ads
ފޮޓޯ:ރައީސް އޮފީސް——-
މޫސުމަށް އަންނަ ބަދަލުތަކުގެ ކަންބޮޑުވުންތައް ބެހޭގޮތުން މަޝްވަރާކޮށްފި
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި، އެ ދާއިރާއިން ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމާއި ގުޅޭގޮތުން ބޭރުގެ ޑިޕްލޮމެޓުންނާއި، މަލްޓިލެޓެރަލް އެޖެންސީތަކުގެ ބޭފުޅުންނާ، ވަކި ވަކީން ބައްދަލުކުރައްވައި ސްޕެޝަލް އެންވޯއީ ފޮ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން މަޝްވަރާކުރައްވައިފި އެވެ.

މި ހަފްތާގެ އެކި ދުވަސްތަކަށް ބަހާލައިގެން މާލޭގައި ބާއްވާފައިވާ މި ބައްދަލުކުރެއްވުންތަކުގައި، ޞަބްރާ ވަނީ ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ތިމާވެއްޓަށް ގެއްލުން ހުރި ވިހަ ގޭސްތައް ދުނިޔެއަށް ދޫކުރާ މިންވަރު މަދުކުރުމަށް ގޮވާލައްވާފައެވެ.

 އެކަމަނާ ވަނީ ނާޒުކު، ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ތިމާވެއްޓަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރާއްޖެއަށް މާލީގޮތުންނާއި އަދި ފަންނީ ގޮތުން އެެހީތެރިކަން ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. 

މީގެ އިތުރުން ވެސް ޞަބްރާ ވަނީ ރާއްޖޭގައި އިރުގެ އަލިން އިޢާދަކުރަނިވި ޙަކަތަ އުފައްދާ ނިޒާމުތަކަށް އިންވެސްޓުކުރުމަށާއި، 2030 ވަނަ އަހަރާއި ހަމަޔަށް ރާއްޖެއިން ދޫކުރާ ކާބަން އެމިޝަން ނެޓް ޒީރޯއަށް ހެދުމަށް އަމާޒު ހިފާފައިވާކަމަށް ހާމަކުރައްވާފައެވެ. އަދި، ތިމާވެށީގެ ގޮތުން ހޫނުވަމުން އަންނަ ދުނިޔެއަކާއި ކުރިމަތިލުމަށް ރާއްޖެއިން ތައްޔާރުވުމުގައި ބޭނުންވާ ފަންނީ ހުނަރު ތަރައްޤީކުރުމަށް ބޭނުންވާކަން އޭނާ ފާހަގަކުރައްވާފައެވެ.

މިގޮތުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި އެކު ޞަބްރާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދެޤައުމުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަ ކެތަރިން ހެސްވެލްއާއި ބައްދަލުކުރައްވައި، މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ލާމަރުކަޒީ އުޞޫލުން ކަންކަން ހިނގަމުންދާއިރު މީހުން ގައިގާ އެކަމަށް ބޭނުންވާ ހުނަރު އިތުރުކުރުން ހިމެނެއެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތާރް މުޚްތާރާއި އެކު  ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދެޤައުމަށް ކުރަމުންދާ އަސަރުތަކާއި، ތިމާވެއްޓަށް ކުރަމުންދާ އަސަރުތައް ކުޑަކުރުމަށް ފަށާފައިވާ ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއަ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަންއާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއާއި ބަންގްލަދޭޝްއިން އިސްކަންދޭ ކަންކަމާއި، ކްލައިމެޓް ވަލްނަރަބަލް ފޯރަމްއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޖަޕާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އާ ޖަޕަނީސް އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީގެ ރެޕްރެޒެންޓެޓިވްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ޖަޕާނު ސަރުކާރުގެ އެހީތެރިކަން ދެމިއޮތްކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ޗައިނާގެ ޗާޖް ޑި އެފެއާޒް، ޔޫ ޒޫޔޮންގް އާއެކު ޞަބްރާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ޗައިނާ ސަރުކާރުން އިޢާދަކުރަނިވި ޙަކަތަ އިތުރުކުރުމަށް ކުރާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި، ދެބޭފުޅުން ވަނީ ރާއްޖެއާއި ޗައިނާގައި ތިމާވެއްޓާ ރަށްޓެހި އިޤްތިޞާދެއް ބިނާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ވެރާ ހަކީމާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ޔޫއެންޑީޕީގެ ފަރާތުން ތިމާވެއްޓާ ގުޅޭގޮތުން ރާއްޖޭގައި ކުރިޔަށް ގެންދާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފައެވެ.

ކްލައިމެޓް އެމަރޖެންސީގެ ހާލަތަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި ބޮޑު ރޯލެއް އަދާކުރާ ކަމެކެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ވުޖޫދަށް ނުހަނު ބޮޑު ނުރައްކާތެރުކަމެއް މިވަނީ ކުރިމަތިވެފައެވެ. 

މިދިޔަ ހޯމަ ދުވަހު އ.ދ. ގެ އިންޓަގަވަމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖްއިން ނެރުނު ރިޕޯޓުގައިވާގޮތުގައި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ނޭދެވޭ އަސަރު ދުނިޔޭގެ ހުރިހާ ބައްރަކަށްވެސް އެބައޮތެވެ. އަދި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީސްގައި ހިފެހެއްޓުމަށް ކާބަން ދޫކުރާ މިންވަރު ވަރަށް ބޮޑަށް ދަށްކުރަންޖެހޭކަންވެސް މި ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް