ads
ދީނީ އިލްމުވެރިންނާއި އިސްލާމިކް މިނިސްޓަރާ ދެމެދު ބޭއްވި ބައްދަލުވުމެއް
ދެ ފިކުރު ވެސް "ހަރުކަށި" ތަންފީޒުކުރުމުގައި ތަފާތު ކުރަނީތަ!
ރާއްޖެ އަކީ ޒަމާނުއްސުރެ ރީތި އާދަކާދަތަކެއް ގެންގުޅުނު ބައެކެވެ. ދީނަށް ލޯބިކުރި އެކުވެރި ބައެކެވެ. ތައުލީމަށް ލޯބި ކުރި ބައެކެވެ. ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގެ ކުރެީކޮޅުން ފެށިގެން މާޒީގައި، ކިޔަވައިދިނުމަށް ހިފެހެއްޓުންތަކެއް އޮތެވެ.
Advertisement

އެހެންނަމަވެސް އޭގެ ފަހުން ތައުލީމު ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮތީ ހުޅުވާ ލެވިފައެވެ. އެހެންކަމުން އެދުވަސް ވަރުންފެށިގެން ދިވެހީން ތައުލިމު ހާސިލްކުރުމަށް އިސްކަން ދިނެއެވެ. އަދި މައިންބަފައިވެސް ދަރިންނަށް ތައުލީމު ދިނުމަށް އެމީހުނަށް ކުރެވެން ހުރި ކޮންމެ ކަމެއް ދިޔައި ކުރަމުންނެވެ. މިކަން އެންމެ ބޮޑަށް ފެނިގެން ގޮސްފައިވަނީ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައެވެ. ރައީސް މައުމުނުގެ 30 އަހަރުގެ ވެރިކަމުގެ ވަކި ހިސާބަކުން ދުނިޔޭގެ އެތަންމިތަނުން ތައުލީމު ހާސިލްކުރުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައެވެ. ނަތީޖާއަކީ ހުޅަނގާއި އިރުމަތިން ތައުލީމު ހާސިލްކޮށްގެން މީހުން އައުމެވެ.

ބަދަލުވަމުން އައި ޒަމާނާއެކު ދުނިޔެއަށް ރާއްޖެ ހުޅުވެމުން ދިޔައެވެ. ހާއްސަކޮށް ރާއްޖެއަކީ ޓޫރިސްޓުންނަށް ހުޅުވާލެވިފައިވާ މަންޒިލަކަށްވުމުން ތަފާތު ވައްތަރުގެ މީހުން އައިސް ގޮސްވާ މަންޒިލަކަށް ރާއްޖެވަނީ ވެފައެވެ. އެހެންކަމުން ދީނީގޮތުން ތަފާތު ވައްތަރުގެ ހިޔާލު ތަކާއި، އާދަކާދަތައް އަންނާނެކަމީ ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ. 

އިސްލާމްދީން އައުމުގެ ކުރިން ރާއްޖޭގައި އޮތީ ބުދު ދީނެވެ. އެދީނަށް މީހުން އުޅެމުން އަންނަނިކޮށް އިސްލާމްދީނަށް ރާއްޖެ ބަދަލު ވެފައިވަނީ ވެސް ޒަމާންތަކެއް ފަހުންނެވެ. ފަހުގެ ތާރީހަށް ބަލާއިރު އީސާއީ ދީން ފެތުރުމަށް ރައީސް މައުމުނުގެ ދައުރުގައިވެސް ބަޔަކު މަސައްކަތް ކޮށްފައިވެއެވެ. އަދި އެކި ގޮތްގޮތުން ނުފޫޒުތައް ރާއްޖެއަށް ވަދެފައިވެއެވެ. ރާއްޖޭގައި މިހާރު ހުރި މައްސަލަތަކުގެތެރެއިން އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި ދީނަށް ފުރައްސާރަ ކުރުމާއި ދީނުގެ ނަމުގައި މީހުން މެރުން ފަދަ ކަންކަން ކުރުން ހިމެނެއެވެ. 

