ads
ނައިބު ފައިސަލް ނަސީމް
ނައިބްރައީސް ގުރައިދޫ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ބައްލަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މާލެ އަތޮޅު ކ.ގުރައިދޫ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަޑައިގެންފިއެވެ.

ގުރައިދޫކައުންސިލް ގެ ރައީސް ހުސައިން ޔާމީން މުހައްމަދު ވިދާޅުވީ އެރަށަށް ނައިބުރައީސް ވަޑައިގެންނެވީ ހާއްސައެހީ އަށް ބޭނުންވާ މީހުންގއެ މަރުކަޒު ބައްލަވާ ލެއްވުމަށެވެ. ގާތްގަނޑަކަށް 100އެއްހާ މީހުން ފަރުވާ ހޯދަމުންގެންދާ އެމަރުކަޒުގެ ކަންކަން ނައިބުރައީސް ވަރަށް ގާތުން ބައްލަވާ ކަމަށް ޔާމީން ވިދާޅުވިއެވެ. 

މިއަދުގެ ޒިޔާރަތުގައި އެރަށު ކައުންސިލާއި ބައްދަލު ކުރަށްވާ އެރަށުގެ ތަރައްގީއަށް މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ސަރުކާރުން އެރަށުގައި ހިންގަވާ މަޝްރޫއުތަކުގެ މަސައްކަތް ހިނގަމުންދާގޮތުގެ މައުލޫމާތު އެކައުންސިލުން ވަނީ، ނައިބުރައީސާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކައުންސިލަރުން ދެއްކެވި ވާހަކައިގައި، ރަށުގެ ބިމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން 15 ހެކްޓަރުގެ ބިން ހިއްކަވައިދެއްވަމުން ގެންދަވާކަމަށްޓަކައި ވަނީ ޝުކުރުއަދާ ކުރައްވައިފައެވެ. މީގެ އިތުރުން ރަށުގައި ތަރައްގީއަށް ހިންގަމުންގެންދާ އިތުރު މަޝްރޫއުތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ހަލުވިކަމާއެކު ހިނގަމުންދާކަން ކައުންސިލަރުން ބުނެފައިވެއެވެ. 

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެބޭފުޅުންގެ ބައެއް ކަންބޮޑުވުންތައްވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތެރަޕިސްޓުންގެ ހިދުމަތް ގާއިމްކުރުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާމެދު މަޝްވަރާކުރައްވާފައި ވެއެވެ. އަދި ނައިބުރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. 

މިއަދު މެންދުރުފަހު ނައިބު ރައީސް ގުރައިދޫއަށް ކުރެއްވި މި ދަތުރުފުޅުގައި އެރަށުގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރަށްވާފައި ވެއެވެ. އަދި އެތަނުގެ ހާލަތު ބައްލަވާލައްވާ އެ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި އެ މަރުކަޒުގެ އިސްވެރިން ވަނީ މަރުކަޒު ހިންގުމަށް ކުރިމަތިވެފައިވާ ދަތިތަކާއި ކުރިއަށް ރާވައި ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު އެމަނިކުފާނާ ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ނައިބުރައީސް ވަނީ އެ މަރުކަޒުގެ މުވައްޒަފުން ކުރައްވަމުންގެންދަވާ މުހިއްމު މަސައްކަތުގެ އަގުވަޒަންކުރައްވާ، އެ ފަރާތްތަކަށް ހިތްވަރުދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް