ads
އަބްދުއްރަހީމް އަބަދުﷲ(އަދުރޭ)
މިނިވަންކަން ދިފާއުކުރުމަށް ޕީޕީއެމްގެ ހަރަކާތްތަކާ ގުޅުމަށް ރައީސް ނަޝީދަށް ދައުވަތު ދީފީ
"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ގެ ނަމުގައި ޕީޕީއެމުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަތުން އެދޭކަމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަބްދުއްރައީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމުން ކުރިއަށް ގެންދިޔަ ބައްދަލު ވުމުގައި، ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ރާއްޖޭގެ މިނިވަންކަން، ހިމާޔަތް ކުރުމަށްޓަކައި ސިޔާސީ ލީޑަރުން އެކޯލިޝަނުގެ ހަރަކާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. 

ނަމަވެސް ރައީސް ނަޝީދު، ރައީސް ސޯލިހު އާއެކު އޮތް ސިޔާސީ ގުޅުމުން އެއްކިބާވެ، ރައީސް ޔާމީނުގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން އަދުރޭ ވަނީ ޕީޕީއެމުުން އެފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފައެވެ. 

ނަމަވެސް މިރޭ ބޭއްވި ބައްދަލުވުމުގައި އަދުރޭ ވަނީ ރައީސް ނަޝީދު ހިމަނައި، ބައެއް ސިޔާސީ އިސް ބޭފުޅުންގެ ނަންވިދާޅުވެ، އެކޯލިޝަނާއި ގުޅިވަޑައިގަތުމަށް އެދިފައެވެ. އެގޮތުން އެކޯލިޝަނާ ގުޅިވަޑައިގަތުމަށް އަދުރޭ އެދިވަޑައިގެންނެވި ބައެއް ނަންތަކުގެ ތެރޭގައި ރައީސް މައުމޫނު އަބަދުލް ގައްޔޫމާއި، އުމަރު ނަސީރާއި، ގާސިމް އިބްރާހީމާއި، ޝައިހް އިމްރާން އަބްދުﷲއާއި، ކާނަލް މުހައްމަދު ނާޒިމްގެ ނަން ހިމެނެއެވެ. މީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނަންވެސް އަދުރޭ ވަނީ އެލިސްޓުގައި ހިމަނާފައެވެ.

އެބައްދަލުވުމުގައި އަދުރޭ އިތުރަށް ވިދާޅުވީ މިއަދު މިނިވަންކަމާދޭތެރޭ ސުވާލު އުފެދޭކަމަށެވެ. އަޅުގަނޑުމެންގެ އަތުން މިނިވަންކަން ،ހިނގައްޖެތޯ ނުވަތަ ދަނީތޯ ނުވަތަ ދާން އުޅެނީތޯ ފިކުރު ހިންގާލަން ޖެހޭކަމަށެވެ. ގައުމުގެ ކަންކަން މިހިސާބަށް ދިއުމުން އެކޯލިޝަނަށް އެންމެ މުހިއްމުކަމަކަށްވީ ގައުމުގެ މިނިވަންކަން ސަލާމަތް ކުރުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ އެހަރަކާތުގައި ބައިވެރިވާން ނަންނޯޓު ކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި އަދި އެހަރަކާތަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ބައިވެރި ވެވޭ ގޮތަށް ހިންގޭ ހަރަކާތެއް ކަމަށެވެ. 

13%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް