
މީގެ ހަފްތާއެއްގެ ކުރިން ގެއްލުނު މުޝްފިގު މައްޗަށް މާދަމާ ހުކުރު ނަމާދަށްފަހު އޭބާގެ އުފަން ރަށް މާވަށުގައި ކަށު ނަމާދުކުރަން ވަނީ ނިންމާފައެވެ. ކައުންސިލުން މިގޮތަށް ނިންމާފައިވަނީ 25 އަހަރުގެ ޒުވާނާގެ މަރުވީކަމަށް ބަލާ އޭނާގެ އާއިލާގެ އެދުމެގެ މަތިންކަމަށެވެ.
އެހެންނަމަވެސް މި ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ހިޔާލު ތަފާތެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ ގެއްލުނު މީހަކު މަރުވީ ކަމަށް ކަނޑައަޅަން ވާނީ ޝަރީއަތުން ކަމަށެވެ. އަދި އެ މީހާގެ މައްޗަށް ކަށު ނަމާދު ކުރެވޭނީ ގާޒީއަކު އެ ގޮތަށް ނިންމުމުން އޭގެ ފަހުންކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަދަ ހާލަތުގައި އެމީހާ ގެއްލުމާއި މަރާމެދު އޮތް މައްސަލަ ހުށަހަޅަންވާނީ ޤާޒީއަށްކަމަށެވެ. އަދި ކަން ހިނގައި ދިޔަ ގޮތް ބަލައި އޭނާ މަރުވެއްޖެ ކަމަށް ގާޒީ ކަނޑައަޅައިފި ނަމަ، އެހާރުން އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމަކީ ހުއްދަކަމެއްކަމަށް ޝަހީމް ލިޔުއްވާފައިވެއެވެ.
ހޮޅުދޫ ބޯޓް ރޯވި ހާދިސާގައި ގެއްލުނު ޒުވާނާއަކީ ކައިވެންޏެއް ކޮށްގެން އުޅޭ ޒުވާނެއް ނޫންނެވެ. އެހެންއެކަން އޮތް ނަމަވެސް އެކަމުގައި ގޮތް ނިންމަންޖެހޭނީ ކޯޓުންކަމަށް ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ގެއްލުނު މީހަކު މަރުވިކަން ކަނޑައަޅަން ވަކި މުއްދަތެއް އިލްމުވެރިން ދެއްވާފައިވާތީ އެކަންވެސް ސާފުކޮށްދެއްވާފައެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ވަޒީފާއަދާ ކުރާ އަދި ޕޮލިޓެކްނިކްގައި އާކިޓެކްޗާގެ ދާއިރާއިން ކިޔަވަމުންދިޔަ މުޝްފިގް ރަށަށް ދިޔައީ ރޯދައިގެ ފަހު 10 ގައި ލިބުނު ބަންދުގައި މައިންބަފައިންނާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. ތ. އަތޮޅު އަދި ލ. އަތޮޅުން މުދާ ހިފައިގެން ދަތުރުކުރި ބޯޓުގައި މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ރޯވިއިރު 18 މީހުން އެ ބޯޓުގައި ތިއްބެވެ. އެމްއެންޑީއެފުން ބުނީ މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށާއި ކަނޑާއި އެއްގަމުގެ ސަރަހައްދުތައް ވެސް ބަލަމުންދާ ކަމަށެވެ
.