނިގެން ދިޔައީ މޭނީގެ ރޯލުންނެވެ. އަދި މޭނީގެ ކެރެކްޓާއިން ސުޝާންތު ވަނީ ބެލުންތެރިން ހެއްވާލުމާއި އެކު ރޮއްވާލާފައި ކަމަށް ސުޝާންތުގެ ފޭނުން ވަނީ ސޯޝަލް މީޑިއާގައި ފިލްމަށް އަހަރުވުން ފާހަގަ ކުރަމުން ބުނެފައެވެ.
ސުޝާންތުގެ ފޭނުން އަންނަނީ "ދިލް ބެޗާރާ" އަށް އަހަރެއް ވުން ފާހަގަ ކުރުމުގެ ގޮތުން މޭނީގެ ނަމުގައި ސުޝާންތު ދުނިޔެ ކާމިޔާބުކޮށްފި ކަމަށް ބުނެ ހޭޝްޓެގެއްވެސް ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ. ގިނަ ސަޕޯޓަރުން މި ހޭޝްޓެގް ބޭނުން ކުރަމުން އަންނައިރު، ސުޝާންތުގެ ސަޕޯޓަރުން ބުނަމުން ދަނީ ސުޝާންތު ފަދަ ހުނަރުވެރި އިތުރު ފަންނާނަކު އަދި ނުފެންނަ ކަމަށާއި އަދި ދެން ނުވެސް ފެންނާނެކަމަށެވެ.
މީގެ އިތުރުން ސުޝާންތުގެ ފޭނުން ބުނަމުންދަނީ ދިރިއުޅުން ދުވަހެއް ދުވަހަކަށް ބަދަލުވިނަމަވެސް، ސުޝާންތު އަށް އޮތް ލޯތްބާއި، އޭނާގެ ހަނދާންތައް ނުފޮހެވޭނެކަމަށެވެ.
ސުޝާންތުގެ ފަހު ފިލްމް "ދިލް ބެޗާރާ" އަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިެން ގޮސްފައެވެ.
ފިލްމަށް އަހަރެއް ވުން ފާހަގަ ކުރަމުން ފިލްމުގެ ޑައިރެކްޓަރު މުކޭޝް ޗާބްރާ ބުނެފައިވަނީ އޭނާ ޑައިރެކްޓުކުރި ފުރަތަމަ ފިލްމަކީ ވަރަށް ހާއްސަ ފިލްމަކަށް، ސުޝާންތު ވަނީ ހަދައިދީފަ ކަމަށެވެ. އަދި މީގެ އިތުރުން ފިލްމު ހަދަން އޭނާ ވިސްނި އިރުވެސް ސުޝާންތު އެ ފިލްމުން ފެނިގެންދާން އޭނާ ބޭނުންވިކަމަށާއި އޭނާގެ ފުރަތަމަ ފިލްމު ކުޅެދޭނެކަމަށް ސުޝާނުތު ވައުދުވި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެ ވައުދު ސުޝާންތު ފުއްދަދިނުމުގެ އިތުރުން ސުޝާންތުގެ ހުނަރުވެރި ކަމާއެކު މި ފިލްމު ވީ ވަރަށް ކާމިޔާބު ފިލްމަކަށެވެ.
މި ވާހަކަތައް މުކޭޝް ހިއްސާކޮއްފައިވަނީ އިންސްޓަގްރާމް މެދުވެރިކޮއް ހިއްސާކޮށްފައިވާ ވީޑިއޯއެއްގައެވެ. މީގެ އިތުރުން މުކޭޝް ވަނީ އޭނާގެ ފުރަތަމަ ފިލްމު އެހާ ކާމިޔާބު ފިލްމަކަށް ހަދައިދިން ކަމަށްޓަކައި ސުޝާންތު އަށް ޝުކުރުއަދާކޮއްފައެވެ.