
ސިޓީ ކައުންސިލުން ސިލްސިލާކޮށް ބާއްވަމުންދާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި ރޭ ބައްދަލުކޮށްފައިވަނީ، މާލޭ ސިޓީގެ މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާއެވެ.
އެބައްދަލުވުމުގަައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މާފަންނުގެ މަގުތައް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން ޕްލޭންކޮށްފައިވާ ގޮތް ޕްރެޒެންޓޭޝަން މެދުވެރިކޮށް ދައްކާލާފައެވެ. އަދި އެކަމަށް ރައްޔިތުން އެދޭގޮތް ހުށަހެޅުމުން ސަރުކާރުގައި ދަންނަވައިގެން އެކަންކަން ކުރުމަށް މަސައްކަތް ކުރާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އެގޮތުން ފަރީދީމަގުގައި ހުންނަ ކުރީގެ ގަޑިބުރު ތަރައްގީކުރުމަށް ރައްޔިތުންްގެ ހިޔާލަށް ސިޓީ ކައުންސިލުން އެދޭގޮތް ވަނީ ހުށަހަޅާފައެވެ. މޭޔަރު މުއިއްޒު ވިދާޅުވީ، ގަނޑިބުރަކީ ކުރީ ޒަމާނުގައި ގަނޑިއެއް ހުރި ތަނެއް ކަމަށާއި، އެމާޒީ އަލުން އިއާދަކުރަން މާފަންނު ރައްޔިތުން ބޭނުންވާކަން ބައެއް ރައްޔިތުން ފާހަގަކުރާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އޭގެ ސަބަބުން އަންނަން އޮތް ޖީލުތަކާއި މިޖީލުގެ ކުދިންނަށް އެމާޒީ ކިޔައިދިނުމަކީވެސް ބޭނުންތެރި ކަމަކަށް ވެގެންދާނެ ކަމަށެވެ.
ގަޑިބުރު ބިނާކުރެވޭނީ އެ މޮޑާން ކޮންސެޕްޓާއިއެކު، ލެޑްލައިޓް ހަރުކޮށް އިޝްތިހާރު ޖެހިގެންދާ ގޮތައް ކަމަަށެވެ. އޭގެ ސަބަބުން ސަރުކާރުގެ ފަރާތުން އަދި ސިޓީ ކައުންސިލްގެ ފަރާތުން ހަރަދުނުކޮށް އިންވެސްޓުމެންޓު އުސޫލުން އެކަން ކުރާނެ ފަރާތެއް ލިބިގެން ދިޔުން އެކަށީގެންވާކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި އެޑްވަޓައިޒްމެންޓް ޕެނަލްއަކީ އެފަރާތުން އެކުރާ ހަރަދު އަބުރާ ލިބޭ އެއްޗަކަށް ހެދިދާނެކަމަށް ވެސް ވިދާޅުވިއެވެ.
ގަޑިބުރަކީ މީގެ ކުރިން ހަތަރު ފަރާތަށް، ގަޑި ފެންނަ ގޮތަށް ހުންނަ ގަޑިއެއް ބަހައްޓާފައިވާ ސަރަހައްދެކެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން އެ ގަޑި ވަނީ ނަގާފައެވެ.
އޭރު އެތަނުގައި ހުރި ބުރުވެސް ތަޅާލިއެވެ. އޭގެ ފަހުން ފާއިތުވި އަހަރުތަކުގެ ތެރޭގައި އެތަނަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ.
އެގޮތުން އެންމެ ފަހުން އެބުރުގެ ބާކީ ބައިވެސް ތަޅާލައި، އެތަން ކޮނެފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭރު އެކަން ކޮށްފައިވަނީވެސް ޑރ. މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރުއެވެ.
އޭރު އެތަން ތަޅާލާފައި ވަނީ މަރާމާތުކޮށް، ޒީނަތްތެރިކުރަން ގަސް ވެސް އިންދުމަށް ފަހު އެވެ.