ads
ކަޅުހުކުރު: މިނިވަންކަމަށް ދިވެހީން ކުރި ޖިހާދެއް؟
ނުހައްގުން މީހަކު ހައްޔަރު ކުރުމާއެކު މަދު ބަޔަކު ޖުމްހޫރީ މައިދާނަށް އެއްވިއެވެ. އެއީ 12 އޮގަސްޓް 2004 އެވެ. މިއެއްވުން ވެގެން ދިޔައީ ރާއްޖޭގައި އޭގެ ކުރިން ބާއްވާފައި ނުވާ ވަރުގެ ބޮޑު އެއްވުމަކަށެވެ.

އޮގަސްޓް 12 ވަނަ ދުވަހު ފުރަތަމަ ޖުމްހޫރީ މައިދާނަށް އެއްވީ މަދުބައެކެވެ. ނަމަވެސް އެދުވަހު، ވަގުތު ހޭދަވަމުން ދިޔަ ވަރަކަށް މީހުން އައީ އިތުރު ވަމުންނެވެ. އަދި ޖަލުގައި އެވަގުތު ހައްޔަރު ކޮށްފައި ތިބި ނައުޝާދު ވަހީދު އާއި ސަންދާނު އަހަމަދު ދީދީއާއި މުހައްމަދު ޒަކީ (ނަޒާކީ ޒަކީ)ގެ އިތުރުން ފާތިމަތު ނިސްރީން ޖަލުން ވަގުތުން މިނިވަން ކުރުމަށް އަޑު އުފުލަން ފެށިއެވެ. ހަމައެއާއެކު ރައީސް މައުމޫނު އިސްތިއުފާދެއްވުމަށް އަޑު އުފުލުނެވެ. އަދި އޭރުގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދުއާއި އޭރުގެ ޓްރޭޑް މިނިސްޓަރު އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމްގެ އިސްތިއުފާ އަށްވެސް އެއްވުމުގައި ތިބި މީހުން ގޮވަންފެށިއެވެ. 

އެއްވުމުގެ ބައިވެރީން ގިނަވެ 12 ވަނަ ދުވަހުގެ ރޭ އެންމެން ހޭދަކުރީ ޖުމްހޫރީ މައިދާނުގައެވެ. އަދިއެރޭ ދަންވަރު އެއްވުމުގެ ބައިވެރިން ކުރި ޑިމާންޑްތަކާ އެއްގޮތަށް ޖަލުގައި ތިބި ނޫސްވެރިން ދޫކޮށްލިއެވެ. އެމީހުން ޖުމްހޫރީ މައިދާނުގައި ތިބެ ވަގުތުން ރައްޔިތުންނާ މުހާތަބު ކުރަން ފެށިއެވެ. އަދި ރައީސް މައުމޫނުގެ އިސްތިއުފާ އަށްވެސް ގޮވަން ފެށިއެވެ. އަދި އޭރުގެ ގައުމީ ޓީވީންނައި ގައުމީ ރޭޑިއޯއިން އެއެއްވުން ގެނެސްދިނުމަށްވެސް ގޮވަމުންގެންދިޔައެވެ. ނަމަވެސް އެއީ މުޅިގައުމު ރައީސް މައުމޫނުގެ ފުލް ކޮންޓްރޯލްގައި ހިނގަމުން ދިޔަ ދުވަސްވަރެކެވެ. 

އެއެއްވުން ބިޔަވެ ފުޅާވެގެން ދިޔައީ އޭގެ އަމިއްލަ ޒާތުގައެވެ. އެއީ ދިވެހީންގެ ވިންދެވެ. ދިވެހީން ބޭނުންވި އެތައް ކަމަކަށް އެދުވަހު ގޮވަމުންދިޔައެވެ. މިނިވަންކަމާއެކު ވާހަކަ ދައްކަމުންގެންދިޔައެވެ. 

ޖެހިގެންއައި ދުވަހު މާފުށީ ޖަލު ފަޅާލައި ދެ ދޯންޏެއްގައި މީހުންތައް މާލެއަށް އެރުމަށް އައެވެ. މިއެއްވުމުގެ ހަބަރު ޖަލަށް ދިއުމާއެކު ޖަލުން ނުކުމެގެން ދެދޯނީގައި ޖަލުގައި އޭރިތިބި މީހުން އަންނަންފެށިއެވެ. އެހެންނަމަވެސް ދިފާއީ ބާރުން އެއްދޯންޏަށް ކަރުނަގޭސް ޖަހައި މަތަކުރިއެވެ. އަނެއް ދޯނި ފެތުނީއެވެ. 

