ދިރާސީ އާ އަހަރާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ގްރޭޑް ނުވަޔަކުން މަތީ ގްރޭޑުތަކަށް ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ޑިޖިޓަލް ޓެކްސް ފޮތުން ކަމަށެވެ.
އެހެނިހެން ގްރޭޑުތަކުގެ ދަރިވަރުން ބޭނުންވާ ޓެކްސްޓްފޮތްތަކަކީ ރާއްޖެއިން ބޭރުން ގެންނަ ފޮތްތަކަކަށް ވެފައި، ކޮވިޑް-19 ގެ ސަބަބުން އެކަމުގެ ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ސްކޫލް ހުޅުވެންވާއިރަށް ހުރިހާ ފޮތްތައް ދަރިވަރުންނަށް ދިނުމަށް އަމާޒު ހިފާފައިވާކަމަށެވެ. ނަމަވެސް ފޮތްތައް ހަވާލުނުކުރެވޭ ދަރިވަރުންގެ ފޮތްތައް އެންމެ ލަސްވެގެން މި މަހުގެ ނިޔަލަށް ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރު އައިޝާ ވިދާޅުވިއެވެ. އަދި ޓެކްސްޓް ފޮތްތައް ހަވާލުނުުރެވިވާ ދަރިވަރުންނަށް ފޮތްތަކުގެ ސޮފްޓް ކޮޕީ ފޯރުކޮށްދެވިފައިވާ ކަން ވެސް ފާހަގަކުރެއްވިއެވެ.
މޮނިޓަރިންގެ ހާލަތުގައިވާ ރަށްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށެވެ.
މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އޮންލައިން ކޮށް ކިޔަވައިދޭނީ އޮންލައިންކޮށް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކުރި ލޯކަލް ޕްލެޓްފޯމުން ކަމަށެވެ. އަދި މިހާރު ކުރިއަށްގެންދަނީ މި ޕްލެޓްފޯމަށް ޓީޗަރުން އަހުލުވެރި ކުރުމުގެ މަަސައްކަތް ކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ އޮންލައިންކޮށް ކިޔަވައިދިނުމަކީ ދަރިވަރުންނަށް ގެއްލުން ހުރި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އޮގަސްޓު 10 އެއްވާ އަންގާރަ ދުވަހުއެވެ.