
ޕޮލިސީ އިފްތިތާޙްކޮށްދެއްވާ ފަޒްނާ ދެއްކެވި ވާހަކަފުޅުގައި، ޗައިލްޑް ސޭފްގާޑިންގެ މުހިންމުކަން ފާހަގަކުރައްވައި ކުޅިވަރުގެ ތެރެއިން އެ ކަމަށް ޙައްލެއް ހޯދަން ދުރާލާ ވިސްނާ އެކަން ފެށީތީ އެފްއޭއެމްއާ އަދި އެ ޕޮލިސީ އެކުލަވާލުމުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ޗައިލްޑް ސޭފްގާޑިން އަދި ޗައިލްޑް ޕްރޮޓެކްޝަންގެ ތަފާތުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވާއިރު ކުދިން ސޭފްގާޑް ކޮށްދިނުމުގެ މަޤްސަދަކީ ނުރައްކާތެރިކަމަށް ކުދިން ހުށަހެޅުމުގެ ފުރުޞަތު ނުދީ ރައްކާތެރިކަމުގެ ވެށީގައި ކުދިން ދެމެހެއްޓުންކަން ފާހަގަކުރައްވާފައިވެއެވެ.
އަދި ކުޅިވަރުގެ ތެރޭގައި ހަރުދަނާ ޗައިލްޑް ސޭފްގާޑިން ފިޔަވަޅުތަކެއް އެކަށައަޅާފައި އޮތުމުގެ މުހިންމުކަން ފާހަގަކޮށް ފަޒްނާ ވަނީ އެ ޕޮލިސީ އިފްތިތާޙްކުރުމަށް އިޝާރާތްކުރައްވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަމަލުކުރަން ފެށިފަހުން އައި އެންމެ އުފާވެރި އެއް ދުވަސްކަން ފާހަގަކުރައްވާފައެވެ.
ކުޅިވަރުގެ މާހައުލުގައި އުޅޭއިރު ކުއްޖަކަށް ޖިސްމާނީ ނަފްސާނީ ނުވަތަ އެހެންގޮތަކުން ނަމަވެސް އަނިއާއެއް ދީފާނެ މީހަކުގެ ކިބައިން ސަލާމަތްވުމަށް އުނދަގޫވެދާނެ އެތައް ހާލަތެއް ކުރިމަތިވެދާނެކަން ފާހަގަކުރައްވައި، މިފަދަ ޕޮލިސީއެއް އޮތުމުން ކުދިންގެ އިތުރުން ކޯޗުންނާއި އަދި އެ ތަންތަނުގެ މެނޭޖްމަންޓަށްވެސް އޭގެ ފައިދާކުރާނެކަމަށް ފަޒްނާ ވިދާޅުވި އެވެ.
އެގޮތުން ޕޮލިސީއެއް އޮތުމުން، ކަންކުރަންވީ ގޮތަކީ ކޮބައިކަމާއި ނުކުރަންވީ ކަންކަން އެންމެންނަށްވެސް އެނގިފައި އޮންނާނެކަމަށާއި އަދި ކަންބޮޑުވާ ކަމެއް ދިމާވެއްޖެނަމަ އެކަން ރިޕޯޓްކުރަންވީގޮތާއި އެހީތެރިކަން ހޯދަންވީގޮތް ކުދިންނާ ކޯޗުންނަށްވެސް އެނގިފައި އޮންނާނެކަން ފާހަގަކުރައްވައި، އެފަދަ ބައެއް މިސާލުތަކަށްވެސް ފަޒްނާ އަލިއަޅުވާލެއްވިއެވެ.
އެކަމަނާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ އެފްއޭއިމްއާއި އާރކް ގުޅިގެން ފެށި މަސައްކަތް ހަރުދަނާވެ ނަތީޖާ ނެރުމަށް ކޮންމެ ދުވަހަކު އިސްކަންދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ކުޅިވަރު އެހެން އެސޯސިއޭޝަންތަކުން ވެސް މިކަމުގައި އިސްނަގައި ކުޅިވަރު މައިދާނަކީ ހާމަކަންބޮޑުގޮތެއްގައި ކުދިންނަށް ރައްކާތެރިކަންލިބޭ، އިތުބާރާއެކު އެކުދިންގެ ކަންބޮޑުވުންތައް ހިއްސާކުރެވޭނެ މައިދާނެއް ކަމުގައި ހެދުމަށް އެކަމަނާ ގޮވާލެއްވިއެވެ.
އެފްއޭމްގެ ޗައިލްޑް ސޭފްގާޑިން ޕޮލިސީއަކީ އެފްއޭއެމް ފައުންޑޭޝަން އަދި އެފްއޭއެމްއާ އާރކް ޖަމުޢިއްޔާ ގުޅިގެން އަދި ޔުނިސެފް މޯލްޑީވްސްއާ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ ޕޮލިސީއެކެވެ. މި ޕޮލިސީގެ މައިގަނޑު ބޭނުމަކީ ފުޓްބޯޅައިގައި ބައިވެރިވާ ހުރިހާ ކުދިންނަކީވެސް ، ކުޑަކުދިންނަށް ކުރާ، އަނިޔާއާއި، އެކުދިންނަށް ވާ އިހުމާލާއި، އެ ކުދިންނަށް ކުރިމަތިވާ ހަނގާކުރުންފަދަ ކަންކަމުން ރައްކާތެރިވެ ތިބެ ފުޓްބޯޅައިގައި ބައިވެރިވާކުދިން ކަމުގައި ހެދުމެވެ.