އިރުކޮޅެއް ފަހުން އޭރުގެ ސަރުކާރަށް ތާއީދު ކުރާ ބަޔަކު ޖުމްހޫރީ މައިދާނަށް އެއްވިއެވެ. އަދި އެތަނުގައި ހިނގި ހަމަނުޖެހުން ތަކެއްގެ ތެރޭގައި ދެފުލުހަކަށް ވަޅިން ހަމަލާ ދެވުނުތަން ފެނިގެންދިޔައެވެ. އެހިސާބުން މާލޭގެ ބައެއް އިމާރާތްތަކުގައި އަލިފާން ރޯކުރުމާ ބައެއް ވެހިކަލްތަކުގައިވެސް ރޯކުރިއެވެ. މާލެތެރެ ވަރަށްބޮޑަށް ހަލަބޮލިވެގެން ހިނގައެޖެއެވެ.

އޮގަސްޓް 13 ވި ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު ދިފާއީ ބާރުން އިންޒާރުތައް ދޭންފެށިއެވެ. ޖުމްހޫރީ މައިދާނަށް އެއްނުވުމަށް ގޮވާލަމުންނެވެ. އެހެން ނަމަވެސް ރައްޔިތުން ތިބީ އެައޑު އަހާ ގޮތަކަށް ނޫނެވެ. މީހުން ދިޔައީ ޖުމްހޫރީ މައިދާނަށް އެއްވަމުންނެވެ. ނަތީޖާއަކަށް ދިފާއީ ބާރުން ބާރުގެ ބޭނުން ކުރުމެވެ. އެތައްބަޔަކު ކަނުބަނދެ، އަތާއި ފައިގައި ބިޑިއަޅުވައި، ކަރުނަގޭސް ޖެހުމާއި، ތެޅުމާއެކު އެތައް ބަޔަކު ހައްޔަރުކުރުމެވެ.

އެހިސާބުން އޭރުގެ ސަރުކާރުން ގާނޫނު އަސާސީން ރައީސްއަށް ލިބިދީފައިވާ ބާރުގެ ދަށުން ކުއްލިހާލަތު އިއުލާން ކުރެވުނެވެ. ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ ދަށުންނެވެ. ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބުނެއެވެ.

އެއީ އިސްލާހީ މަސައްކަތްތައް ފެށިގެން އައި ދުވަސްކޮޅެވެ. ދިވެހީން ބަސްބުނަން ފެށި ދުވަސްކޮޅެވެ. ބިރުވެރިކަން އިންތިހާއަށް އޮތް ދުވަސްކޮޅެކެވެ. އެކަމުން ވީއްލެން ދިވެހީން މަސައްކަތް ފެށިހިސާބެވެ. 

your imageއޮގަސްޓް 12 2005ގައި ރައީސް ނަޝީދު ޖުމްހޫރީ މައިދާނުގައި

އޭގެ އެއްއަހަރު ފަހުން އޮގަސްޓް 12 2005ގައި، 2004ގައި ޖުމްހޫރީ މައިދާނުގައި ހިނގައިދިޔަ އެހާދިސާ ފާހަގަކުރުމުގެ ގޮތުން ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވިއެވެ. މަދުބަޔަކާއެކު ޖުމްހޫރީ މައިދާނުގެ މެދުގައި އެންމެން އިށީނެވެ. ގިނަ އަދަދެއްގެ ފުލުހުން އެސަރަހައްދުގައި ތިއްބައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ހަވީރު 4:30 ހާއިރު ރައީސް ނަޝީދު ސިފައިގެ ބިލްޑިންގަށް އުފުލާލައިގެން ގެންދިޔައެވެ. ދެން ފެނުނީ ރައީސް ނަޝީދު ދޫކޮށްލަން ގޮވާލައި ކުރެވުނު މުޒާހަރާ ތަކެވެ. މުޅިރާއްޖޭގައި ކުރެވުނު މުޒާހަރާތައް ނިމުނީ ގާތްގަނޑަކަށް ތިން ދުވަހަށް ފަހުއެވެ.

އެއީ މީގެ 17 އަހަރު ކުރިއެވެ. އޭރު ޖުމްހޫރީ މައިދާނުގައި އަޑުއުފުލީ ކޮންކަމަކަށް ހެއްޔެވެ؟ އަނިޔާވެރިކަމާ ދެކޮޅަށެވެ. ރަނގަޅު ތައުލީމީ ނިޒާމަކާއި ރަނގަޅު ސިއްހީ ނިޒާމެއް ގެނައުމަށެވެ. ފަގީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަ ކުރުމަށެވެ. އާއިލާ މީހުންނާއި ގާތް ތިމާގެ މީހުންނަށް ވަޒީފާދޭތީ އެކަން ހުއްޓުވުމަށެވެ. ވައްކަން ހުއްޓުވުމަށެވެ. ހަގީގީ މިނިވަން ކަމެއް ރައްޔިތުންނަށް ހޯދައި ދިނުމަށެވެ. ސުވާލަކީ އަހަރެމެންނަށް 17 އަހަރު ފަހުން ހާސިލް ވީ ކޮންކަމެއް ހެއްޔެވެ؟ 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް