މިކަން ހަމައެކަނިވެސް ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ވީޑިޔޯއިން އެކަނިވެސް އެކަން ސާބިތުވާނެއެވެ. އެ ވީޑިޔޯއިން ފެނިގެންދަނީ ރަހާއު އާއި އޭނާގެ އިތުރު ދެ ރައްޓެހިނާއި އެކު ބޮޑު ބެރުޖަހާ ލަވަކިޔަމުންދާ މަންޒަރެވެ.
އެރަށުގައި ކުޑަކުދިންގެ ބޮޑުބެރު ގުރޫޕެއް އޮވެއެވެ. އެކުވެރި ކުދިން ކޮޅެކެވެ. އޭގެތެރެއިން ވެސް އެންމެ ކުޑައީރަހާއުއެވެ. އެކަމަކު ގުރޫޕުގައި އޭނާގެ ހުނަރުވެރިކަން ކުޑަތަންކޮޅެއްވެސް ކުޑައެއް ނޫނެވެ. އެއީ ހުނަރު ހުރި ކުއްޖެކެވެ.
ރަހާއު ބުނީ އޭނާގެ އާއިލާގެ ފަރާތުންވެސް ވަރަށް ބޮޑަށް ސަޕޯޓު ލިބޭކަމަށާއި ރައްޓެހިންވެސް ވަރަށް ސަޕޯޓު ކުރާކަމަށެވެ. އޭނާ އެންމެ ދެކެން ބޭނުންވަނީ ގައުމުން ބޭރުގައި ދިވެހިރާއްޖެ ބޮޑު ބެރުގެ ދާއިރާއިން ތަމްސީލުކުރަން ލިބޭނެ ދުވަހެއް ކަމަށް ރަހާއު ބުންޏެވެ. މި ވީޑިޔޯ ވައިރަލް ވުމާއިއެކު ވަރަށް ގިނަ މީހުންގެ ސަޕޯޓު ރަހާއުއަށް ލިބުނު ކަމަށް ރަހާއު ބުންޏެވެ.
"ކުޑަފަރީއަކީ ތާރީހީ ގޮތުން ބަލާއިރު ބޮޑުބެރުޖެހުން އާލާވެދާނެ ކަމަށް ގަބޫލުކުރެވޭ ބައެއްކަންކަން ފެންނަން ހުރި ރަށެކެވެ. ތާރީހީ ގޮތުން އެނގޭ ގޮތުގައި އައްސުލްތާން މުޒައްފަރު މުހައްމަދު މުހައްމަދު އިމާދުއްދީން 2 ގެ ރަސްކަމުގައި މަލާބާރުން އެރަށް ވަރަށްގިނަފަހަރު ލޫޓުވައި ފޭރިފައިވެއެވެ. އެކަމށ ގުޅިގެން ރަދުން އެރަށުގެ ރައްޔިތުންނަށް ދީލަތި އެހީދެއްވިއެވެ.ހިޖުރައިން 838 ގެކުރިން އެރަށަކީ ފަޅު ރަށެކެވެ. އައްސުލްތާނުލް ހާއްޖު ހަސަން 3 ހައްޖަށް ވަޑައިގެންފައި ގެންނެވި 70 އަޅުންނާ ދިވެހީންނާ އަރާރުން ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ އުތުރުން އެއަޅުން ބޭނުން ރަށެއް ދެއްވައި އެރަށުގައި އެއަޅުން ވަޒަންވެރި ކުރުވުމަށް ނިންމެވިއެވެ. އެބަބުރުން ހިޔާރުކުރީ ކުޑަފަރީއެވެ. އެއަޅުން ކެއުމަށް ނ.މާކަލައިދުއާއި ހދ.ކޭލަކުނުން ހިންނައަކާއި،ހދ.ކުނބުރުދޫ ގޮއިފާލައްބަ އެބައިމީހުންނަށް ދެއްވިކަމަށް ހދ.ކުނބުރުދޫ ކަތީބު ޔޫސުފްކަލޭގެފާނު މައުލޫމާތު ދެއްވައެވެ." ތާރީހީ ގޮތުން މިލަދުންމަޑުލު ދެކުނުބުރި
ކުޑަފަރީ ކައުންސިލްރައީސް ވިދާޅުވީ ތާރީހުން މިގޮތަށް ފެންނާތީ ބަބުރުން އެރަށުގައި ވަޒަންވެރި ވެފައިވާކަން އެނގޭ ކަމަށެވެ. އަދި އެރަށުގައި އަބަދުވެސް ބޮޑުބެރަށް ހާއްސަ ފޯރިއެއް ހުންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބޮޑުބެރަށް މީހުން އެހާ ފޯރި ހުރުމަ ބަބުރުން އެރަށުގައި ވަޒަންވެރި ވުމާ ގުޅުމެއް އޮވެދާނެއެވެ.
ރަހާއުގެ މަންމަވެސް ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނީ ރަހާއުގެ އާއިލާ ގެ ހުރިހާ އެންމެނަކީ ވެސް ބޮޑު ބެރުޖަހާ ލަވަ ކިޔުމުގެ ހުނަރު ވަރަށް ބޮޑަށް ލިބިފައިވާ ބައެއްކަމަށެވެ. އެގޮތުން ގޭ ތެރޭގައި ވަރަށް ގަދަޔަށް ބޮޑުބެރުޖަހާ އުޅޭކަމަށް ނަފީސާ ބުންޏެވެ. ރަހާއުގެ ބައްޕަވެސް އެއީ ބޮޑުބެރު ޖަހާ ބޮޑުބެރު ލަވަ ކިޔާ އުޅުނު މީހެއްކަމަށާއި އަދި ރަހާއުގެ ކާފަވެސް އެއީ ބޮޑުބެރުޖަހާ ލަވަ ކިޔާ އުޅުނު މީހެއް ކަމަށް ރަހާއު ގެ މަންމަ ނަފީސާ ބުންޏެވެ. އެންމެ ފުރަތަމަ މިކަން ކުރަން ރަހާއު ފެށީ ވަރަށް ކުޑަ އިރު ކަމަށާއި އޭރު ބެރުޖަހާ އުޅޭނީ ކިރު ދަޅު ކަހަލަ އެއްޗެހީގައި ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ޔޫސުފް ރަހާއު އާއި އޭނަގެ ރައްޓެހިން ބޮޑުބެރުޖެހުމުގައި
ނަފީސާ ފާހަގަ ކުރިގޮތުގައި ރަހާއު ބޮޑުވެގެންވެސް މިކަން ވަޒީފާއެއްގެ ގޮތުން ކުރަން ބޭނުންވާކަމަށާއި ރަހާއު އެންމެ ބޭނުން ވަނީ ދިވެހިރާއްޖޭގެ ބޮޑުބެރު ގްރޫޕެއްގެ ލީޑް ލަވަކިޔުންތެރިއަކަށް ވާންކަމުގައެވެ. 13 އަހަރުގެ ރަހާއު ސްކޫލު އަދި ރަށު ފެންވަރުގައި ބޭއްވޭ ލަވަ ކިޔުމުގެ މުބާރާތްތަކުންވެސް ވަރަށް ރަންވަނަތައް ހޯދާފައިވާކަމަށް ރަހާއުގެ މަންމަ ފާހަގަ ކުރެއެވެ.
ރަހާއު ބޮޑު ބެރުޖެހުމާއި ބޮޑުބެރު ލަވަ ކިޔުމުގެ އިތުރުން ވަރަށް ރާޅާއަޅާ ހިތްވާކަމަށާއި އަތޮޅު ފެންވަރުގައި އެ އަތޮޅު ޅޮހީ ގައި ސޮނޭވާ ޖާނީ ގެ ފަރާތުން ބޭއްވި ރާޅާ އެޅުމުގެ މުބާރާތުން އެންމެ އުންމީދީ ރާޅާ އެޅުންތެރިޔަކަށް ހޮވިގެންދިޔަކަމަށް ނަފީސާ ފާހަގަ ކުރިއެވެ.
ރަށުތެރޭގައި ބޭއްވޭ އީދު ޝޯ އަދި އެހެން ޝޯ ތަކުގައިވެސް ރަހާއު ބައިވެރި ވެފައިވާކަމަށާއި ކިޔެވުމުގެ ދާއިރާއިންވެސް ރަހާއުއަކީ ވަރަށް ރަނގަޅުކުއްޖެއް ކަމަށް ނަފީސާ ފާހަގަ ކުރިއެވެ.
ރަށުގެ ރައްޔިތުންގެ ފަރާތުންވެސް ހީނުކުރާހާ ބޮޑު ތަރުހީބާއި ލޯބި ލިބޭކަމަށް ރަހާއު އާއި އޭނާގެ މަންމަވެސް ފާހަގަ ކުރިއެވެ.