އެމްއެންޑީއެފް އިން ބުނީ އެ ރިސޯޓުގައި ޕެޓްރޯލް ޓޭންކެއްގައި ހުރި ފީފާއެއްގައި އަލިފާން ރޯވެގެން، އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ ރިޕޯޓު މިރޭ އިރާކޮޅު 19:13 ހާއިރު ލިބިފައިވާ ކަމަށެވެ.
ރޯވި އަލިފާން ނިވާލާފައިވަނީ އެ ރިސޯޓުގެ މުވައްޒަފުންނެވެ.
މި ހާދިސާގައި އެ ރިސޯޓުގެ ހަތަރު މުވައްޒަފަކަށް އަނިޔާވެފައިވާއިރު، އެ މީހުން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަނިޔާވެފައިވަނީ ދިވެއްސަކާއި ތިން ބިދޭސީންނަށެވެ.
އަލިފާން ރޯވި ސަރަހައްދުގައި މިހާރު އެމްއެންޑީއެފްގެ ފަޔާ ޓީމުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ރިސޯޓުން ވަނީ އަލިފާނުގެ ހާދިސާ އެމްއެންޑީއެފްގެ އިތުރުން ފުލުހުންނަށް ވެސް ރިޕޯޓުކޮށްފައެވެ.