ads
ފޮޓޯ: ހެލްތު މިނިސްޓްރީ
ސިއްހީ ސިޔާސަތު ދުވަހުން ދުވަހަށް ފެއިލްވަމުން ދަނީތަ!
ރާއްޖޭގެ ސިއްހީ ދާއިރާގެ ކަންކަމުގެ ފެންވަރު ދެރަކަމުގެ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. އަބަދުވެސް އިވޭ ވާހަކައެކެވެ. ދާދިފަހުން އިވުނު ހަބަރަކީ ރ. ދުވާފަރުން ހާލުދެރަވި ބަލިމީހަކު ސީއެމްބިއުލާންސް ލަސްވުމުގެ ސަބަބުން ދުނިޔެއާ ވަކިވި ވާހަކަ އެވެ.

މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ފަހެއް ޖަހާއެހާކަށްހާއިރު ދުވާފަރު ސިއްހީ މަރުކަޒަށް އުމުރުން 52 އަހަރުގެ އާމިނަތު މޫސާ ގެންދިޔަ އެވެ. ދުވާފަރު ސިއްހީ މަރުކަޒަށް ގެއްދިއުމަށް ފަހު އާމިނަތު އަށް ދިޔައީ ފަރުވާ ދެމުންނެވެ. އެހެންނަމަވެސް އާމިނިތުގެ ހާލު ދެރަވެ ވެންޓިލޭޓަރުގެ އެހީތެރިކަން ބޭނުންވާ ހާލަތަށް އާމިނަތުގެ ހާލު ދަށަށް ދިޔަ އެވެ. ޑޮކްޓަރުން ވެސް ބުނީ އެހެންނެވެ. ދުވާފަރުގައި މޮބައިލް ވެންޓިލޭޓަރެއް ހުރިކަމުގައި ވިޔަސް އޭރު، އެ ހުރީ ބޭނުން ކުރެވޭ ގޮތަކަށް ނޫނެވެ. އޭގެބޭނުން ކުރަން އެނގޭ މީހުން ނެތީމަ އެވެ.

އާމިނަތުގެ އާއިލާއިން ބުނީ އާމިނަތުގެ ހާލަތު ގޯސްވެ އިތުރު ފަރުވާއަށް ގެންދަން ޖެހި ސީ އެމްބިއުލާންސް އައުން ލަސްވުމާ އެކު އުފެދުނު ހިތްހަމަނުޖެހުމުގެ ތެރޭގައި އެ ދުވަހު ބަޔަކު މުޒާހަރާ ކުރަން ފެށި ކަމަށާއި ހިތްހަމަނުޖެހުންފާޅުކުރަން ފެށުމުން ވަރަށް އަވަހަށް ފުލުހުންގެ ލޯންޗެއް އެ ރަށަށް ދިޔަ ކަމަށާއި ޕޮލިސް ލޯންޗު އައުން ލަސް ނޫންކަމަށެވެ. 

އާމިނަތުގެ ދަރިފުޅު އަބްދުﷲ އިބްރާހީމް ސީއެމްއެން އާ ވާހަ ދައްކަމުން ބުނެފައިވަނީ، އެކަމުގައި ސިއްހީ ދާއިރާގެ އިހުމާލު އޮތް ކަމަށް އެފަރާތުން ގުޅާފައި ބުނެފައިވާކަމަށެވެ. 

" މުޒާހަރާއެއް ފެށީމަ ވަގުތުން ފުލުހުންނަށް އާދެވިއްޖެ. އެކަމަކު މީހަކު އެހާ ހާލު ބޮޑުވެގެން ދިޔައިރު ސީއެމްބިއުލާންސަށް އާދެވުނު ކަމަކަށް ނުވި،" މީގެ ހަފުތާއެއްހާ ދުވަސްކުރިން އޭނާގެ މަންމަ މަރުވި ހާދިސާއާ ގުޅޭގޮތުން އަބްދުﷲ ބުންޏެވެ. 

ރާއްޖޭގައި ކޮވިޑްގެ ހާލަތާގުޅިގެން ސިއްހީ ކަންކަމުގައި ހުރި މައްސަލަތައް އިތުރަށް ދަނީ ފެންނަމުންނެވެ. ރަށްރަށުގައި ސިއްހީ ވަސީލަތްތައް މަދުވެފައި، ހިދުމަތްތެރިން މަދުވުމުގެ މައްސަލަ ވެސް އެބަހުއްޓެވެ. ދުވާފަރުގައި ވެސް ވަސީލަތްތައް މަދުކަން ފާހަގަ ކުރެވެއެވެ.

ދުވާފަރު ސިއްހީ މަރުކަޒުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވީ އާމިނަތު މަރުވި އިރު އެރަށުގައި ވެންޓިލޭޓަރެއް ހުރި ކަމަށާއި އެއަަށް ބޭނުންވާ ބައެއް އާލާތްތަކާއި، އެ އޮޕަރޭޓް ކުރާ މީހުން އޭރު ނެތް ކަމަށެވެ. ނަމަވެސް އާމިނަތު މަރުވުމާ ގުޅިގެން ޖެހިގެން އައި ދުވަހު އިތުރު ދެނަރުހުންނާއި ވެންޓިލޭޓަރަށް ބޭނުންވާ ސާމާނު ލިބުނު ކަމަށެވެ. އެހެންކަމުން މިހާރު އެފަދަ ހާލަތެއް މީހަކަށް ދިމާވެއްޖެ ނަމަ ފަރުވާ ދެވޭނެކަމަށެވެ. އެހެން ނަމަވެސް ބޭނުންވާ ސާމާނު ހުސްވުމުން، ބައެއް ފަހަރު ނުލިބޭ ކަމަށް ސިއްހީ މަރުކަޒުން ފާހަގަ ކުރިއެވެ.

"އަދިވެސް ބޭނުންވާ ސާމާނު ހުސްވުމުން ލިބޭނެކަމުގެ ޔަގީންކަން ނޯވޭ. އަޅުގަނޑުމެން އެދެން އެކަމަކު ވަރަށް ގިނަފަހަރު އެކަށީގެންވާ ވަރަށް ތަކެތި ނުހުރޭ،" ދުވާފަރު ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އާމިރު މުހައްމަދު ވިދާޅުވިއެވެ.

އެއީ މިދިޔަ ހަފުތާގައި ދިމާވި ހާދިސާއެކެވެ. އެ ފަދަ ލިސްޓެއް ލިޔާ ނަމަ ވަރަށް ގިނަ ކަންކަން ހުންނާނެ އެވެ. ސިއްހީ ހިދުމަތް ތަރުތީބުކޮށްފައިވާގޮތުން ފަރުވާ ބޭނުންވާ ވަގުތު އެ ފަރުވާ ނުލިބިގެން އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. އެ ފަދަ އިތުރު ހާދިސާއެއްގައި މިިދިޔަ ޖޫން މަހު ވަނީ ކުޑަ ކުއްޖަކު މަރުވެފަ އެވެ.

މިއަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހު މަރުވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާގެ މަރުގެ މައްސަލައާއި ގުޅިގެން ހެލްތު މިނިސްޓްރީން ތަހުގީގެއް ހިންގިއެވެ. އަދި ރިޕޯޓެއް ނެރެ އެއަށް އިހުމާލުވި ފަރާތްތަކާބެހޭ މައުލޫމާތު ވަނީ ފުލުހަށް ވެސް ފޮނުވާފައެވެ. އެކަމަކު މިމައްސަލައާބެހޭ ގޮތުން ހެލްތު މިނިސްޓްރީން ވަކި އެއްޗެއް ބުނަން ބޭނުމެއް ނުވެއެވެ. 

ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން (ތަހޭ) ސީއެމްއެން އަށް ވިދާޅުވީ ކޮވިޑް މަރުތަކުގެ ރިވިއު ހަދާނެކަމަށެވެ. 

މިޝްކާގެ މަރާބެހޭ ގޮތުން ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނުގެ ނިންމުމުގައި ބުނެފައިވަނީ މިހެންނެވެ.

"މިހާދިސާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ފާހަގަ ކުރެވޭ ނުކުތާއަކީ އެފަރާތަށް އެޗް.އީ.އޯ.ސީއިން ދޭންޖެހޭ ފަރުވާ ފޯރުކޮށް ދިނުމުގެ ހުރިހާ މަރުހަލާއެއްގައި އެކަށީގެންނުވާވަރުގެ ލަސްތަކެއްވެފައި ވާކަމެވެ. އަދި ޑީ.އެމް.އާރް.ޓީއިން އޮންލައިންކޮންސަލްޓޭޝަން ހެދުމުގައި ބެއްލެވި ޑޮކްޓަރުންވެސް އެފަރާތުގެ ޙާލަތު އެންމެ ރަނގަޅަށް ދެނެގަނެވިފައި ނުވާކަންވެސް ފާހަގަކުރެވެއެވެ." 