ސުވާލަކީ ދީނުގެ ނަމުގައި މީހުން މެރުން ފަދަ އަމަލުތައް ހިންގާ މީހުންނާމެދު ސަމާލުކަން ދޭވަރަށް ދީނަށް ފުރައްސާރަކުރާ މީހުންނަށް ސަމާލުކަން ދެވޭ ހެއްޔެވެ. ދާދިފަހުން ފުލުހުން ބޭއްވި ނޫސްކޮންފަރެންސްގައި ފުލުހުން މުޅިންވެސް އަލިއަޅުވާލާފައިވަނީ ދީނުގެ ނަމުގައި ލޭ ހުއްދަކުރާ މީހުންގެ ވާހަކައަށެވެ. ފުލުހުން ބުނީ އެބައިމީހުން ބަލާގޮތުގައި ދިވެހި ރާއްޖެއަކީ ކުފުރުންގެ ބިމެއް ކަމަށެވެ. އަދި މިރާއްޖޭގައި އުޅޭ ބައެއް މީހުންނަކީ ލޭ ހުއްދަ ބަޔަކަށް ހަދަމުން ދާ ވާހަކައެވެ. ތެދެކެވެ. ކަންއޮތީވެސް އެހެންނެވެ. ދީނުގެ ނަން ބޭނުންކޮށްގެން ހަރުކަށި ކިތަންމެ އަމަލެއް ހިންގައެވެ. މީހުން މެރުން ފަދަ ބޮޑެތި ކަންކަން ކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވެވަޑައިގަންނަވަނީ ގައުމު ދަށު ދަރަޖައަކަށް ވެއްޓިދާނެތީއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ 180 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ގައުމުތައް އެހާލަތައް ވެއްޓޭތަން މިއަންނަނީ ފެންނަމުން ކަމަށާއި، އެކިއެކި ގައުމުތަކަށް ވަމުންދާ ގޮތްތައްވެސް ވަރަށް ރަނގަޅަށް އެނގެމުންދާ ކަމަށެވެ. 

ރާއްޖެއަކީ ގައުމުގެ އިގްތިސާދު ޓޫރިޒަމްގެ މައްޗަށް ބިނާވެފައިވާ އޮންނަ ތަނަކަށްވާއިރު، ތަނުގެ އަމަން އަމާންކަމާއި ސްލުހަ މަސަލަސްކަން ދަމަހަައްޓައި ޓެރަރިޒަމްގެ ހަމަލާތައް ހުއްޓުވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިއީ އެފަދަ ހަމަލާތައް ދޭ ފަރާތްތައް ހުއްޓުވައި ހައްޔަރުކުރަންވީ ވަގުތުކަމަށާއި، ދިވެހި ފުލުހުންނަށް އެކަން ވާނެ ކަަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ވެދިޔަތަން މާޒީއަށް ދޫކޮށްލުމަށް ފަހު މުސްތަގުބަލުގައި އެފަދަ ކަމެއް ވިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އިސްކަން ދިނުން މުހިއްމު ކަމަށެވެ. 

ރައީސް ނަޝީދަށް ދެވުނު ހަމަލަ އާ ގުޅިގެން ފުލުހުން ހާމަކުރި މައުލޫމާތުތަކުން އެތައް ތަނެއްގައި ބޮންތައް ބަހައްޓާފައިވާއިރު، އަޅާ ނުލާ ދޫކޮށްލެވިފައި ހުރިކަން އެނގުނުކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، މިއަދު ހުށަހަޅާ ގަރާރަކީ އެފަދަ ފަރާތްތައް ހައްޔަރުކޮށް އެކަން ހުއްޓުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހުށަހަޅާ ގަރާރެއް ކަމަށެވެ. އަދި މިއަދު އެކަން ނުކުރެއްވިޖެނަމަ ރާއްޖެ ސަލާމަތް ނުކުރެވޭ ހިސާބަށް ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. 

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި، ޕްރޮސިކިއުޓަ ޖެނަރަލް ހުސެއިން ޝަމީމް ދެއްވި މައުލޫމާތުގެ އަލީގައި ސަރުކާރު ދެން އަމަލުކުރަންވީ ގޮތްކަަމަށް އެމްޑީޕީން ދެކޭގޮތަކީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުން ކަމަށް ވިދާޅުވެ، ރައީސް ނަޝީދުވަނީ  އެ ބައްދަލުވުމުގައި ގަރާރެއް ހުށަހަޅުއްވާފައެވެ. 

ފުލުހުންވަނީ ވަރަށް ބޮޑަށް ރައީސް ނަޝީދުގެ ކޭސް ތަހުގީގު ކޮށްފައި ކަމަށް ބައެއް މީހުން ދެކެއެވެ. އަދި އެކަމަށްޓަކައި ސަނާކީ މީހުންވެސް މަދެއްނޫނެވެ. އަފްރާޝީމުގެ މަރުގެ މައްސަލާގައިވެސް މިފަދަ މަންޒަރުތައް ދޭތެރެ ދޭތެރެއިން ފެންނަމުންދިޔައެވެ. 

އެވާހަކައެއްނޫނެވެ. ދީނުގެ ނަމުގައި ޖަރީމާ ހިންގާ މީހުން މިގޮތަށް ހިފައި ހައްޔަރުކުރަން، ފުލުހުންނާއި އެންމެހާ މުއައްސަސާތަކުން މަސައްކަތް ކުރާއިރު ދީނަށް ފުރައްސާރަ ކުރާ މީހުން ކޮބައިހެއްޔެވެ؟ އެބައިމީހުންގެ ހިފައި ހައްޔަރު ކުރަން ގޮވޭ އަޑު މަޑެވެ. ހާއްސަކޮށް ރަސްމީ ބާރު އޮތް ފަރާތްތަކުންނެވެ. އެހެން ނަމަވެސް އިސްލާމިކް މިނިސްޓަރު ރާގު ވަރަށް ތަފާތެވެ.

އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ ސީއެންއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި ލޭ ހުއްދަކުރުންފަދަ ކަންކަން ކުރާމީހުންނާއި، އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަށްވެސް ސަރުކާރުން ބަލަނީ އެއްމިންގަނޑަކުންކަމަށާއި އެދެބައި މީހުންނަކީވެސް "ހަރުކަށި" ފިކުރުގެ މީހުންކަމަށެވެ.

ސުވާލަކީ އިސްލާމިކް މިނިސްޓަރު ވިދާޅުވާގޮތައް އެދެމަގުން ދާ މީހުންނަށް ހެޔޮ މަގު ދެއްކުމަށް މަސައްކަތް ކުރެވޭ ހެއްޔެވެ. އަދި އެ ދެބައި މީހުންނާ މެދު އަމަލު ކުރެވޭނީ އެއް މިންގަނޑަކުން ބާއްވަ އެވެ. ނުވަތަ އެއް ތަރާދަކުން އެ ދެ ބައިމީހުންގެ މައްސަލަތައް ކިރާލެވޭވަރުގެ ކުޅަދާނަކަން ސަރުކާރުގައި އެބަ ހުރި ބާއްވަ އެވެ.

ރަށުތެރެއަށް ބަލާލާއިރު ރަށު ތެރޭގައި ދައްކާ ވާހަކަ ތަފާތެވެ. އިސްލާމްދީނުގެ ހަރުކަށި މީހުންނާ މެދު ކަންކަން ކުރާގޮތަށް އިސްލާމްދީނަށް ނުރައްސާރަކޮށް އިސްލާމްދީނަށް ޖަހޫޖަހާ މީހުންނާ މެދު ފިޔަވަޅު ނާޅާކަމުގެ ތުހުމަތުކޮށް ދައްކާ ވާހަކަ ރަށުތެރޭގައި ގުގުމަ އެވެ. ސުވާލަކީ ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް މި އަޑު އިވެނީ ކީހާވަރަކަށްތޯ އެވެ. 

އިސްލާމިކް މިނިސްޓަރު އެ ވިދާޅުވާގޮތަށް އެ ދެ ފިކުރަކީ ވެސް ހަރުކަށީ ފިކުރުކަން ގަބޫލުކޮށްގެން ގާނޫނު ތަންފީޒުކުރާ ނަމަ ދިވެހި މުޖުތަމައު އަކީ އަމާން އޮމާން ތަނަކަށްވެގެންދާނެކަމަށް ބުނާ އަޑު ވެސް ރަށުތެރެއިންދަނީ އިވެމުންނެވެ. ސުވާލަކީ އެ އަޑުތަކާއެއްގޮތަށް ނުވަތަ އެ ދެ ފިކުރުގެ މައްސަލާގައި އިންސާފުވެރިކަމާއެކު ހަމަހަމަކޮށް ފިޔަވަޅު އަޅާނެ ބާއްވަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް