އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި "ހާއްސަ އިވެންޓް"ގައި ވާހަަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މިއަދު ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ދިވެހި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ މާގިނަ ލީޑަރުންތަކެއް ނެތް ކަމަށެވެ. އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށާއި މާޒީއަށް ޖެހިލާއިރު އެކަމަށް ޖާގަ ލިބޭ ކަންކަން ހިނގާފައި ހުރި ކަމަށެވެ.
އެގޮތުން ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ގައުމުގެ މިނިވަން ދަަމަހައްޓަވަމުން އިސްލާމީ ވަހުދަތު ކުރިއަށްވުރެ ވަރުގަދަ ކުރަައްވަމުން ގެެންދަވަނިކޮށް އެ ވެރިކަމާއި ދެކޮޅަށް ނިކުންނެވި ބޭފުޅުން، ނިކުންނެވީ ގައުމު ދެކެ ވާ ލޯބީގެ ބޮޑުކަމުންތޯ އަދުރޭ ސުވާލު ކުރެއްވި އެވެ. އެ ސުވާލު ކުރަންޖޭ ސަބަބަކީ ބްރިޖު އަޅަން އުޅުމުން، "ކީއްކުރަން އަޅާ ބްރިޖެއްހޭ މިއޮތީ" އެއަށްވުރެ މާ ރަނގަޅު ކަންތައް އެބަހުރި ކަމަށް އެ ބޭފުޅުން ވިދާޅުވި ކަމަށެވެ.
އިސްލާމީ މަރުކަޒެއް މާލޭގައި ހުއްޓާ ކީއްކުރަންހޭ މިތާ ހެދިގޮނޑުދޮށުގައި އަލުން އިސްލާމީ މަރުކަޒެއް ބިނާ ކުރަން މިއުޅެނީ އެ ބޭފުޅުން ވިދާޅުވި ކަމަށެވެ. "ހުޅުމާލޭ ހިއްކާފައި އޮއްވާ އަލުން ކީއްކުރަންހޭ އެތާ ދެވަނަ ފިޔަވައްސެއް ހިއްކައިގެން އެތާ ޒުވާނުންގެ ސަހަރެއް ހަދަން މިއުޅެނީ": އެއީ ޕީޕީއެމް ވެރިކަމުގެ ތެރޭގައި ތިބެފައި ނިކުންނަވަން ދެއްކި ހުއްޖަތް ކަމަށް އަދުރޭ ވިދާޅުވިއެވެ.
އެއީ ކޮން ބޭފުޅެއް ދެއްކެވި ވާހަކައެއް ކަންވެސް ދަންނަވާލާނެ ކަމަށާއި، އެއީ ރައީސް މައުމޫން ދެއްކެވި ވާހަކައެއް ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދުުރޭ ވިދާޅުވީ އެކަމަށް ރައީސް މައުމޫން އަަކަށް ދެކޮޅު ނެހެއްދެވޭނެ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ މައްސަލައަކީ ރައީސް ޔާމީން އެމަނިކުފާނުގެ "ލެގެސީ ދުވާލަން" އުޅުން ކަމަށެވެ.
ގައުމު ތަރައްގީ ވީމާ ރަނގަޅުވަނީ އެންމެނަށް ކަމަށާއި، އަދި "ހުޅުމާލެ އާއި މާލެ އާއި ދެމެދު ބްރިޖު އެޅީމަ ފައިދާވީ ހަމައެކަނި ރައީސް ޔާމީނަށްތޯ" އަދުރޭ ވަނީ ސުވާލު އުފައްދާފައެވެ.
ރައީސް ޔާމީން ވިދާޅުވެގެން 2016 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ރައީސް މައުމޫން އާ ބައްދަލުކުރަން ދިޔަ ކަމަށާއި އެއީ އެދުވަހު އެމަނިކުފާނާއި ބައްދަލުކުރަން ދިޔައީމަ ވިދާޅުވި އެ ވާހަކަތައް ކަމަށް އަދުރޭ ވިދާޅުވި އެވެ.
އަދި ރައީސް މައުމޫން ރައީސް ޔާމީނާ މެދު ހިތްޕުޅު ހަމަނުޖެހިވަޑައިގެންނެވި ސަބަބަކީ އެއީ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މީގެ 50 - 60 އަހަރު ފަހުން ދިވެހިން ރައީސް ޔާމީންގެ ހިދުމަތް މިންކުރާނީ މުހައްމަދު ތަކުރުފާނާ އެއްފެންވަރެއްގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.