ކުއްޖާގެ ބެލެނިވެރިޔާއާއި ޖީ.އެމް.އާރް.ޓީގެ ޑޮކްޓަރާ ދެމެދު ކުރެވުނު މުޢާމަލާތުގެ އަލީގައި، އެކުއްޖާ ބަލާ ދާނެކަމަށް ޤަބޫލް ކުރެވިފައިވާކަން ކުއްޖާގެ ބައްޕަ ކޯލް ސެންޓަރުގެ އެޖެންޓުންނާ ކޮށްފައިވާކޯލްތަކުގެ ލޮގްތަކުން ދޭހަވި ކަމަށާއި މީގެ އިތުރުން ކޯލްސެންޓަރުން އެފަރާތުގެ އާއިލާއާ ކޮށްފައިވާ މުއާމަލާތްތަކުން ތަކުރާރުކޮށް ކުއްޖާ ބަލާ ފޮނުވާކަމަށް ދޭހަވާ އިބާރާތުން މުއާމަލާތް ކޮށްފައިވާ ކަންވެސް ވަނީ ފާހަގަކުރެވިފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ވަރަށް ގިނަ މައްސަލަ ފާހަގަކޮށްފައިވާއިރު، ސިސްޓަމްގައި އެކުލެވިގެންވާ އެކިއެކިބައިތަކާއި މަރުހަލާތަކުގައި ހުރި މައްސަލަތައް ވަކިން ހާއްސަ ގޮތެއްގައި އާދަޔާ ޚިލާފަށް ކޭސްތައް އިތުރުވެގެން ދިޔައިރު ދިމާވާ ނިޒާމީ މައްސަލަތައް ދެނެގަނެވި އެކަންކަން ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާކަމަށެވެ. 

"ހެދިފައިވާ ރިވިއުއިން ލިބިފައިވާ މައުލޫމާތަށް ބެލުމަށް ފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު މިނިސްޓްރީ އޮފް ހެލްތުން ފިޔަވަޅު އެޅުމަށްވަނީ ހަމަޖެހިފައެވެ." މަރުގެ ހާދިސާ ހިނގިތާ ހަފުތާއެއްގެ ތެރޭގައި ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

 މިޝްކާގެ މަރުގެ މައްސަލައިން ވެސް ސާފުވި އެއްކަމަކީ ފަރުވާ ކުޑަވުން ނުވަތަ ނިޒާމުގައި ހުރި އުނިކަމުގެ މައްސަލަ އެވެ. އެ މަރުގެ ހާދިސާއަށް ފަހު ދުވާފަރުގައި ހިނގި މަރުގެ ހާދިސާގައި ވެސް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ގެންގުޅޭ އުސޫލު ނުވަތަ ސިޔާސަތު ނުވަތަ ތަންފީޒު ކުރުމުގައި ގޯސް ހުރިކަން އެނގެ އެވެ. އިތުރަށް ބެލި ވަރަކަށް ހެދިފައި ހުރި ގޯސްތައް ފެނި އަތުން ހިފުނު ނަމަވެސް ހިތާމައަކީ އެ ކަންކަމުން އިބުރަތް ލިބި އެ ފަދަ ހާދިސާތައް ތަކުރާރުނުވާނެ ގޮތްތައް ހެދޭލެއް މަދުވުމެވެ. އެ މަސައްކަތުގެ ސްޕީޑް ފެންނަމުން ނުދިއުމެވެ. 

ހެލްތު މިނިސްޓްރީގެ ލިޔެފައިވާ އަމާޒަކީ "ދިވެހިރާއްޖެއަކީ ޞިއްޙީގޮތުން ދުޅަހެޔޮއާބާދީއެއް އޮތް ޤައުމަކަށް ހެދުމަށް، ހަމަހަމަ ކަމާއެކު ލިބިގަނެވޭ، ފެންވަރު ރަނގަޅު ފަސޭހައިން ރައްޔިތުންނަށް ވާސިލްވެވޭ ފުރިހަމަ ޞިއްޙީ ޚިދުމަތެއް އެންމެންގެ ބައިވެރިވުމާއެކު ފޯރުކޮށްދެވޭކަން ކަށަވަރުކުރުން" އެވެ. އެކަމަކު މިމަންޒިލަށް ވާސިލް ނުވެވޭކަމާއި ވާސިލްވާން އެކަށީގެންވާ ފިޔަވަޅުތައް އެޅެމުން އެބަދޭތޯ އެވެ. ރަނގަޅު އުސޫލުތަކަކާއި، ސިޔާސަތުތަކެއް ފެންނަން ހުރި ނަމަ ވެސް އެ ތަންފީޒުވަމުންދާ ކަމާ މެދު ސުވާލު ނުއުފެދޭތޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް