ޖުލައި މަހުން ފެށިގެން މި އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕެއިންގައި ދިވެހިރާއްޖޭގެ ރީތި ނަން ދަމަހައްޓައި ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ޑިޖިޓަލް އަދި އޮފްލައިން ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.
6 ބައްރަށާއި 130 އަށްވުރެ ގިނަ މަންޒިލަށް ދަތުރު ކުރާ ގަތަރު އެއާވޭސް އަކީ ގަތަރުގެ ގައުމީ އެއާލައިންގެ އިތުރުން އޭވިޔޭޝަން ދާއިރާގެ އެންމެ ކުރިއަރާފައިވާ އެންމެ މަގުބޫލު އެއް އެއާލައިންއެވެ.
ގަތަރު އެއަރވޭސް އަކީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ދިވެހިރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއި އެކު އެންމެ ފުރަތަމަ ދިވެހިރާއްޖެ އަށް ދަތުރުކުރަން ފެށި ފުރަތަމަ އެއާލައިން އެވެ. އަދި މި އަހަރުގެ ޖުލައި މަހުން ފެށިގެން އެ އެއާލައިން އިން ވަނީ ދިވެހިރާއްޖެ އަށް ދަތުރުކުރާ މަތިންދާބޯޓުގެ އަދަދު އިތުރުކޮށްފައެވެ.
މި ކެމްޕެއިންގެ ދަށުން ދިވެހިރާއްޖެ އަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ޖަޒީރާ މަންޒިލެއްގެ ގޮތުގައި ގަތަރު އެއަރވޭސް ވެބްސައިޓްގެ ހޯމްޕޭޖްގައި އިޝްތިހާރު ކުރެވިގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ. އަދި މުޅި ގަތަރު އެއާވޭސްގެ ޑޭޓާބޭސްއަށް ފޮނުވޭ ނިއުސްލެޓާގެ ޒަރިއްޔާއިން ދިވެހިރާއްޖެ އަކީ އެންމެ މަގުބޫލު އަދި އެންމެ ރައްކާތެރި އެއް ފަތުރުވެރި މަންޒިލްގެ ގޮތުގައި ވެސް އިޝްތިހާރުކުރެވޭނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.